އިއްޔެ އެކަނި މަޖީދީމަގާއި ބޭރުމަގުން 74 އުޅަނދު ޓޯކޮށްފި
އިއްޔެ އެކަނި ވެސް މާލޭގެ މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުން ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ 74 އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ވެރިރަށް މާލޭގައި ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. 'ސަން'އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އިއްޔެ މާލޭގެ މަޖީދީ މަގުން 18 ސައިކަލާއި ދެ ބައިސްކަލު ފުލުހުން ޓޯކޮށްފައިވާ ކަމަށެވެ. އަދި، ތާރު އަޅާފައި އޮންނަ މާލޭގެ ބޮޑުތަކުރުފާނު މަގުން 54 ސައިކަލެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި އުޅނަދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުުހުން އަންނަނީ ގަވާއިދާ ޚިލާފަށް މަގުމަތީ ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް އަނެއްކާ ވެސް ކުރަމުންނެވެ. އެގޮތުން، މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބޮޑުތަކުރުފާނު މަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ޓޯކުރާ އުޅަނދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށް ބުނެފައެވެ. އޭގެ ހަފުތާއެއް ކުރިން މި މަހުގެ 12 ވަނަ ދުވަހު ފުލުހުން ވަނީ މަޖީދީ މަގުން އެކަނި ވެސް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ 42 އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ބުނެފައެވެ. މާލޭ ސަރަހައްދުގައި ރެޖިސްޓްރީކޮށްގެން ދުއްވޭނެ ކަމަށް ކަނޑައަޅަން ފެންނަ އުޅަނދުގެ އަދަދަށްވުރެ އިތުރަށް 30،000 އުޅަނދު މާލޭ ސިޓީގައި މިހާރު ވެސް ދުއްވަމުން އަންނަ ކަމަށް އިސްލާމިކް ޔުނިވަސީޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ހަދާފައިވާ ދިރާސާއަކުން ވަނީ ދައްކާފައެވެ. އެ ދިރާސާގައި ވާގޮތުން މާލެ ސަރަހައްދުގެ ކެރީއިން ކެޕޭސިޓީ ހިފަހައްޓަން ފެންނަނީ 89،413 ގައެވެ. އެކަމަކު، މިހާރު ވެސް މި ސަރަހައްދުގައި 119،472 އުޅަނދު ދުއްވައެވެ. މިއީ ކަނޑައަޅަން ފެންނަ ކަމަށް ދިރާސާގައި ބުނެފައިވާ އަދަދަށްވުރެ 30،059 އިތުރު އަދަދެކެވެ. އެހެންކަމުން ސައިކަލުގެ އަދަދު 76،518 އަށް، އަދި ކާރުގެ އަދަދު 5،610 އަށް މަދުކުރުމަށް އެ ދިރާސާގައި ވަނީ ލަފާދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ