ރައީސަކީ ފައިސަލް ކަމަށް ބުނެ ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައެއްނުގަތް

ނައިބު ރައީސް ފައިސަލް ނަސީމް ރައީސް ކަމުގެ ހުވާ މިދިޔަ އަހަރު ކުރެއްވުމުން އެ މަނިކުފާނަކީ ރައީސް ކަމަށް ކަނޑައަޅަން އިދިކޮޅު ކޯލިޝަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް މިއަދު ނިންމައިފި އެވެ.
ރައީސްކަމުގެ ހުވާ ނައިބު ރައީސް ފައިސަލް މިދިޔަ އަހަރު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތިން ގަޑިއިރުގެ ސާޖަރީއެއް ކުރެއްވުމަށްޓަކަ އެވެ. އެހެންވެ، އިދިކޮޅު ކޯލިޝަނުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް އެ ހުވާ ކުރެއްވި ވަގުތުން ފެށިގެން ރައީސަކީ އެ މަނިކުފާނު ކަމަށް ބުނެ އެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައި، އެކަން މިއަދު ވަނީ އަންގައިފަ އެވެ. އޭގެ ތަފުސީލެއް އަދި ނުލިބެ އެވެ. މީގެ ކުރިން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ވެސް އެ ކޯޓުން ނިންމާފައި އޮތީ މައްސަލަ ބަަލައިނުގަތުމަށެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް ނިންމެވިޔަސް، އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އަދިވެސް އޮންނާނެ އެވެ. އަދި މައްސަލަ ބަލައިގަތުމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
ގާނޫނުއަސާސީ ބުނާގޮތުން ނައިބު ރައީސަކީ ރައީސް އިސްތިއުފާ ދެއްވައިފިނަމަ ނުވަތަ މަގާމުގެ ޒިންމާ އަދާކުރަން ވަގުތީ ގޮތުން ނުކުޅެދޭ ހާލަތްތަކުގައި ރައީސްގެ ޒިންމާ އަދާކުރައްވާ ބޭފުޅާ އެވެ. ނައިބު ރައީސް އެ މަގާމާ ހަވާލުވެ ވަޑައިގަންނަވާއިރު ނައިބު ރައީސްކަމުގެ ހުވާ ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ.
އެހެން ނަމަވެސް ވަގުތީ ގޮތުން ރައީސްގެ ޒިންމާތަކާ ނައިބު ރައީސް ހަވާލުވެ ވަޑައިގަންނަވާއިރު، ހާއްސަ ހުވައެއް ކުރަން ޖެހޭނެ ކަމަކަށް ގާނޫނުއަސާސީއަކު ނޯވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ