ދަރިވަރުންނަށް ފައިސާ ޖަމާވުން ލަސްވާތީ ހުރި ކަންބޮޑުވުންތަކަށް މިނިސްޓަރުގެ ޖަވާބެއް ނެތް
ސްޓޫޑެންޓް ލޯނުގައި ރާއްޖެއިންބޭރުން މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ގިނަ އަދަދެއްގެ ދަރިވަރުންނަށް ފައިސާ ޖަމާވުން ލަސްވެ، ދިމާވަމުންދާ ދަތިތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަތުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު އުޒުރުވެރިވެވަޑައިގެންފިއެވެ. މިނިސްޓަރު ހައިދަރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރީ، މިނިމަމް ވޭޖު ރިވިއުކުރުން ލަސްވާތީއާއި، އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް އަހަރެއްވިއިރު ވެސް އެކުލަވައިނުލާތީ އެކަންކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށެވެ. ސުވާލު ކުރުމަށް ހުޅުވާލި ވަގުތުގައި ބައެއް މެންބަރުން ވަނީ ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ގިނަ އަދަދެއްގެ ދަރިވަރުންނަށް ފައިސާ ޖަމާނުވެ، ދިމާވަމުންދާ ދަތިތަކާ ގުޅޭގޮތުން ސުވާލުކުރައްވައިފައެވެ. އެގޮތުން، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އާއި ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ހުސައިން ވެސް ވަނީ އެ ސުވާލު މިނިސްޓަރާ ކުރައްވައިފައެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ރައްޔިތުންގެ މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް ނަމަވެސް, މިއަދުގެ ސުވާލުގެ ދާއިރާގެ ތެރެއިން ކުރެއްވި ސުވާލަކަށް ނުވާތީ ކަމަށް ވިދާޅުވެ, ހައިދަރު ވަނީ އެ ސުވާލުތަކަށް ޖަވާބުދާރީވުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެފައެވެ. "އިއްޒަތްތެރި މެންބަރު ކުރެއްވި ތިޔަ ސުވާލަކީ މިއަދު ސުވާލުކުރުމުގެ ދާއިރާގެ ތެރެއިންވާ ސުވާލަކަށް ނުވުމުން ޖަވާބުދޭން އަޅުގަނޑު އުޒުރުވެރިވަން،" ހައިދަރު ވިދާޅުވިއެވެ. އެކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވައި 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު ކުޑޫ ވިދާޅުވީ, ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލްކުރަމުންދާ ގިނަ އަދަދެއްގެ ކިޔަވާކުދިންނަށް ފައިސާ ޖަމާކުރުމުގައި ދަތިތަކެއް ދިމާވާކަމީ ކަންބޮޑުވުމެއް ކަމަށެވެ. އެކަމަށް 'މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން' ޖަވާބު ނުދެއްވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ކުޑޫ ވިދާޅުވިއެވެ. https://x.com/mohamedkudu/status/1937006479963541677 ދަރިވަރުންގެ ލޯން ފައިސާ ލިބުން ލަސްވުމާއި ސިޓީތަކާއި އީމެއިލްތަކަށް ޖަވާބު ލިބުން ލަސްވާތީ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ. ޚާއްސަކޮށް ދަރިވަރުންނަށް ދޫކުރަންޖެހޭ ސްޓެއިޕެންޑާއި ޓިއުޝަން ފީ ޖަމާކުރުން ލަސްވާކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ. އެ ކަމާ ގުޅޭގޮތުން އޭޕްރިލް މަހުގެ 30 ވަނަ ދުވަހު މަޖިލީހުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ, ސަރުކާރުގެ ލޯން ސްކީމާއި ސްކޮލާޝިޕްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ދޫކުރަންޖެހޭ ފައިސާ ބައެއް ފަހަރު ލަސްވާކަން ގަބޫލުކުރައްވައި ކަމަށާއި އެހެން ދިމާވަނީ ދަރިވަރުން ފޮނުވާ މައުލޫމާތު ފުރިހަމަނުވާތީ ކަމަށެވެ. https://sun.mv/205955 އޭގެ ފަހުން މެއި 13 ވަނަ ދުވަހު ވެސް މަޖިލީހަށް ވަޑައިގެން ހައިދަރު ވަނީ ދަރިވަރުންނަށް ދިމާވާ ދަތިތަކާއި އެ ކުދިންގެ ޝަކުވާތައް ބަލައިގަތުމަށް "ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް"ގެ ނަމުގައި ޚާއްސަ މޮބައިލް އެޕްލިކޭޝަނެއް އަންނަ އޮކްޓޯބަރު މަހުގެ ކުރިން ތައާރަފުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެ އެޕް ތައާރަފުކުރުމުގެ ކުރިން ވެސް ދަރިވަރުންގެ ޝަކުވާތައް ބަލައިގަތުމަށް އެ ކަމަށް ޚާއްސަ ވަޓްސްއެޕް ނަންބަރުތަކެއް ކަނޑައަޅުއްވާނެ ކަމަށް ހައިދަރު ވިދާޅުވިއެވެ. އެގޮތުން, 50 ދަރިވަރުންނަށް ވުރެ ގިނައިން ދަރިވަރުން އުޅޭ ކޮންމެ ގައުމަކަށް ވަކި ނަންބަރެއް ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. މިހާތަނަށް އޭގެ ފުރަތަމަ ނަންބަރު ތައާރަފުކޮށްފައިވާ ކަމަށް ވެސް އެ ދުވަހު ހައިދަރު ވިދާޅުވިއެވެ. ނަމަވެސް, އޭގެ ފަހުން މިއަދާ ހަމައަށް ވެސް ދަރިވަރުންނަށް މިނިސްޓްރީއާ ކޮންޓެކްޓްކުރުމަށް އުނދަގޫވެ، އެކަމުގެ ކަންބޮޑުވުން އެ ދަރިވަރުންގެ ބެލެނިވެރިން ފާޅުކުރާ ކަމަށް މެންބަރުން ވަނީ ފާހަގަކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ