ފަސްޓްލޭޑީ ސާޖިދާ އިޖުތިމާއީ މަސައްކަތަށް ޖަމިއްޔާއެއް އުފައްދަވައިފި

އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރެއްވުމަށް ޖަމިއްޔާއެއް ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އުފައްދަވައިފި އެވެ.
ވީ ކިހިނެއް؟ - މިފަދަ ޖަމިއްޔާއެއް އުފައްދަވާފައިވާކަން އެކަމަނާ ހާމަކުރެއްވީ، މޭކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ 7 ވަނަ ސަމިޓުގެ ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަދައްކަަވަމުންނެވެ.
އެ ބައްދަލުވުމުގައި:
ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް އުފައްދެވީ މޭކް ފައުންޑޭޝަންގެ މަސައްކަތްތަކުން ހިތްވަރު ލިބިވަޑައިގެން ކަމަށް ސާޖިދާ ވިދާޅުވި 
މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެކަމަނާގެ އިސްނެންގެވުމުގެ މަތިން ހިންގަވާފައިވާ ހަރަކާތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ކޮމެޓީ ބައްދަލުވުމުގައި ހިއްސާކުރެއްވި
މޭކް ފައުންޑޭޝަންގެ ފަރާތުން، ރާއްޖޭގެ ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ގާތުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާ ކަމަށް ވިދާޅުވި
މިމަހުގެ 18 އިން 19 އަށް، ޔުނައިޓަޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ކުރިއަށްދިޔަ މި ސަމިޓުގެ އިފްތިތާހީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި އެކަމަނާ ބައިވެރިވެވަޑައިގެން، ވަނީ ވާހަަކަފުޅު ދައްކަވާފަ އެވެ. މި ސަމިޓުގައި ބައިވެރިވެލެވުމަށް ފަހު ސާޖިދާ ވަނީ މިއަދު މާލެ ވަޑައިގެންފަ އެވެ.
މި ބައްދަލުވުމުގައި މުހިންމު އިޖުތިމާއީ މައްސަލަތަކަށް އަލިއަޅުއްވާލައްވައި، ސާޖިދާ ވާހަކަދެއްކެވި އެވެ. އެގޮތުން:
ސައިބާ މަންސަތަކުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ގަނާކުރުމުގެ ޢަމަލުތަކާ ގުޅޭގޮތުން ވާހަކަދެއްކެވި 
ކުޑަކުދިންގެ އަދުލާއި، ކުޑަކުދިން ޤާނޫނާ ހިލާފުވާ މައްސަލަތަކާ ބެހޭގޮތުން ވާހަކަދެއްކެވި 
ކާބޯތަކެތީގެ ރައްކާތެރިކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ހުރި ދަތިތަކާއި ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވި
އެނގުން މުހިންމު - މިއަހަރުގެ ސަމިޓުގައި އެފްރިކާ އަދި އޭޝިޔާ ބައްރުގެ 14 ގައުމެއްގެ ފަސްޓް ލޭޑީސް ބައިވެރިވެވަޑައިގެންނެވި އެވެ.
ދަރިމައިވުމުގެ ސިއްހަތާ ގުޅުންހުރި ތައައްސަބުތައް ނައްތާލުމާއި އަންހެންކުދިންނަށް ތައުލީމު ދިނުމަށް އެއްބާރުލުންދިނުމާއި އަންހެނުން ބާރުވެރިކުރުމާއި ސިއްހީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި، އެ ދާއިރާއިން ގާބިލުކަން އިތުރުކުރުމުގެ މައްޗަށް މި ސަމިޓުގައި މަޝްވަރާކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ