ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދިނުމާމެދު ދަންނަވާނެ އެއްޗެއް ނޭނގޭ: ރައީސް މައުމޫން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދިނުމާއިމެދު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ކުރީގެ ރައީސް އަދި އެމްއާރްއެމް ގެ ޒައީމް އާއި ސުވާލު ކުރުމުން އެ ސުވާލަށް ޖަވާބުދޭން ނޭނގޭ ކަމަށް ވިދާޅުވެއްޖެއެވެ.
ހ. ފުލިދޫ ގޭގައި ރައީސް މައުމޫނާއި، އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބައްދަލުވުމެއް މިވަގުތު ދަނީ ކުރިއަށެވެ. 
އެ ބައްދަލުވުމަށް ވަޑައިގެންނެވުމުގެ ކުރިން، ފުލިދޫ ގޭގެ ބޭރުގައި ރައީސް މައުމޫން ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. 
Advertisement
އެގޮތުން، މިހާރުގެ ސަރުކާރުގެ ކޯލިޝަންގައި ވެސް އެމްއާރްއެމް ހިމެނޭ އިރު، ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދެއްވަން ފެނިވަޑައިގަންނަވާތޯ ނޫސްވެރިއެއް ކުރި ސުވާލަށް ޖަވާބު ދެއްވަމުން މައުމޫން ވަނީ "ތި ސުވާލަށް ޖަވާބުދޭކަށް އަޅުގަނޑަކަށް ނޭނގެ" ކަމަށާއި ކުރިއަށް އޮތް ތަނުގައި ކަންކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. 
"އަޅުގަނޑުމެން މި މަޝްވަރާ ކުރަނީ ކުރިއަށް އޮތް ތަނުގައި ކަންކަން ވެގެންދާނެ ގޮތަށް. އެހެން މަޝްވަރާކޮށްފައި، ގިނަ ބޭފުޅުންނަށް، ކައުންސިލްގެ ގިނަ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން އަޅުގަނޑުމެން ނިންމާނީ." މައުމޫން ވިދާޅުވި އެވެ. 
ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް އެދި މިހާރުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި، ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމް އަށްވެސް ރައީސް ޞާލިހު ވަނީ ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީއާއި ގުޅިގެން ވަކި ގޮތެއް ނުނިންމާ މިހާރު އޮތީ އެމްއާރްއެމުން އެކަންޏެވެ.
އަދި އިންތިޚާބާއި ގުޅޭ މަޝްވަރާތައް ކުރުމަށް އިއްޔެ މެންދުރުގެ ވަގުތެއްގައި ރައީސް ޞާލިހާއި އެކު މައުމޫން ހިމެނޭހެން އެމްއާރްއެމް ގެ އިސްބޭފުޅުން ވަނީ ބައްދަލު ކުރައްވާފަ އެވެ.  
އެ ބައްދަލްވުމަށް ފަހު އެމްއާރްއެމް އިން ބުނީ ކޯލިޝަން ހެދުމާއި މެދު ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އަދި އެމްއާރްއެމްގެ ލީޑާޝިޕާއި ރައީސް ސޯލިހްގެ މަންދޫބުންގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެއްބަސް ވެވިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ