ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްގެ މަގާމަށް އިންތިހާބުވެ، މި ވީ މަދު ދުވަސްތަކުގެ ތެރޭގައި ކުރެވުނު މަސައްކަތުގައި ރާއްޖޭގެ ފުޓްބޯޅައިގެ ސިސްޓަމެއް އެކުލަވާލުމަކީ ކުރެވުނު ބޮޑު ކަމެއް ކަމަށް އެފްއޭއެމްގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތޯރިގު ވަނީ، ރާއްޖޭގެ ފުޓްބޯޅައިގެ "ސިސްޓަމެއް އެކުލަވާލެވިފައިވާ" ކަމަށް ވިދާޅުވެ، އެއީ ވަރަށް މުހިންމު ކަންތައްތަކެއްގެ ފެށުންކަން ފާހަގަކުރައްވައިފަ އެވެ.
"އެންމެ ފުރަތަމަ ވެސް އަޅުގަނޑުމެން ކުރި އެންމެ މުހިންމު ކަމަކީ، މިހާތަނަށް ރާއްޖޭގައި ނުކުރާ ކަމެއް، ރާއްޖޭގެ ފުޓްބޯޅައިގެ ސިސްޓަމް ޗޭންްޖްކުރުން، ސިސްޓަމްއޭ މި ދަންނަވަނީ، މީގެ ކުރިއަކުން، މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ދިވެހި ރާއްޖޭގެ ޕްރިމިއާ ލީގަށް ޕްރޮމޯޓްވުމުގެ ނިޒާމެއް ނޯންނާނެ ގާއިމްކޮށްފައި، ވީމާ އަޅުގަނޑުމެންގެ އެކްސްކޯ އިން ފުރަތަމަ ވެސް މި ކުރި ކަމަކީ، އެ ނިޒާމް ގާއިމްކުރުން، އެ ނިޒާމް ގާއިމްނުކޮށް، ހުރިހާ ކަމެއް އެންމެ ފައިން ޓިއުން ވެގެން ކުރަން ކުރަން ރާއްޖޭގައި މިހާތަނަށް މި ތިބެވުނީ، ފުރަތަމަ ވެސް އަޅުގަނޑުމެން ފަށަން ބޭނުންވަނީ ވެސް އަތޮޅު މުބާރާތް ފަށައިގެން." ތޯރިގު ވިދާޅުވި އެވެ.
އެފްއޭއެމް އިން މުޅި ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު އެކުލަވާލަން ކުރާ މަސައްކަތުގައި ރީޖަނަލް ލީގުތައް ފެށުމަށްޓަކައި، "އެޓޯލް ޗެމްޕިއަންޝިޕް" ގެ ނަމުގައި ފަށާ މުބާރާތްތަކުގައި ބައިވެރިވުމަށް އޮތީ ހުޅުވާލައިފަ އެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެފްއޭއެމްގެ ([email protected]) އީމެއިލް އަށް ފޮނުއްވުމަށް އެ އެސޯސިއޭޝަނުން އެދެ އެވެ.
ތޯރިގު ވިދާޅުވީ، މިހާރު މި އޮތް ސިސްޓަމްގެ ތެރެއިން، 2026/27 ގެ ދިވެހި ޕްރިމިއާ ލީގުގައި އަތޮޅު ތެރެއިން އެއް ޓީމެއް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ރީޖަންތަކުން އަންނަ ޓީމު ކޮލިޓީ ހުންނަންވާނެ ޕްރިމިއާ ލީގު ޓީމުތަކާ ވާދަކުރުމުގެ، އެ ވާދަކުރުމުގެ ފުރުސަތު ދީފައި އެ ޓީމުތައް ވަރުގަދަވެގެން ޕްރިމިއާ ލީގަށް ވަންނަ ހިސާބުން އަޅުގަނޑަށް ހީވަނީ މަޑުމަޑުން ޕްރިމިއާ ލީގުގެ ފޯރި ވެސް ގަދަވެގެންދާނެހެން،" ތޯރިގު ވިދާޅުވި އެވެ.
ޕްރިމިއާ ލީގުގެ ފޯރި ގެއްލުނު ސަބަބާ ބެހޭގޮތުން ތޯރިގު ވިދާޅުވީ އޭގެ ބައިވަރު ސަބަބުތަކެއް ވެސް އެބަހުރި ކަމަށެވެ. އެ ކަންކަމުގެ ތަފްސީލަށް ދިއުުމުގެ ބަދަލުގައި، ތޯރިގު ވިދާޅުވީ، ހަގީގަތަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އަދިވެސް ފުޓްބޯޅައިގެ "ޕެޝަން" އެބައޮތް ކަމަށެވެ. އެހެންވެ، އެންމެ އިންސާފުވެރި ގޮތަކީ، ފުޓްބޯޅަ އަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ އޮތް ފޯރި އާލާކޮށް، ގައުމުގެ އެންމެ މަތީ ޑިވިޝަނުގައި ކުޅުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް ހުޅުވާލުން ކަމަށް ތޯރިގު ފާހަަގަކުރެއްވި އެވެ.
"އެހެން ބަލާފައި ސިސްޓަމް ޗޭންޖްކުރީ. ފުޓްބޯޅައިގެ ޕިރަމިޑް ޗޭންޖްކުރީ ދިވެހިރާއްޖޭގެ ހުރިހާ ރަށަކުން ފަށަން،" ތޯރިގު ވިދާޅުވި އެވެ. "ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ވެސް އަލުން ބަލުން ހުއްޓިފައި އޮތް ފުޓްބޯޅައިގެ ހާއްސަކޮށް، އިލެވަން އަ ސައިޑް ފުޓްބޯޅަ ފެށުމުގެ ގޮތުން، މި އިއުލާނުކުރީ، އޮކްޓޫބަރު މަހުގެ ތެރޭގައި ބައިވެރިވާ ރަށްތަކުގެ އަދަދު ބަލާފައި ފަށައިގަންނާނީ އަތޮޅު މުބާރާތްތައް،"
ރާއްޖޭގެ ފުޓްބޯޅައިގައި ފޯރި ނެތޭ ބުނާ ވާހަކަތަކާ ގުޅޭގޮތުން ކުރި ސުވާލަށް ދިން ޖަވާބުގައި ތޯރިގު ވިދާޅުވީ، ފުރަތަމަ ޑިވިޝަނުގައި އޮތް ޓީމުތަކަށް ފާޑުކިޔަން ބޭނުންނުވާ ކަމަށާއި އަލަށް މި ފެށުނު ބަދަލުތަކާ އެކު ލީގުގެ މަސައްކަތުގެ ތެރެއިން ފުޓްބޯޅައިގެ ފޯރި އަށް ދިރުމެއް ގެނެވޭނެ ކަމަށެވެ.
"ރަށެއް ނިސްބަތްވާ ޓީމެއް ބިލްޑްވެގެން، އެ ނިސްބަތްވާ ޓީމު އައިސް ޕްރިމިއާ ލީގު ކުޅޭ ކަމަށްވާނަަމަ، އޭގެ ފަހަތުގައި ސަޕޯޓަރުން ތިބޭނެ، ކޮންމެ ބޭފުޅަކު ވެސް އެ ނިސްބަތްވާ ރަށަށް ގައުމަށް ވިޔަސް. އެ ނިސްބަތްވާ ޓީމު މޮޅުވާ ކަަމަށްވަންޏާ އެއާ އެކު ރޫހު ވެސް އަންނާނެ. އެހެންވީމަ އެ އައިޑެންޓިޓީ އެ ރަށްރަށުގައި ހުންނާނެ، މިސާލަކަށް ކުޅުދުއްފުށީ ނޫނީ ދިއްދޫ ބޭފުޅަކު ދިއްދޫ ޓީމު ކާމިޔާބު ކުރުމަށް އެދޭނެ. އެ ރަށުގެ ކުދިން ކުޅޭތަން ބަލަން ވެސް ދާނެ. ޓީވީ ތަކުން ވެސް ބަލާނެ،" ތޯރިގު ވިދާޅުވި އެވެ.
މީގެ ކުރިން، މުޅި ރާއްޖެ އަށް ހުޅުވާލައިގެން، ޕްރިމިއާ ލީގު ފުޅާކޮށްގެން ކުޅުމަށްޓަކައި މުބާރާތް ލޯންޗް ވެސް ކުރި އެވެ. ރީޖަންތަކުގެ މުބާރާތްތައް ފަށައި ވަކި ހިސާބަކުން ހުއްޓުނީ އެވެ. އެ ފަހަރު އެންމެ ވަރުގަދަ އަށް ދެކެވުނު ވާހަކަ އަކީ ފުޓްބޯޅަ ހޯމް އެންޑް އަވޭ އަށް ބަދަލުކުުރުމުގެ ވާހަކަ އެވެ.
ތޯރިގުގެ ތަސައްވުރުގައި، ހޯމް އެންޑް އަވޭ އަށް ކުޅުމަކީ، ރާއްޖޭގެ ކަންކަން މި އޮތް ގޮތުން ވަރަށް "ހަރަދު ބޮޑު" ކަމެކެވެ. އެކަމަކު، މިހާރު އެފްއޭއެމް އިން ލީގުގެ އޮނިގަނޑު ބަދަލުކޮށްގެން މި ފެށޭ މަސައްކަތުގެ ތެރެއިން ހޯމް އެންޑް އަވޭ އަށް ކުޅުމުގެ މި ބިނާކުރަނިވި ހިޔާލާ އެއްގޮތަށް ވެސް ކުރިއަށްދިއުމުގެ ކަންކަން ފެށިގެންދާނެ ކަަމަށް ތޯރިގު ފާހަގަކުރެއްވި އެވެ.
"ފަށައިގަންނަ އަހަރުގައި ވެސް ހާއްސަކޮށް ނޯތު، ސެންޓްރަލް، ސައުތު ލީގުގައި ގަދަ އަށް އަރާނެ ހަަތަރު ޓީމު، ކިޔަމާ ހިނގާ ހއ. އަތޮޅުން ފެށިގެން ޅ އާ ހަމައަށް އަންނަ ހަތަރު ޓީމު އެ ހަތަރު ޓީމުގެ ކުޅޭނެ ހޯމް އެންޑް އަވޭ އުސޫލުން، މިސާލަކަށް ނައިފަރު ކުޅެން ޖެހިދާނެ ހއ، ގެ ޓީމަކާ ވެސް އެ ލީގަށް ދިޔައީމަ، އެއް މެޗު ކުޅޭނީ ނައިފަރުގައި އަނެއް މެޗު ކުޅޭނީ ހއ ދިއްދޫގައި، ކޮންމެ ޓީމެއް ވެސް ދެ ބުރު ކުޅޭނެ، އެއީ ފެށުމެއް، ރީޖަނަލް ލީގުގައި ވެސް މުބާރާތުގެ ވަކި ހިސާބަކަށް ދާއިރު އޮންނާނީ ފައިސާގެ ގޮތުން ވަރަށް ދަތިވެފައި، އެ އަށް ސަޕޯޓް ދެވޭނެ ނިޒާމެއް އޮންނަން ޖެހޭނެ،" ތޯރިގު ވިދާޅުވި އެވެ.
"މި އަންނަ ސީޒަން ފަށާއިރު އެއް ޓީމު ވަންނާނެއޭ ރީޖަނަލް ލީގުން ޕްރިމިއާ ލީގަށް ވަނީމަ، މިސާލަކަށް ހއ. އަތޮޅު ދިއްދޫ ޓީމެއް ޕްރިމިއާ ލީގަށް ކޮލިފައިވެއްޖެނަމަ އަޅުގަނޑުމެންގެ އުންމީދަކީ އެއް މެޗު ކުޅޭނީ ދިއްދޫގައި އަނެއް މެޗު ކުޅޭނީ މާޒިޔާގެ ދަނޑު އެއީ ނެޝަނަލް ސްޓޭޑިއަމް ވެއްޖިއްޔާ، ނެޝަނަލް ސްޓޭޑިއަމް. އެ ގޮތަށް ބަދަލުވުމުގެ ފުރުސަތު އޮންނާނެ، އެއީ އުންމީދަކީ،"
ތޯރިގު ކުރެއްވި އެންމެ ބޮޑު އިލްތިމާސަކީ، މި ވަގުތު ހުޅުވާލައިފައި އޮތް އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގައި، ފުޓްބޯޅައިން ކުރިއަށް ދިއުމުގެ އަމާޒުގައި އޮތް ރަށްތަކުން ބައިވެރިވުމެވެ. އެކަން މުހިންމުވާ ސަބަބުތައް އޭނާ ވަނީ އޮޅުންފިލުވައިދެއްވައިފަ އެވެ.
އެ ގޮތުން، އޭނާ ވިދާޅުވީ، އެފްއޭއެމްގެ އަސާސީ ގަވާއިދު ބަދަލުކުރިއިރު، މި އަހަރު ކުޅިވަރު ގާނޫނަށް ގެނައި ބަދަލާ އެކު، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ރީޖަނަލް އެސޯސިއޭޝަންތަކަށް ފުޅާކުރުމަށް އެ ގާނޫނުގައި މަހުފޫމަކަށް އޮންނަ ކަމަށެވެ. އޭގެ ދަށުން، ރީޖަނަލް އެސޯސިއޭޝަންތައް ހަދާނެ ގަވާއިދު މުޅިން އެކުލަވާލެވިފައި ނުވި ނަމަވެސް އެ ދިމާލަށް ގެންދިއުމަށްޓަކައި އެފްއޭއެމްގެ އަސާސީ ގަވާއިދަށް އިސްލާހު ގެނައިއިރު، ރީޖަނަލް އެސޯސިއޭޝަންތައް ހެދޭނެ ގޮތަށް ގަވާއިދަށް ލާން ހުށަހެޅި ކަމަށް ތޯރިގު ވިދާޅުވި އެވެ.
"އެކަމަކު ފީފާ އިން އައިސްތިބި ފަރާތްތަކުން ކުރިން (ރާއްޖޭގައި) ކަންތައް ވެފައި ހުރި ގޮތުން، އެ ބޭފުޅުންގެ ރިކުއެސްޓަކީ އެސޯސިއޭޝަންތަކެއް ހަދާށޭ، ފަހުން އަސާސީ ގަވާއިދަށް ލާށޭ، އެއިރުން ކޮމްބައިން ކުރެވޭނެއޭ،" ތޯރިގު ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ، މި އަހަރު އެފްއޭއެމްގެ މި އަތޮޅު މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް، ރީޖަނަލް އެސޯސިއޭޝަންތައް ހަދާއިރު، އޮތް އެޑްވާންޓޭޖް ބޮޑުވާނެ ކަމަށެވެ.
"މިސާލަކަށް ހއ. ނުވަތަ އައްޑު އަތޮޅު ރީޖަންގައި ބައިވެރިވާ ޓީމެއް މި އަހަރުގައި ބައިވެރިވެފައި، ދެ ވަނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ރީޖަނަލް އެސޯސިއޭޝަންތައް ކްރިއޭޓްކުރަން ވެގެން އަސާސީ ގަވާއިދުން އުފައްދައި، އެކްސްކޯ އެއް އިންތިހާބުކުރާއިރު، އެ ފުރުސަތު ލިބޭނީ މި އަހަރު ބައިވެރިވާ ޓީމުތަކަށް، އޭގެ ފަހުން އަނެއް އަހަރު ބައިވެރިވާ ޓިމުތަކަށް ވެސް ފުރުސަތު ލިބޭނެ އެކަމަކު އަލަށް ފުރަތަމަ އުފައްދާއިރު، ބަލާނަން ކޮން ރަށްތަކަކުންތޯ ނޫނީ ކްލަބްތަކަކުންތޯ ބައިވެރިވީ،" ތޯރިގު ވިދާޅުވި އެެވެ.
"އެ ބައިވެރިވި ރަށްތަކުގެ މެދުގައި އެ އުފެއްދޭ ރީޖަނަލް އެސޯސިއޭޝަނެއް އުފެއްދޭނީ. މިއީ އަޅުގަނޑުމެން މުޅި ރާއްޖެ އަށް (އެފްއޭއެމްގެ ކަންކަމުގައި) ވޯޓު ލުމުގެ ހައްގުތައް ފުޅާކުރުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމް ތެރޭގައި މި ކޮމްޕެޓިޝަން މި އަންނަނީ،"
އެފްއޭއެމްގެ މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކާ އެއްކޮށް ރީޖަނަލް އެސޯސިއޭޝަންތައް ހެދުން، އުސޫލުތަކާ އެއްގޮތަށް ކުރިއަށްދިއުމަކީ އެކަން ކުރަން ޖެހޭނެ ގޮތް ކަމަށް ތޯރިގު ވިދާޅުވި އެވެ. އަދި، އޭގެ ފަހުން، އެ ބައިވެރިވާ ރަށްތަކުގެ މެދުގައި އިންތިހާބެއް ބާއްވައިފައި ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ނިންމާފައި އެފްއޭއެމްގެ މެމްބަޝިޕް އެ ރީޖަނަލް އެސޯސިއޭޝަންތަކަށް ލިބިގެންދާނެ ކަމަށް ތޯރިގު ވަނީ ފާހަގަކުރައްވައިފަ އެވެ.
ރީޖަނަލް އެސޯސިއޭޝަންތަކެއް އުފެއްދުމަށް ފަހު، ފުރަތަމަ އެ އެސޯސިއޭޝަންތަކަށް އަމިއްލަ އަށް މުބާރާތްތަކެއް ހިންގަން އުނދަގޫވާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ. އެހެންކަމުން، ވިސްނުމަކީ، އެފްއޭއެމް އިން ފުރަތަމަ ރީޖަނަލް އެސޯސިއޭޝަންތަކަށް އެއްބާރުލުން ދިނުމަށްފަހު، އެ ރީޖަނަލް އެސޯސިއޭޝަންތައް އަމިއްލަ ފައިމައްޗަށް ތެދުވެ ލީގު/މުބާރާތް ބޭއްވޭ ހިސާބަށް ދިޔައީމަ އަމިއްލަ އަށް ހިންގުމުގެ ފުރުސަތު ދިނުމަށް ކަމަށް ތޯރިގު ވިދާޅުވި އެވެ.
ތޯރިގުގެ ޕްލޭން: އަތޮޅުތަކާ އެކު އެފްއޭއެމް ކުރިއަށްގެންދިއުން ތޯރިގުގެ ޕްލޭން: އަތޮޅުތަކާ އެކު އެފްއޭއެމް ކުރިއަށްގެންދިއުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ