ހަމައެކަނި މޮޅުކޮށްދިނީއެއް ނޫން، އެންގުމޯހާއަކީ ލިވަޕޫލަށް ލަނޑުޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ނިއުކާސްލް ޔުނައިޓެޑް ބައްދަލުކުރި މެޗު އިތުރު ވަގުތުގައި އެންގުމޯހާ ކާމިޔާބުކުރި ލަނޑާ އެކު ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ. ނިއުކާސްލްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 3-2 އިންނެވެ. މެޗުގެ ކުރީކޮޅު ފެނުނީ ނިއުކާސްލްއިން ލިވަޕޫލްގެ ޑިފެންސަށް ބާރު ބޮޑު ކުރަމުންދިޔަ ތަނެވެ. އެ ޓީމުންދިޔައީ ފުލުފުުލުގައި ހަމަލާ އުފައްދަމުންނެވެ. ނަމަވެސް، ނިއުކާސްލްއަށް މިއިން އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލުކުރެވޭގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ 35 ވަނަ މިނެޓުގައި ލިވަޕޫލުން ލަނޑެއް ޖަހައި ލީޑު ނަގުމެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ރަޔަން ގްރަވެންބާޗެވެ. މި ލަނޑާ އެކު ނިއުކާސްލްއަށް ކޮންމެ ވެސް ވަރެއްގެ މާޔޫސް ކަމެއް އައިއިރު އެ ޓީމުން ކުރަމުންދިޔަ މަސައްކަތަށް އިތުރަށް ހުރަސް އެޅުނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ފޯވަޑަކަށް ކުޅެމުންދިޔަ އެންތަނީ ގޯޑަން ކުރި ނުރައްކާތެރި ފައުލަކާއި ގުލިގެން އޭނާއަށް ރަތް ކާޑު ދެއްކުމުންނެވެ. ލިވަޕޫލުންވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ 30 ސިކުންތުގެ ތެރޭގައި ދެވަނަ ލަނޑު ކާމިޔާބުކޮށް، ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ހޫގޯ އެކިޓިކޭއެވެ. އެކަމަކު، މެޗުގެ 57 ވަނަ މިނެޓުގައި ކެޕްޓަން ބްރޫނޯ ގިމާރާއީސް ޖަހާދިން ލަނޑުން ނިއުކާސްލްއިން ހިތްވަރު އާކުރިއެވެ. އަދި، މިއާއެކު ބައެއް ވަގުތުތަކުގައި ކުޅުންތެރިއެއް މަދުކޮށް ކުޅެމުންދިޔައީ ލިވަޕޫލްހެން ހީވި ވަގުތުތައް ވެސް ދެވަނަ ހާފުގައި ފެނުނެވެ. ނިއުކާސްލްއިން ދިޔައީ އެއް ކުޅުންތެރިއެއް މަދުކޮށް ކުޅެމުން ވެސް ލިވަޕޫލްގެ ގޯލަށް ވަރަށް ބޮޑަށް ނުރައްކާކުރަމުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައިވަނިކޮށް ނިއުކާސްލްގެ ބަދަލު ކުޅުންތެރިޔާ ވިލް އޮސުލާ ޖަހައިދިން ލަނޑުން މުޅި ދަނޑު ގުގުމައިގެންދިޔައެވެ. މިއީ ޗެމްޕިއަން ލިވަޕޫލުން މި ސީޒަންގައި ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް އިދިކޮޅު ޓީމުން ފަހަތުން އަރާ އެއްވަރުކުރި ދެވަނަ މެޗެވެ. ނަމަވެސް، ކުރިން މެޗެކޭ ވެސް އެއްގޮތަށް މި މެޗުގައި ވެސް އެންމެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު ލިވަޕޫލުން ސަލާމަތްވިއެވެ. މި ލަނޑު އިތުރު ވަގުތުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އުމުރުން 16 އަހަރުގެ ޒުވާން ކުޅުންތެރިޔާ ރިއޯ އެންގުމޯހާއެވެ. އުމުރުން 16 އަހަރާއި 361 ދުވަސް ވެފައިވާ އެންގުމޯހާ ކާމިޔާބުކުރި މި ލަނޑާ އެކު ލިވަޕޫލް މެޗުން މޮޅުވުމުގެ އިތުރުން އޭނާ ވެފައިވަނީ ލިވަޕޫލްގެ ތާރީޚުގައި އެ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އަދި، ޕްރިމިއާ ލީގުގައި ލަނޑުޖެހި ހަތަރުވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މި ކާމިޔާބީއާ އެކު ލިވަޕޫލުން މިވަނީ ކުޅުނު ދެމެޗު ކާމިޔާބުކޮށް، ލިބިފައިވާ ހަ ޕޮއިންޓާ އެކު އެންމެ ކުރީގައި އުޅޭ އާސެނަލާއި ޓޮޓްނަމް ހޮޓްސްޕާއާ އަރާ ހަމަކޮށްފައެވެ. އަދި، ނިއުކާސްލް އޮތީ އެއް ޕޮއިންޓާއެކު 15 ވަނައިގައެވެ. ލިވަޕޫލް ދެން ކުޅޭ މެޗުގައި ނުކުންނާނީ އާސެނަލާ ދެކޮޅަށް ކަމުން އެއީވެސް ފޯރިގަދަވާނެ މެޗެއްކަމަށް މިހާރު ވެސް ވަނީ ބެލެވެން ފަށައިފައެވެ. އަދި، ނިއުކާސްލް ނުކުންނާނީ ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ