ކޭ ޕާކް މައްސަލަ: ޝަރީއަތް ނިމެންދެން މަންޑޭ ބަންދު ކޮށްފި

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްޤީ ކުރަމުންދާ ކޭ-ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ޙީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ދައުވާ އުފުލާފައިވާ މއ.އެރަލްސީ، ޙަސަން މަމްދޫހް (މަންޑޭ) ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ކޯޓުން މިގޮތަށް އަމުރު ކުރީ މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގަ އެވެ. ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މަންޑޭ މިއަދު ކޯޓަށް ހާޒިރުކުރުމުން މައްސަލަ ބައްލަވާ ފަނޑިޔާރު އަލީ ނަދީމް ވަނީ ޝަރީއަތް ކުރިއަށް ގެންދެވޭ މައްސަލަ ފާހަގަ ކުރައްވާފަ އެވެ.
އަދި ކޯޓުން ތާވަލުކުރާ ޝަރީއަތްތައް ކުރިއަށް ގެންދެވެނީ މަންޑޭ ކޯޓަށް ހާޒިރު ނުވާތީކަން ފާހަގަކޮށްފައިވެ އެވެ. ޝަރީއަތުގެ އަޑުއެހުމަށް ހާޒިރު ނުވެ އޭނާގެ ފަރާތުން މެޑިކަލް ރިޕޯޓްތަކެއް ހުށައަޅާފައިވާތީ އެކަމަށް ރިޔާއަތްކޮށް ފަނޑިޔާރު ވިދާޅުވީ އެ ރިޕޯޓްތަކުގައި ޝަރީއަތަށް ހާޒިރުނުވެވޭނެ ފަދަ ކަމެއް ފާހަގަކޮށްފައި ނެތް ކަމަށެވެ.
އަދި ޝަރީއަތް އޮންނަ ދުވަސްދުވަހު ވެސް އޭނާ މަގުމަތީން ފެންނަ ކަމުގެ ރިޕޯޓް އެކި ގޮތްގޮތުން ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
އެހެން ކަމުން ޝަރީއަތް ކުރިއަށް ގެންދަން އެކަށީގެންވާ އެއްބާރުލުން ނުދޭ ކަމަށް ނިންމާ ފަނޑިޔާރު ވަނީ ޝަރީއަތް ނިމެންދެން މަންޑޭ ބަންދު ކުރުމަށް އަމުރު ނެރެފަ އެވެ.
މަންޑޭ ގެ މައްޗަށް 105 ދައުވާއެއް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ.
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ %95 ޙިއްސާދާރު، ޖިން ޝިހޫގެ ހުއްދަ ނެތި، އޭނާގެ ނަމުގައި ސައްޙަނޫން ސޮއިކޮށްފައިވާ ލިޔުންތަކެއް ބޭންކް އޮފް މޯލްޑިވްސްއަށް މަންޑޭ ހުށަހަޅާފައިވާއިރު، މި މައްސަލައިގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މަންޑޭގެ ގެ ބަލާ ފާސްކޮށްފައެވެ. މި ފާސްކުރުމުގެ ތެރޭގައި މަންޑޭގެ ޕެންޓްހައުސްގެ ތެރެއިން ފެނުނު ގަހަނާއާއި އަތް ދަބަހާއި ސެންޓުގެ އަގު 7 މިލިއަނަށްވުރެ ގިނަ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ