ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ކޮލެޖަކާއި ސްކޫލް ކެމްޕަހަކަށް އެ ގައުމުގެ ވައިގެ ސިފައިންގެ ތަމްރީން ޖެޓެއް އިއްޔެ ވެއްޓި 19 މީހުން މަރުވެ، 164 މީހަކު ޒަހަމްވެފައިވާ ކަމަށް އަސްކަރިއްޔާގެ ތަރުޖަމާނު މިއަދު ވިދާޅުވެއްޖެ އެވެ.
އެ ބޯޓު ވެއްޓުނީ ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ކުރުމިޓޯލާގައި ހުންނަ ބަންގްލަދޭޝްގެ ވައިގެ ސިފައިންގެ މަރުކަޒުން އެފް-7 ބީޖީއައި ޖެޓް ފުރީ އާދައިގެ ތަމްރީނު ދަތުރެއްގައި އިއްޔެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. ނަމަވެސް ބޯޓު ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މެކޭނިކަލް ފެއިލްވުމެއް ކުރިމަތިވި ކަމަށް ތަރުޖަމާނު ލެފްޓިނެންޓް ކާނަލް ސާމީ އުދު ދުވްލާ ޗައުދަރީ ވިދާޅުވި އެވެ.
"ގިނަ ބަޔަކު އުޅޭ ސަރަހައްދުތަކުން މަތިންދާބޯޓު ދުރަށް ގެންދިއުމަށް ޕައިލެޓް ވަނީ ހިތްވަރުގަދަ މަސައްކަތްތަކެއް ކޮށްފައި. އޭނާ ވަރަށް މަސައްކަތް ކުރި ނަމަވެސް، މަތިންދާބޯޓުގެ ދެ ބުރި ސްކޫލާއި ކޮލެޖުގައި ޖެހި އެކްސިޑެންޓެއް ހިނގީ،" އޭނާ ވިދާޅުވި އެވެ.
އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޕައިލެޓު ވެސް ހިމެނެ އެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށް ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް އަސްކަރިއްޔާ އިން ބުންޏެވެ.
އެ ޖެޓަކީ ޗައިނާގެ ޗެންގްޑޫ އެފް-7 މަރުކާގެ މަތިންދާބޯޓު އާއިލާގެ އެންމެ ފަހު އަދި އެންމެ އެޑްވާންސް މަތިންދާބޯޓެއް ކަމަށް އިންފޮމޭޝަން ގްރޫޕުން ބުންޏެވެ. ބަންގްލަދޭޝްއިން 2011 ވަނަ އަހަރު 16 މަތިންދާބޯޓު ހޯދުމުގެ އެއްބަސްވުމުގައި ސޮއިކުރި އެވެ. އަދި 2013 ވަނަ އަހަރުގެ ނިޔަލަށް އެ ހުރިހާ ބޯޓެއް ވަނީ ހަވާލުކޮށްފަ އެވެ.
ޗެންގްޑޫ އެފް-7 އަކީ ސޯވިއެޓް މިގް-21ގެ ލައިސަންސް ލިބިފައިވާ ބޯޓެކެވެ.
ބަންގްލަދޭޝްގެ ވައިގެ ސިފައިންގެ ޖެޓެއް ވެއްޓި 19 މީހަކު މަރުވެ، 164 މީހަކު ޒަހަމުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ