އެމެރިކާ އިން އިރާނަށް ދިން ހަމަލާ ފައްޔާޒު ކުށްވެރިކޮށްފި އެމެރިކާ އިން އިރާނަށް ދިން ހަމަލާ ފައްޔާޒު ކުށްވެރިކޮށްފި

އިޒްރޭލް-އިރާން ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެ އިރާނަށް ދިން ހަމަލާތައް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކުށްވެރިކުރައްވައިފި އެވެ.
އިނގިރޭސި ބަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އިޒްރޭލުގެ ޒަޔަނިސްޓުން އަދި އެމެރިކާއިން އިރާނާއި އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އިޒްރޭލުން މީގެ ދެ އަހަރު ކުރިން ފެށިގެން ހަމަލާދެމުންދާ ފަލަސްތީނަށް ސުލްހަ ލިބިގެން ނޫނީ މެދުއިރުމައްޗަށް ސުލްހު ނުލިބޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
މީގެ އިތުރުން، އިޒްރޭލާއި އެމެރިކާއިން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އދ. އިން ނުކުޅެދިފައިވާ ކަމަށް ވިދާޅުވެ ފައްޔާޒު ވަނީ އެ ޖަމާއަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އދ. އަކީ ސުލްހަ ގެނައުމަށް މަސައްކަތްކުރާ ޖަމާއަތެއް ނޫން ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
"އދ. ދަނީ ހަނގުރާމައިގެ ޖަރީމާތަކަށާއި ނަސްލުހޭދަކުރުމުގެ އަމަލުތަކަށް ޖާގަދެމުން. އެކަން ދިފާއުކުރަމުން. މުސްލިމުން ދީނީ ހިޔާލުތަފާތުވުންތަކާމެދު އަރާރުން ވަމުންދާއިރު އިސްލާމީ އުންމަތް މިދަނީ އަނދަމުން،" ފައްޔާޒު ލިޔުއްވާފައިވެ އެވެ.
މި ޖީލުން މިދަނީ ހުޅަނގުގެ ލާއިންސާނީ އަމަލުތައް ލައިވް ކޮށް ސޯޝަލް މީޑިއާއިން ބަލަމުން ކަމަށާއި، ސުލްހަ ހޯދުމަށް އދ. އަށް ބަރޯސާ ވުމުގެ ބަދަލުގައި ދީނީ ގޮތުންނާއި ސިޔާސަތުގެ ގޮތުން އެއްބަސްވާ ގައުމުތަކުން ގުޅުން ބަދަހިކުރަން ފެންނަ ކަމަށް ފައްޔާޒު ވަނީ ގޮވާލައްވައިފަ އެވެ.
އިރާނުގެ ފޯޑޯ، ނަޓަންޒު އަދި އިސްފަހާނުގައި ހުރި ނިއުކްލިއާ ފެލިސިޓީތަކަށް އެމެރިކާއިން ހަމަލާ ދިނީ އިއްޔެ އެވެ. އެ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން މެދު އިރުމަތީގެ ގިނަ ގައުމުތަކުގެ ތެލާއި ގޭސް ބޭރުކުރާ މައި ކަނޑުއޮޅި ކަމުގައިވާ ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރަން އިރާނުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އަދި އިޒްރޭލަށް އިއްޔެ އާއި ރޭ ވަރުގަދަ ހަމަލާތަކެއް ވަނީ ދީފަ އެވެ.
އިޒްރޭލުގެ އެންމެ ބޮޑު ވާގިވެރިޔާ، އެމެރިކާއަށް ބޯނުލަނބައި އޮތް އިރާނުގެ ބާރު ކަނޑުވާލަން އިޒްރޭލުން ހަމަލާތައް ދޭން ފެށީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އިޒްރޭލުން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ އަސްކަރީ މަރުކަޒުތަކާއި ނިއުކްލިއާ ސައިޓުތަކަށެވެ. ނަމަވެސް އާންމުން އުޅޭ ސަރަހައްދުތަކަށާއި، ދައުލަތުގެ ޓީވީ ސްޓޭޝަނަށް ވެސް އިޒްރޭލުން ހަމަލާދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ