ފޯނުގެ އެހީގައި ބިންހެލުމުގެ އިންޒާރު ދޭ ގްލޯބަލް ނިޒާމެއް ގޫގުލް އިން ގާއިމްކޮށްފި
ގޫގުލް އިން 2021 އާއި 2024އާ ދެމެދު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ދެ ބިލިއަނަށް ވުރެ ގިނަ އެންޑްރޮއިޑް ފޯނުގެ މޯޝަން ސެންސަރުތައް ބޭނުންކޮށްގެން ބިންހެލުންތައް ދެނެގަނެ، އިންޒާރު ދޭ އެންމެ ބޮޑު ނެޓްވޯކް ގާއިމްކޮށްފިއެވެ. މި ނިޒާމުގެ ސަބަބުން 98 ގައުމެއްގެ އެތައް މިލިޔަން ބަޔަކަށް ބިންހެލުން އައުމުގެ ކުރިން އިންޒާރު ލިބުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. ގޫގުލްގެ "އެންޑްރޮއިޑް އާތްކުއޭކް އެލާޓްސް" މި ނިޒާމަކީ، ބިންހެލުން މިންކުރުމަށް ބޭނުންކުރާ އަގުބޮޑު އާލަތްތަކުގެ ބަދަލުގައި، އެތައް މިލިއަން އެންޑްރޮއިޑް ފޯނުތަކުގެ ބޭނުން ހިފައިގެން މައުލޫމާތު އެއްކުރާ ނިޒާމެކެވެ. ޔޫޒަރުން މި ޚިދުމަތުން އަމިއްލައަށް ވަކިނުވާހާ ހިނދަކު، މި ފޯނުތަކުގެ މޯޝަން ސެންސަރުތަކުން ހަރަކާތުގެ ޑޭޓާ އުނިކުރުމެއްނެތި އެއްކުރެއެވެ. އެގޮތުން އެކި ސަރަޙައްދުތަކުގައިވާ ފޯނުތަކުން ލިބޭ މި ޑޭޓާތައް އެއްކޮށް ތަޙްލީލުކޮށް، ގޫގުލްގެ ހާއްސަ އަލްގޮރިދަމްތަކުން މީގެ ކުރިންވެސް ވަނީ 11،000 އަށްވުރެ ގިނަ ބިންހެލުމުގެ އަސްލާއި ބާރުމިން ދެނެގެންފައެވެ. މިކަމުގެ އެންމެ މުހިންމު ނުކުތާއަކީ، މި ނިޒާމުން ލިބޭ މައުލޫމާތު، ބިންހެލުން މިންކުރާ ހާއްސަ އާލަތްތަކެކޭ އެއްވަރަށް ސީދާވުމެވެ. މިއީ ކިތަންމެ މޮޅު ފުރިހަމަ ނިޒާމެއް ނަމަވެސް، މި ނިޒާމުގައި އަދިވެސް ރަނގަޅު ކުރަންހުރި ކަންތައްތައް އެބަހުއްޓެވެ. އެގޮތުން 2023ވަނަ އަހަރުގެ ފެބްރުއަރީ މަހު ތުރުކީއަށް އައި ހީވެސް ނުކުރާހާ ބާރުގަދަ ދެ ބިންހެލުމުގެ ސަބަބުން މި ނިޒާމުގެ މައްސަލަތައް ފެނުނެވެ. ފުރަތަމަ، މި ނިޒާމުން އެ ބިންހެލުންތަކުގެ އިންޒާރު ފޮނުވުނީ ނިސްބަތުން ވަރަށް މަދު ފޯނުތަކަކަށެވެ. އެގޮތުން 4.5 މިލިއަން މީހުންނަށް އިންޒާރު ފޮނުވި ނަމަވެސް، ފަހުން އެނގުނު ގޮތުގައި އެ އިންޒާރުތައް އެއަށްވުރެ މާ ގިނަ ބަޔަކަށް ފޯރުކޮށްދޭން ޖެހެއެވެ. ފަހުން، އާ އަލްގޮރިދަމްތައް ބޭނުންކޮށްގެން އެ ހާދިސާ އަލުން ދިރާސާކުރުމުން، ގޫގުލްގެ ޓީމަށް ފާހަގަވީ، ރަނގަޅު މައުލޫމާތު އެއްކުރެވުނުނަމަ، 10 މިލިއަން ފޯނަށް އެންމެ ރަނގަޅު އިންޒާރު ފޮނުވުނީސްކަމެވެ. "މިކަމުން އެނގެނީ 2023ވަނަ އަހަރުން ފެށިގެން އެމީހުން މި ނިޒާމު ރަނގަޅުކުރަމުން އަންނަކަމާއި، އޭގެ ހެޔޮ ނަތީޖާ ފެންނަމުންދާކަން،" ޔުނިވާސިޓީ އޮފް ވޮޝިންޓަންގެ ސައިސްމޮލޮޖިސްޓެއް ކަމަށްވާ ހެރަލްޑް ޓޮބިން 'ނޭޗާ'އަށް ވިދާޅުވިއެވެ. "މިއީ ވަރަށް މުހިންމު ކަމެއް. ގިނަ ގައުމުތަކުގައި ބިންހެލުމުގެ ކުރީގެ އިންޒާރުދޭ ނިޒާމެއް ނެތް. މި ނިޒާމުން އެ ޚިދުމަތް ފޯރުކޮށްދިނުމަށް އެހީވެދޭނެ،" ކެލިފޯނިއާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ސައިސްމޮލޮޖިސްޓެއް ކަމަށްވާ އެލެން ހަސްކާ ވިދާޅުވިއެވެ. ގޫގުލްއިން މި ނިޒާމު ސިފަކުރަނީ ސަރުކާރުތަކުން ނުވަތަ ސައިންޓިފިކް މުއައްސަސާ ތަކުން ހިންގާ ރަސްމީ ނިޒާމުތަކުގެ ބަދަލެއްގެ ގޮތުގައެއް ނޫނެވެ. އެއާ ޚިލާފަށް، އެއީ "އިތުރު ރައްކާތެރިކަމުގެ ފިޔަވަޅެއް" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ