ޓާމިނަލްގެ ކުރެޑިޓް ނެގުން ރައީސް ސިފަ ކުރެއްވީ "ކުޑަކުދިން އުޅޭގޮތެއް" ކަމަށް, "އެހެން އުޅޭކަށް ނުވާނެ"
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އިމާރާތްކޮށް ހުޅުވަން ތައްޔާރުވެފައިވާ އާ އިންޓަނޭޝަނަލް ޓާމިނަލް މަސައްކަތުގެ ކްރެޑިޓް ނަންގަވަން އުޅުއްވުމަކީ "ކުޑަކުދިން އުޅޭ ގޮތެއް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ސިފަކުރައްވައިފިއެވެ. "ރައްޔިތުންގެ އަޑު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެއާޕޯޓުގެ މަސައްކަތް ފުރަތަމަ ފެށީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ދައުރުގައި ކަމަށާއި، އެއާޕޯޓު ތަރައްގީކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ކަމަށެވެ. އާ ޓާމިނަލްގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް ވަނީ، ކުރީގެ ރައީސް އަބްދުالله ޔާމީންގެ ދައުރުގައި އެ ތަނުގެ މަސައްކަތް ފެށި ކަމާއި، އޭގެ ފަހުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރުގައި އެ ތަނުގައި އިތުރު މަސައްކަތް ކޮށްފައިވާކަން ފާހަގަކުރައްވައި، މި ސަރުކާރުން އެ ތަނުގެ ބާކީ ހުރި މަސައްކަތްތަކުގެ ތެރެއިން ބޮޑު ބައެއް ނިންމާލައި ހުޅުވަން ތައްޔާރުވެފައިވާ ކަމަށް ވިދާޅުވެފައެވެ. ޓާމިނަލްގެ މަސައްކަތްތައް އެހެރީ ފެންނަން ކަމަށާއި، އެ ތަނުގެ މަސައްކަތް ކުރެއްވި ހުރިހާ ވެރިންނަށް ކްރެޑިޓް ހައްގު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ދެން މިކަމުގަ ނުޖެހޭ ނޫންތޯ ކޮންމެ މީހަކު ތިމަންނާއޭ ހުރިހާ ކަމެއް ކުރީ، ގިނަ މަސައްކަތް ކުރީ، އެއީ ދެން ކުޑަކުދިން އުޅޭ ގޮތް ކަންނޭނގެ، އެހެން އުޅޭކަށް ނުވާނެ،" ރައީސް ވިދާޅުވިއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ އާ ޓާމިނަލްގެ މަސައްކަތުގައި ރައީސް މުއިއްޒުގެ 10 ޕަސެންޓު ހިއްސާ ވެސް ނެތް ކަމަށާއި ކުރީގެ ރައީސް ޞާލިޙް ޓާމިނަލަށް ބަދަލު ގެނައުމުގެ ނަމުގައި 300 މިލިއަން ޑޮލަރު އިތުރުކުރީ ކޮރަޕްޝަން ހިންގަން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން މިދިޔަ އާދީއްތަ ދުވަހުގެރޭ ވިދާޅުވެފައި ވަނިކޮށެވެ. ފާހަގަކުރެވޭ ގޮތުގައި އާ ޓާމިނަލް ނިންމުމުގެ ކްރެޑިޓް، ސަރުކާރަށް ތާއީދުކުރާ މީހުން ދެނީ ރައީސް މުއިޒަށެވެ. އެއީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން އަވަސް ދުވެލީގައި މަސައްކަތް ނިންމައިދެއްވީ ކަމަށް ބުނެއެވެ. ނަމަވެސް، މިދިޔަ އެމްޑީޕީ ސަރުކާރުގެ ވެރިންނާއި، ކުރީގެ ރައީސް ޞާލިހަށް ތާއީދުކުރާ މީހުން އާ ޓާމިނަލްގެ ކްރެޑިޓް ދެނީ މިިދިޔަ ސަރުކާރަށެވެ. އެގޮތުން، އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، މިހާރު ފެންނަ އާ ޓާމިނަލްގެ އެތެރެއާއި ބޭރުގެ ހުރިހާ ރީތިކަމަކަށް ކްރެޑިޓް ލިބޭނީ ޞާލިހަށް ކަމަށެވެ. ސަބަބަކީ ޔާމީންގެ ވެރިކަމުގައި ޓާމިނަލްގެ ބޭރު ޑިޒައިން ހުރީ "ކޮންޓެއިނަރެއް"ހެން ކަމަށާއި، ރާއްޖޭގެ މައި އެއް ބިނާގައި އެ ސިފަ ހުރުން ކަމުނުދިޔުމުން ޞާލިހު އެ ޑިޒައިން ބަދަލުކުރެއްވީ ކަމަށެވެ. ދެހާސް ސޯޅަވަނަ އަހަރު ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ސައޫދީ ފަންޑުގެ ދަށުން އެ ގައުމުގެ ބިން ލާދިން ކުންފުންޏާ ހަވާލުކުރީ ޔާމީންގެ ސަރުކާރުގައެވެ. އޭގެ ފަހުން ޞާލިހުގެ ސަރުކާރުގައި ވެސް އާ ޓާމިނަލްގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވެއެވެ. އެކަމަކު އެ މަނިކުފާނުގެ ވެރިކަމުގައި ޓާމިނަލްގެ މަޝްރޫއު ކުރިއަށް ގެންދިޔައީ އިމާރާތުގެ ފަރުމާއަށް ބަދަލު ގެނައުމަށް ފަހުގައެވެ. ވީއައިއޭގެ އާ ޓާމިނަލް، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކޮށް، މި މަހުގެ 26 ވަނަ ދުވަހު ހުޅުވަން އެމްއޭސީއެލުން އަންނަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ