ޓީއެމްއޭގެ ނިންމުން ބަދަލު ކުރުމުން، ޑޮލަރު މާރުކުރާ ގާނޫނަށް އެމްއެމްއޭއިން އަމަލު ކުރާ ގޮތާމެދު ސުވާލު އުފެދޭ: މަންތާ ޓީއެމްއޭގެ ނިންމުން ބަދަލު ކުރުމުން، ޑޮލަރު މާރުކުރާ ގާނޫނަށް އެމްއެމްއޭއިން އަމަލު ކުރާ ގޮތާމެދު ސުވާލު އުފެދޭ: މަންތާ

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންނަށް މުސާރައިގެ ބައެއް ރުފިޔާއިން ދޭން ނިންމި ނިންމުން ކުއްލިއަކަށް ބަދަލު ކުރުމުން ޑޮލަރު މާރުކުރުމުގެ ސިޔާސަތު އެމްއެމްއޭއިން ހަމަހަމަކަމާއެކު ތަންފީޒު ކުރަމުންދާކަމާމެދު ސުވާލު އުފެދޭ ކަމަށް މަންތާ އެއާއިން ބުނެފި އެވެ.
އެ އެއާލައިނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަންތާގެ މުވައްޒަފުންނަށް މުސާރައިގެ ދެބައިކުޅައެއްބައި ރުފިޔާއިން ދޭން މަޖުބޫރުވީ އެމްއެމްއޭއިން ތަންފީޒު ކުރަން ފެށި ޑޮލަރު މާރުކުރުމުގެ ސިޔާސަތާ ގުޅިގެން ކަމަށެވެ.
ހަމަ އެގޮތަށް، މަންތާގެ ވާދަވެރި ކުންފުނި، ޓީއެމްއޭއިން ވެސް އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރައިގެ ދެބައިކުޅަ އެއްބައި ރުފިޔާއިން ދޭން ނިންމުމަށްފަހު، އެ ނިންމުން ކުއްލިއަކަށް ބަދަލު ކުރުމުން ޑޮލަރު މާރު ކުރުމުގެ ސިޔާސަތު އެމްއެމްއޭއިން ތަންފީޒު ކުރަނީ ހަމަހަމަކަމާއެކުގައި ކަމާމެދު ސުވާލު އުފެދޭ ކަމަށް މަންތާގެ ބަޔާނުގައި ބުންޏެވެ.
"ޑޮލަރަށް މާބޮޑަށް ބަރޯސާވެފައިވާ މި ކުންފުނީގެ ވާދަވެރިއެއް [ޓީއެމްއޭ] އިން އެ ކުންފުނީގެ މުވައްޒަފުންނަށް 100 ޕަސެންޓު ޑޮލަރުން މުސާރަ ދޭން އަލުން ނިންމާފައިވުމުން ގަވާއިދުތައް ތަންފީޒު ކުރުމުގައި އެއް ހަމައެއް ގެންގުޅޭ ކަމާމެދު ސުވާލު އުފެދެ އެވެ. މާކެޓުގައި ވަކި ބަޔަކަށް އިސްތިސްނާތަކާއި ލުއިތައް ދިނުމަކީ ހަމަހަމަ ވާދަވެރިކަމުގެ އުސޫލުތަކަށް އުނިކަން އަންނާނެ ކަމެއް،" މަންތާގެ ބަޔާނުގައި ބުންޏެވެ.
އެމްއެމްއޭއިން އަލަށް އެކުލަވާލައި އަމަލު ކުރަން ފަށާފައިވާ ޑޮލަރު މާރުކުރުމުގެ ސިޔާސަތުގެ ދަށުން، ވަކިވަރަކަށް ވުރެ މަތިން ޑޮލަރުގެ އާމްދަނީ ލިބޭ ވިޔަފާރިތަކަށް، އެ ލިބޭ އާމްދަނީއެއްގެ 20 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވެ އެވެ. އެމްއެމްއޭގެ އެ ނިންމުމާ ގުޅިގެން ރާއްޖޭގެ ބައެއް ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެސް ރުފިޔާއިން މުސާރަ ދޭން މިހާރު ވަނީ ފަށައިފަ އެވެ.
މަންތާ އެއާއިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ދޭ މުސާރައިގެ ދެބައިކުޅަ އެއްބައި ދިވެހި ރުފިޔާއިން ދޭން ނިންމުމުން އެ ކުންފުނީގެ މުވައްފުން އިހުތިޖާޖު ކުރަން ތައްޔާރުވެފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.
މަންތާގެ އިތުރުން ޓީއެމްއޭއިން ވެސް މުސާރައިގެ ދެބައިކުޅަ އެއްބައި މުސާރައިން ދޭން އެ ކުންފުނިން ނިންމުމާ ގުޅިގެން ޕައިލެޓުން ހިމެނޭހެން އެ ކުންފުނީގެ ހުރިހާ މުވައްޒަފުން އޮތީ މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަން ނިންމައިފަ އެވެ. އެކަމާ ގުޅިގެން ޓީއެމްއޭއިން ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް 100 ޕަސެންޓު ޑޮލަރުން މުސާރަ ދޭން އަލުން ނިންމައިފަ އެވެ.
މަންތާއިން މިއަދު ނެރުނު ބަޔާނުގައި ވަނީ ހަމަހަމަކަމާއި ދެފުށް ފެންނަ ގޮތަކަށް ގަވާއިދުތައް ތަންފީޒު ކުރުމަށް އެމްއެމްއޭއަށް ގޮވައިލައިފަ އެވެ.
"ސިޔާސަތުތައް ތަންފީޒުކުރުމުގައި ހާމަކަން ބޮޑު އަދި އިންސާފުވެރި ގޮތެއްގައި ކަންކުރުމަށް މަންތާ އެއާއިން އެމްއެމްއޭއަށް ގޮވައިލަމެވެ. އަދި ހަމަހަމަ ވާދަވެރި މާހައުލެއް ގާއިމުކުރުމަކީ، ދުޅަހެޔޮ ސިނާއީ ވާދަވެރިކަމެއް އުފެއްދުމަށާއި، މުވައްޒަފުންގެ މަސްލަހަތު ރައްކާތެރިކުރުމަށާއި އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ކަމެއް،" މަންތާގެ ބަޔާނުގައި ބުންޏެވެ.
މަންތާއިން ބުނީ އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރައިގެ ދެބައިކުޅަ އެއްބައި ރުފިޔާއިން ދޭން ނިންމީ އެތެރޭގެ ގިނަ އެސެސްމެންޓުތަކެއް ހެދުމަށްފަހު އެމްއެމްއޭއާ މަޝްވަރާ ވެސް ކުރުމަށްފަހު އެ ނޫން އެހެން ގޮތެއް ނެތުމުން ކަމަށެވެ.
އެގޮތުން ބޭރުން ގަންނަން ޖެހޭ ސްޕެއާ އާއި ސޮފްޓެވެއާގެ އިތުރުން މަތިންދާ ބޯޓުތަކަށް ދައްކަންޖެހޭ ކުއްޔާއި އިންޝުއަރެންސްގެ އިތުރުން ތެލާއި އެއާޕޯޓުގެ އެހެނިހެން ޗާޖުތަކުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ޑޮލަރުން ދައްކަންޖެހޭކަން މަންތާއިން ފާހަގަކުރި އެވެ.
މަންތާއިން ބުނީ އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރާނީ ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން ގަވާއިދުތަކަށް ތަބާވުމާއެކު މުވައްޒަފުންގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވާނެ ދެމެހެއްޓެނިވި މަގެއް ހޯދަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ