ފަލަސްތީނު ރައީސްގެ ވިސާ ދޭން އެމެރިކާއަށް ގޮވާލައިފި
ފަލަސްތީނުގެ ރައީސް މަޙުމޫދު އައްބާސްގެ ވިސާ ބާތިލުކުރަން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ފަލަސްތީނު އޮތޯރިޓީ (ޕީއޭ)އިން އެމެރިކާއަށް ގޮވާލައިފިއެވެ. ޕީއޭއީއިން އެގޮތަށް ގޮވާލީ ނިއު ޔޯކުގައި ބާއްވާ އަންނަ މަހު ބާއްވާ އދ ގެ އާންމު މަޖިލިސް ބާއްވަން ގާތްގަޑަކަށް ހަފުތާއަކަށްވެފައި ވަނިކޮށް އައްބާސް ހިމެނޭހެން އާންމު މަޖިލީހުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަލަސްތީނުގެ 80 ވަރަކަށް އޮފިޝަލުންނަށް އެމެރިކާއިން ވިސާ ނުދޭން ނިންމާފައިވާކަން އިއުލާނުކުރުމުންނެވެ. އައްބާހަކީ ގިނަ އަހަރުތަކެއް ވަންދެން އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާފައިވާ ބޭފުޅެކެވެ. އެއީ ފަލަސްތީނުގެ ވަފުދުގެ އިސްވެރިޔާއެވެ. "އެމެރިކާގެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލަން. ނިންމުމުގެ ސަބަބުން މަޝްރަހު އިތުރަށް ވާނީ ގޯސް،" އައްބާސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދޭނީ ވިދާޅުވިއެވެ. އަދި، އެމެރިކާގެ އެ ނިންމުން އަނބުރާ ގެންދިއުމަށް ޕްރެޝަރު ކުރުމަށް އެހެން ގައުމުތަކަށް ވެސް ތަރުޖަމާނު އިލްތިމާސް ކުރެއްވިއެވެ. ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުން ކޯ ހޯސްޓް ކުރަނީ ފްރާންސާއި ސައުދީ އަރަބިއްޔާއިންނެވެ. ވިސާ ބާތިލު ކުރުމަކީ 1947 ވަނަ އަހަރު އެކުލަވައިލާފައިވާ އދ ގެ މައި އިދާރާގެ ބާރުތަކާ ބެހޭ އެއްބަސްވުމާ ޚިލާފު އަމަލެކެވެ. އެ އެއްބަސްވުމުގެ ދަށުން އދގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާއަށް ވަޑައިގަންނަވާ ބޭރު ގައުމުތަކުގެ ވެރިންނަށް އެމެރިކާއިން ވިސާ ދޫކުރަން ޖެހޭނެއެވެ. ނަމަވެސް، ގައުމީ ސަލާމަތާއި، އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ އިތުރުން ޓެރަރިޒަމްއާ ގުޅުން ހުރި މައްސަލަތަކުގައި ބޭރު ގައުމުތަކުގެ ވެރިންނަށް އެމެރިކާއަށް އެތެރެވުމުގެ ފުރުސަތު ނުދިނުމުގެ ބާރު އެ ގައުމަށް ލިބިގެންވާ ކަމަށް އެ ގައުމުގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ ޕީއޭއާއި ފަލަސްތީނު ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) އިން ވައުދުތަކަށް އަމަލު ނުކުރާ ކަމަށާއި އެކަމުގެ ސަބަބުން ސުލްހައަށް ބުރޫ އަރާނެ ކަމަށެވެ. މި ފަހަރު ބާއްވާ އާންމު މަޖިލީހުގެ ބައްދަލުވުމަކީ ފަލަސްތީނާއި ފަލަސްތީނުގެ ރައްޔިތުންނަށް ވަރަށް މުހިންމު ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި ފަލަސްތީނުގެ މިނިވަން ކަމާ ގުޅޭ މުހިންމު ސަމިޓެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ހުޅަނގުގެ ތިން ގައުމަކުން ވަނީ އެ ބައްދަލުވުމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ރަސްމީކޮށް ބަލައިގަނެ، އެ ކަން އިއުލާނު ކުރުމަށް ނިންމާފައެވެ. އެ ގައުމުތަކަކީ ފްރާންސް، އިނގިރޭސިވިލާތް، ކެނެޑާ އަދި އޮސްޓްރޭލިޔާއެވެ. ވިސާ ހުއްޓުވާފައިވަނީ ޣައްޒާގައި ފަލަސްތީނު މީހުންނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ނަސްލު ނައްތާލުމުގެ ލާއިންސާނީ ހަނގުރާމަ ބައިނަލްއަގުވާމީ މުޖުމަތަކުން ކުށްވެރިކުރުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ