ޗައިނާ މުދަލުން 200 ޕަސެންޓް ޓެރިފް ނަގާނެކަމުގެ އިންޒާރެއް ޓްރަމްޕް ދެއްވައިފި

ޗައިނާއިން އެމެރިކާއަށް ދަގަނޑުގެ ބާވަތެއް ކަމަށްވާ މެގްނެޓް ފޯރުކޮށްދިނުން އިތުރުނުކޮށްފިނަމަ ޗައިނާގެ މުދަލުން 200 ޕަސަންޓް ޓެރިފް ނަގާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. މިކަން އިއުލާންކުރެއްވީ ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ މިޔުންގާއި ޓްރަމްޕް ބައްދަލުކުރައްވައި އެމެރިކާއާއި ޗައިނާގެ ގުޅުމުގެ ހާލަތާއި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ދާދި ފަހުން ދެއްކެވި ވާހަކަތަކާ ބެހޭ ގޮތުން ނޫސްވެރިންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ޓްރަމްޕް އެގޮތަށް ވިދާޅުވެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ދެ އިގުތިސާދު ކަމަށްވާ އެމެރިކާއާއި ޗައިނާއާ ދެމެދު މެދުގައި ޓެރިފްގެ މައްސަލަތައް ލުއިވާނެކަމުގެ އިޝާރާތެއް މި މަހު ކުރީކޮޅު ޓްރަމްޕް ދެއްވާފައިވަނިކޮށެވެ. އެގޮތުން، ޗައިނާގެ މުދަލުން ނަގާ ޓެރިފާ މެދު މަޝްވަރާތަކަށް ވަގުތު ދިނުމަށް އިތުރު 90 ދުވަސް ދީފައިވާ ކަމަށް ކަނޑައަޅައި ރަސްމީ އަމުރެއްގައި ޓްރަމްޕް ވަނީ ސޮއިކުރައްވާފައެވެ. "އެ މީހުން އަޅުގަނޑުމެންނަށް މެގްނެޓް ނުދޭނަމަ، ދެން އަޅުގަނޑުމެންނަށް ޖެހޭނީ 200 ޕަސެންޓް ޓެރިފް ނަގަން. ނަމަވެސް އަޅުގަނޑުމެންނަކަށް އެއީ މަސައްލައަކަށް ވާނެހެން ހިޔެއްނުވޭ،" ޓްރަމްޕް ވިދާޅުވިއެވެ. ޗައިނާގެ މުދަލުން ނަގާ ޓެރިފް މީގެ ކުރިން އެމެރިކާއިން ބޮޑުކޮށްފައިވާއިރު، އެކަމަށް ރައްދު ދިނުމުގެ ގޮތުން ޗައިނާއިން ވަނީ އެކްސްޕޯޓްކުރުން ހުއްދަ ނުދޭ މުދަލުގެ ލިސްޓަށް މެގްނެޓް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މައުދަން މިދިޔަ އޭޕްރީލް މަހު އިތުރުކޮށްފައެވެ. ސްމާޓްފޯން ފަދަ އުފެއްދުންތަކުގައި ބޭނުންކުރާ ސެމީކޮންޑަކްޓާ ޗިޕްތައް ހިމެނޭ ގޮތަށް މުހިއްމު އުފެއްދުންތަކުގައި ބޭނުންކުރާ މެގްނެޓެ މާކެޓްގެ 90 ޕަސަންޓް ޗައިނާއިން ތަމުސީލުކުރެއެވެ. ޗައިނާއިން ޖުލައި މަހު އެކްސްޕޯޓް ކުރި މައުދަންތައް އިތުރުވެފައިވާއިރު، ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހާ އަޅާބަލާއިރު މައުދަން އިމްޕޯޓް 4،700 ޓަނަށް ވުރެ މައްޗަށް ގޮސްފައިވެއެވެ. ޗައިނާގެ ޓެރިފް އިތުރުކުރަން ޖެހިދާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވަނީ މިވަނީ ދުނިޔޭގެ އެންމެ ބޮޑު ސެމީކޮންޑަކްޓާ ޗިޕް އުފައްދާ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނި ކަމަށްވާ އިންޓެލްގެ 10 ޕަސެންޓް ހިއްސާ އެމެރިކާއިން ގަތްކަން އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ