ދުނިޔޭގަ ކުރިމަތިވާ މައްސަލަތަކުން އަރައިގަންނަން އިސްލާމްދީނާ އެއްގޮތަށް ޢަމަލުކުރާ މީހުންގެ މައްސަލަތައް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ޙައްލުކޮށްދެއްވަވާނެ! އިން ޝާ ﷲ

ތިމާއަށް ކަމެއް ނުވަތަ މައްސަލައެއް ކުރިމަތިވާއިރަށް އެއީ ދުނިޔޭގައި އަލަށް މީހަކަށް ޖެހުނު މައްސަލައެއް ކަމަށް ހީވެސްނުކުރާށެވެ. އަދި އެއީ ތިމާއަށް އެކަނި ޖެހުނު މައްސަލައެއް ކަމަށްވެސް ހީނުކުރާށެވެ! ކޮންމެ މައްސަލައަކީ މީގެކުރިން ދުނިޔޭގައި އުޅުނު އަދި މިހާރުވެސް ދުނިޔޭގައި އުޅޭ އެތައް މިލިއަން ބައަކަށް ކުރިމަތިވެފައިވާނޭ މައްސަލައެކެވެ.
ކުރިން އުޅުނު ބުއްދިވެރި މީހުން ވަނީ މައްސަލައިގައި ކުރިއެރުން ހޯދައި ކާމިޔާބުކޮށްފައެވެ. ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑާނުލައި ސާބިތުވުމުންނެވެ. އެތައް މިލިއަން މީހުން ވަނީ އެމީހުންގެ އުންމީދުތަކާއިއެކު މަރުވެސްވެފައެވެ. ދުނިޔޭގައި އުންމީދުތައް ޙާޞިލުނުކުރެވިއެވެ. ނަމަވެސް މަރުވުމުން އެމީހުންނަށް ލިބޭ އުފާވެރިކަމުގެ ބޮޑުކަމުން ދުނިޔޭގައި ކުރިމަތިވި މައްސަލަތައްމަތިން ހަނދުމަވެސް ނުކުރެއެވެ.
އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އެކަލާނގެއީ އެކަލާނގެ އަޅުތަކުން އެދުމުން އިމެއް، މިނެއް އަދި އަދަދެއްނެތްހައި ގިނައިން ފާފަކޮށްފައިވީނަމަވެސް ހުރިހާ ފާފައެއް ވަގުތުން ފުއްސވައި ދެއްވަވާނެކަމަށެވެ. ވީމާ ތިމާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައި ނުދެއްވަވާނެކަމަށް ޤަބޫލުކުރުމަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅުތަކަށް ކުރެވޭނެ އެންމެ ބޮޑު ފުރައްސާރައެވެ. އެފަދަ ނުބައި ވިސްނުން ގެންގުޅޭ މީހަކު ކަމުގައި ހަމައެކަކުވެސް ނުވާށެވެ! ﷲ ތަޢާލާގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ.
ދުނިޔަވީ ޙަޔާތަކީ އިމްތިޙާނެއްކަމާއި މައްސަލަތައް ކުރިމަތިވާނެކަމާއި މައްސަލަތައް ކުރިމަތިވުމުން ޢަމަލުކުރަން ޢަމަލުކުރަންވީ ގޮތް ﷲ ތަޢާލާ ވަނީ ބަޔާންކުރައްވަވައި ދެއްވަވައިފައެވެ. ކީރިތި ޤުރްއާނުގައި ވަނީ ބަޔާންކުރައްވަވައިފައެވެ. ސުންނަތުން އެއޮތީ ފެންނާށެވެ.
ވީމާ ޔަޤީންކަމާއިއެކު ބުނަމެވެ. ދުނިޔޭގަ ކުރިމަތިވާ މައްސަލަތައް ﷲ ތަޢާލާ އެންގެވިމަގުން ހަމަޖައްސަން އެނގުނު މީހަކަށް އާޚިރަތް ދުވަހުގެ މައްސަލަތައް އެކަލާނގެ ޙައްލުކޮށްދެއްވަވާނެތެވެ. އެފަދަ މީހަކު މާޔޫސްވާކަށް ނުޖެހޭނެއެވެ. އެމީހަކަށް އޮތީ ނިމުމެއް ނެތް، އިމެއް އަދި މިނެއްވެސް ނެތް އުފާވެރިކަމެވެ.
--މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ