އަންނަ އަހަރުގެ ފުރަތަމަ 6މަސް ތެރޭ އޮސްޓްރޭލިއާއިން ދޭ ޕެޓްރޯލް ބޯޓު ބަނެ ނިމޭނެ: ސަފީރު
އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރާ މުޅިން އާ، ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ނިމެން ވާއިރަށް ބަނެ ނިމޭނެކަމަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ވިދާޅުވެއްޖެއެވެ. މި ޕެޓްރޯލް ބޯޓު ހަދިޔާ ކުރަން ނިންމައި އެކަން އިއުލާނުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭ އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. އެސްއެސް ޓީވީއިން ގެނެސްދޭ ޑިޕްލޮމެޓިކް ފޯކަސް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ މަނަވަރު ހަދިޔާކުރުމުގެ ނިންމުމަކީ، ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ދިޔަކަން ރަމްޒުކޮށްދޭ ކަމެއްކަމަށެވެ. ވަކިން ޚާއްސަކޮށް އަސްކަރީ ދާއިރާއިން ގުޅުން ބަދަހިވިކަމުގެ ރަމްޒެއް ކަމަށް ސަފީރު ވިދާޅުވިއެވެ. އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް -- ފޮޓޯ: ރައީސް އޮފީސް "މިއީ އޮސްޓްރޭލިއާކީ ރާއްޖެއަށް އިތުބާރު ހިފޭ، ވަރުގަދަ ބައިވެރިއެއްގެ ގޮތުގައި އަބަދުވެސް ވާނެކަމުގެ މެސެޖު ދޭ ކަމެއް. އަޅުގަނޑުމެން ވަރަށް އިސްކަންދޭ ކަމެއް ރާއްޖެއަށް އަމިއްލައަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަން ލިބިފައި އޮތްކަން ކަށަވަރުކުރުމަކީ،" ސަފީރު ވިދާޅުވިއެވެ. ސަފީރު ވިދާޅުވީ އުންމީދުކުރައްވަނީ މި ޕެޓްރޯލް ބޯޓާއެކު އެ ކަން ކަށަވަރުވާނެ ކަމަށެވެ. ސަފީރު ވިދާޅުވި ގޮތުގައި މިހާރު ކުރަމުން އަންނަނީ މި ޕެޓްރޯލް ބޯޓު ބަނުމުގެ މަސައްކަތެވެ. ބޯޓު ބަނުމުގެ މަސައްކަތް ކުރަމުން އަންނަނީ އޮސްޓްރޭލިއާގެ ޕާތު ސިޓީގައެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ނިމެންވާއިރަށް ބޯޓު ބަނުމުގެ މަސައްކަތް ނިމޭނެ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މި ބޯޓަށް ބޭނުންވާ ފަޅުވެރިން ތަމްރީނުކުރުމުގެ މަސައްކަތް ރާއްޖޭގެ ޑިފެންސް މިނިސްޓްރީއާ ގުޅިގެން ކުރާނެ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ. ސަފީރު ވަނީ އަސްކަރީ ދާއިރާއިން މި ނޫނަސް މުހިންމު އެހީތައް ރާއްޖެއަށް ވެދެއްވަމުން ގެންދަވާކަން ފާހަގަކުރައްވައިފައެވެ. އެގޮތުން މި މަހު، ކޯސްޓު ގާޑަށް ހައިޑްރޮގްރަފީ ސާމާނު ވެސް ހަދިޔާކުރެއްވި ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ