މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ ބަޖެޓު ހުށަހެޅިގެން ދިޔައިރު، ރައީސް މުހައްމަދު މުއިއްޒުން ފެށިގެން ސަރުކާރުގެ ވެރިންނާއި ސޯޝަލްމީޑިއާގައި ހުރިހާ ކަމެއްގައި އަޑުގަދަކުރާ އެކްޓިވިސްޓުން އާރުލާފައި ބުނަމުން ދިޔައީ އެ ބަޖެޓަކީ 'ގެދޮރުވެރިކަމުގެ ބަޖެޓު' ކަމަށެވެ. މިހެން ބުނެ ރައްޔިތުންނަށް މި ބަޖެޓު ވިއްކީ ރައްޔިތުންގެ އެންމެ ބޮޑު ތަކުލީފު ކަމުގައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް އޮތް މައްސަލައިގެ ހައްލު ކަމަށް ބުނެ އެވެ.
"އެ ބަޖެޓަށް އަޅުގަނޑު ކިޔަނީ، އަދި ހަމަ ހަގީގަތުގަ ތަންފީޒުވެގެންދާއިރު ވާނީ ބޯހިޔާވަހިކަމުގެ ބަޖެޓަށް. ތިބޭފުޅުންނަށް އެންމެ މުހިންމީ ގެދޮރުވެރިކަން. ކިޔަވައިގެން މި ނުކުންނަނީ ވަޒީފާއެއް އަދާކުރަން. ގިނަ ބޭފުޅުން އުޅެން ޖެހެނީ، އުޅޭނެ ތަނެއް ނެތީމަ އެންމެން، އާއިލާ މީހުން އެއްވެލައިގެން ކުއްޔަށް ހިފައިގެން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު މިހެން ވިދާޅުވީ މަޖިލީހަށް ބަޖެޓު ހުށަހެޅުނު ދުވަސް ކަމުގައިވާ މިދިޔަ އަހަރުގެ އޮކްޓޫބަރު 31، ގަ އެވެ. އެފަހުން މިއަދާ ހަމައަށް 10 މަސް ވޭތުވެ، ބަޖެޓު އަހަރު ނިމެން ގާތްވީއިރު، އަލަށް ފަށަން ބުނި އެއްވެސް ޕްރޮޖެކްޓެއްގައި ވެސް ސަރުކާރަށް އުޅެނީ ސޮއިނުކުރެވިގެންނެވެ.
މި އަހަރަށް ފާސްކޮށްފައިވާ 56.6 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ހައުސިން މަޝްރޫއުތައް ހިންގަން 1.8 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައި ވެ އެވެ. ނަމަވެސް އަހަރު ނިމެން ހަތަރު މަސް ވާން ގާތްވެފައިވާއިރު، މި ބަޖެޓުގައި އަތް ވެސް ނުލަ އެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާ ގޮތުގައި، މި މަހުގެ ފުރަތަމަ ހަފުތާގެ ނިޔަލަށް ޕަބްލިިކް ސެކްޓާ އިންވެސްޓްމަންޓު ޕްރޮގްރާމުގެ ދަށުން ހައުސިން މަޝްރޫއުތަކަށް ހަރަދުކުރީ 123 މިލިއަން ރުފިޔާ އެވެ. މިއީ ބަޖެޓު ކުރި ފައިސާގެ ހަތް ޕަސެންޓު ވެސް ހަމަ ނުވާ އަދަދެކެވެ.
ބަޖެޓުން ހަރަދު ނުކުރާ ސަބަބާ ގުޅިގެން ފިނޭންސް މިނިސްޓްރީގައި ތަކުރާރުކޮށް ސުވާލުކުރުމުން ބުނިހާ ވެސް އެއްޗަކީ ސަރުކާރުން ރޭވި ގޮތަށް ހައުސިން މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ މަޝްރޫތައް ހިންގަން ލިބިފައިވާ ބިޑުތައް ދިރާސާކުރުމުގެ މަސައްކަތް ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދިނެވެ.
ފިނޭންސުން މިހެން ބުނުމުން އަދަދު އިން ވާނީ މި އަހަރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ހިންގަން ކުރި ހުރިހާ އިއުލާނުތަކެއް ބަލާފަ އެވެ. މި މައުލޫމާތު ހޯދީ ފިނޭންސް މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި ހުރި ޓެންޑަރު އިއުލާނުތައް ބަލައިގެންނެވެ.
ޓެންޑަރު ލިސްޓުގައިވާ ގޮތުގައި ހައުސިން މިނިސްޓްރީން ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 57 ރަށެއްގައި ހައުސިން ޕްރޮޖެކްޓުތައް ހިންގަން އިއުލާނުކޮށްފަ އެވެ. މި ހުރިހާ މަޝްރޫއެއްގެ ދަށުން އިމާރާތްކުރަން ރާވާފައިވާ ހައުސިން ޔުނިޓުތަކުގެ އަދަދަކީ 7،885 އެވެ.
މި މަޝްރޫއުތަކަށް ބީލަން ހުށަހެެޅުމުގެ ސުންގަޑި ހަމަވީ ޖޫން 17، އާއި 18، ގަ އެވެ. އެ ތާރީހުގެ ފަހުން ދެ މަސް ދުވަސް ވޭތުވެގެން ދިޔައިރު، ގިނަ މަޝްރޫއުތަކުގެ ސްޓޭޓަސް އޮތީ 'ކްލެރިފިކޭޝަން' ގަ އެވެ. އެންމެ މަޝްރޫއެއް ވެސް 'އެވޯޑަޑް' ސްޓޭޓަސްގައި ނެތެވެ.
މިކަމުގެ މައުލޫމާތު އެނގޭ މަސްދަރަކުން ނަން ނުޖަހަން ޝަރުތުކޮށް މި ނޫހާ ވާހަަކަ ދައްކަމުން ބުނީ ގިނަ މަޝްރޫއުތައް ހިންގަން ރަނގަޅު ކޮންޓްރެކްޓަރުން ކުރިމަތި ނުލާ ކަމަށެވެ. އަދި ކުރިމަތިލީ ކޮންޓްރެކްޓަރުން ހުށަހަޅާފައި ހުރި އަގުތައް ވެސް ބޮޑު ކަމަށް އޭނާ ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކާ ސުވާލުކުރުމުން ވަކި ޖަވާބެއް ނުދެ އެވެ. ނަމަވެސް މިހާރު ރައީސް މުހައްމަދު މުއިއްޒު ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއުލާނުކުރި ބައެއް މަޝްރޫއުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކުރުމުން، ސިއްރު މަސްދަރުން ދިން މައުލޫމާތަށް ބާރު ލިބެ އެވެ.
މީގެން އެއް މަޝްރޫއަކީ އިއްޔެ ހދ. ހަނިމާދޫގައި ސޮއިކުރި، 500 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަޝްރޫއެވެ. މިއީ ހައުސިން މިނިސްޓްރީން އިއުލާނުކުރި ލިސްޓުގައި ހިމެނޭ ރަށެކެވެ. އެކަމަކު ސަރުކާރުން ވަނީ މި މަޝްރޫއު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރަން ނިންމާފަ އެވެ.
ރަށްރަށުގައި ހިންގާ ހައުސިން މަޝްރޫއުތަކުގެ އިތުރުން، ސަރުކާރުން އިއުލާންކޮށްފައިވާ 'ހިޔާވެހި' ފައިނޭންސިން ސްކީމަކީ ވެސް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފެށި މަސައްކަތެކެވެ. މި އަހަރުގެ ބަޖެޓު މަސައްކަތް ކުރިއިރު ސަރުކާރުން ބުނީ މިކަމަށް އެއް ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވެ އެވެ.
ހިޔާވެހި ސްކީމަށް ހުށަހެޅުމުގެ ސުންގަޑި މިދިޔަ މެއި މަހުގެ ނިޔަަލަށް ހަމަވީއިރު 2،256 ފޯމެއް ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެ އެވެ. އެއީ 'ރަށްވެހި' ސްކީމަށް 1329 ފޯމާއި، 'ސަހަރު' ސްކީމަށް 586 ފޯމާއި، 'ފަހިމާލެ' ސްކީމަށް 341 ފޯމެވެ.
ހިޔާވެހި ސްކީމުގެ އުސޫލުތައް އޮންނަ ގޮތުން މި ސްކީމަށް އަސާސީ އަސާސީ ޝަރުތުތައް ހަމަވާތޯ ކަނޑައަޅަނީ ހައުސިން މިނިސްޓްރީންނެވެ. އަދި ފައިނޭންޝަލް އެލިޖިބިލިޓީ ކަނޑައެޅުމުގެ ކަންކަން ދޫކޮށްލާފައި އޮތީ ބޭންކުތަކަށެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތޮލިބު، މިދިޔަ ޖޫން މަހު ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ލަސްވެގެން ޖުލައިގައި ލޯނުތައް ދޫކުރަން ފަށާނެ ކަމަަށެވެ. ނަމަވެސް ޖުލައި ނިމި، މި ހިނގާ އޮގަސްޓު މަސް ނިމެން ގާތްވީއިރު މި ލޯނުތައް ދޫކުރުމާ ގުޅޭ އެއްވެސް އަޑެއް ނީވެ އެވެ.
މި މަސައްކަތް ކުރިއަށް ނުގޮސް އޮތް އެއް ސަބަބަކީ ފައިނޭންޝަލް އެލިޖިބިލިޓީ ބޭންކުތަކުން ވަޒަން ކުރިއިރު، ލޯނެއް ދޫކުރެވޭ ވަރުގެ މާލީ ގާބިލުކަން ނެތް މީހުންގެ މައްސަލަ އެވެ. ބޭންކުތަކުން އެ މީހުން ބާކީކުރީ ލޯނު އަނބުރާ ދެއްކޭ ވަރުގެ އާމްދަނީއެއް ނުލިބޭ މީހުންނެވެ.
ފަސް ޕަސެންޓުގެ ލުއި އިންޓްރެސްޓުގައި ދޫކުރާ ހިޔާވެހި ފައިނޭންސިންގެ ދަށުން ލޯނުތައް ދޫކުރަނީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުންނެވެ. މި ލޯނުތައް ދޫކުރުމުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ފަށާނެ ކަމަށް ބުނި ނަމަވެސް އަދި އެންމެ ލޯނެއް ވެސް ދޫނުކުރެ އެވެ.
"ބޯހިޔާވަހިކަމުގެ" ބަޖެޓު ފަނުފުލުން، އަހަރު ނިމެނީ ގަލެއް ވެސް ނުބޭއްވި "ބޯހިޔާވަހިކަމުގެ" ބަޖެޓު ފަނުފުލުން، އަހަރު ނިމެނީ ގަލެއް ވެސް ނުބޭއްވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ