'ދުރަންދާރު'ގެ ކްރޫއިންގެ ކާނާ ވިހަވީ 'ޚަރަދު ކުޑަކުރުމުން'ނެއް ނޫން: ޕްރޮޑިއުސަރު
އެކްޓަރު ރަންވީރު ސިން ލީޑް ރޯލު ކުޅޭ ފިލްމު "ދުރަންދާރު"ގެ ގިނަ އަދަދެއްގެ ކްރޫއިންތަކެއްގެ ކާނާ ވިހަވި ހާދިސާއާ ގުޅުވައިގެން ހަގީގަތާ ޚިލާފު ވާހަކަތައް ނުދެއްކުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ގޮވާލައިފިއެވެ. ކަޝްމީރުގެ އިންޑިއާ ފަޅީގައި އޮންނަ ލަދާކްގެ ލޭގައި ފިލްމުގެ ޝޫޓިން ކުރިއަށްދަނިކޮށް ފިލްމުގެ މަސައްކަތްތަކުގައި އުޅުނު 600 އެއްހާ ކްރޫއިންގެ ތެރެއިން 120 މީހެއްގެ ކާނާ ވިހަވެ، އެ މީހުންނަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. މި ހާދިސާއާ ގުޅިގެން ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވަނީ ކާނާ ވިހަވާންޖެހުނީ ޚަރަދު ކުޑަގޮތަކަށް ފިލްމު ކުރޫގައި ހިމެނޭ މެންބަރުންގެ ކެއުމުގެ ކަންކަން އިންތިޒާމުކޮށްފައިވާތީ ކަމަށާއި ފެންވަރު ދަށް ކެއުންތައް ކްރޫއިންނަށް ކާން ދިނުމުން ކަމަށެވެ. އެއީ، ފިލްމުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ. ފިލްމު "ދުރަންދާރު"ގެ ކާސްޓުގައި ހިމެނޭ ބައެއް ތަރިން އަދި ޑައިރެކްޓަރު އަދިތިޔަ--ފޮޓޯ/ޕިންންކްވިލާ ނަމަވެސް، "ދުރަންދާރު"ގެ ޑައިރެކްޓަރު އަދިތިޔަ ދަރުގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވަނީ ކާނާ ވިހަވާން ދިމާވީ ކެއުން ތައްޔާރުކުރުމަށް ބޭނުންކޮށްފައިވާ ކުކުޅުތަކުގައި އެކުލެވޭ ބެކްޓީރިއާއެއްގެ ސަބަބުން ކަމަށެވެ. އެއީ، "ދުރަންދާރު"ގެ ކްރޫއިންނަށް ކެއުމުގެ ކަންކަން އިންތިޒާމުކޮށްދޭ ކުންފުންޏާ އެއްވެސް ގުޅުމެއްހުރި ކަމެއް ނޫން ކަމަށާއި އެއީ އެ ކުންފުންޏަށް ކުކުޅު ސަޕްލައިކޮށްދިން ކުންފުނީގެ މައްސަލައެއް ކަމަށް އަދިތިޔަގެ ޓީމުން ވަނީ ބުނެފައެވެ. ފިލްމު "ދުރަންދާރު"އަކީ މިހާތަނަށް އަދިތިޔަގެ ޕްރޮޑަކްޝަން ކުންފުނިން ގެނެސްދޭ އެންމެ ބިޔަ ބަޖެޓް ފިލްމު ކަމަށާއި 300 އެއްހާ މީހުންގެ ކެއުމުގެ ޚަރަދު ކުޑަކުރުމަކުން ފިލްމުގެ ބަޖެޓަށް މާ ބޮޑު ފައިދާއެއް ނުކުރާނެ ކަމަށް އެ ޓީމުން ވަނީ ބުނެފައެވެ. ފިލްމުގެ ކްރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަބަދު ވެސް އެ ޕްރޮޑަކްޝަން ކުންފުނިން އިސްކަންދޭ ކަމެއް ކަމަށާއި ކާނީ ވިހަވި ހުރިހާ އެންމެންނަށް ވެސް ފަރުވާ ދެވި އޭގެތެރެއިން ބައެއް މީހުން ފިލްމު ޔުނިޓާ ގުޅި މަސައްކަތް އަލުން ފަށާފައިވާ ކަމަށް ވެސް އަދިތިޔަގެ ޓީމުން ވަނީ ބުނެފައެވެ. ލަދާކްގެ ލޭގައި ކުރިއަށްދާ ޝޫޓިންގް ޝެޑިއުލް ނިމެން ދެން އޮތީ މަދު ހަފުތާތަކެއް ކަމަށާއި އަންނަ މަހުތެރޭ އެ ޝެޑިއުލް އެއްކޮށް ނިންމާލެވޭނެ ކަމަށް މި ޓީމުން ވަނީ ބުނެފައެވެ. އެހެންކަމުން ހަގީގަތާ ޚިލާފު ވާހަކަތައް މީޑިއާގައި ނުދެއްކުމަށް އަދިތިޔަގެ ޓީމުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ