މިއަދު މުސްލިމުންގެ ތެރެއިން ގިނަބައަކަށް ޢަމަލުކުރެވެމުން މިދާގޮތާއިމެދު ވިސްނައިލަމާ ހިނގާށެވެ. ފަރުޟު 5 ނަމާދުކޮށްލައި އެހެންވެސް ބައެއް ހެޔޮ ޢަމަލުކުރެވޭނަމަ ބަލަނީ ތިމަންމެން މިތިބީ ސުވަރުގޭގައި ކަމަށެވެ. އެވިސްނުން އައުމުން ކުރާ އަޅުކަން އިތުރުކުރަން މަސައްކަތްކުރަން ބޭނުމެއް ނުވެއެވެ. އަދި އެއީ މައްސަލައެއް ނޫންކަމަށް ބަލައި ބައެއް ފާފަތައްވެސް ކުރެވެނީއެވެ.
އެކަމަކު ވިސްނައިލާށެވެ! އެއިރު އޭނާއަށް އޭނާ ކުރި ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވި ކަމެއް ނުއެނގެއެވެ. ސުވަރުގެ ވައްދަވާނެ ކަމެއްވެސް ނުއެނގެއެވެ. އޮތީ ހަމައެކަނި ކުރާ އުންމީދެކެވެ.
ދެންބަލައިލަންވީ ޞަޙާބީންނަށެވެ. ޞަޙާބީންގެ ތެރެއިން ބައެއް ބޭކަލުންނަށް ރަސޫލް ﷺ ވަނީ އެބޭކަލުންނަށް ސުވަރުގެ ދެއްވަވާނެ ކަމުގެ ޔަޤިންކަން ދެއްވަވައިފައެވެ. އެހެނީ ރަސޫލާ ﷺ ގެ އެއްވެސް ބަސްފުޅެއް ދޮގުނުވާނެތީއެވެ.
ދެން ބަލައިލަންވީ ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ރަސޫލާ ﷺ ދެއްވެވުމުން އެބޭކަލުން ޢަމަލުފުޅު ކުރެއްވެވި ގޮތަށެވެ. އެބޭކަލުންނަށް އެއުފާވެރި ޚަބަރު ލިބިވަޑައިގަތުމުން ކަންނެތްވެވަޑައިގެން އަރާމުކުރައްވަވަން ފެށްޓެވީއެއް ނޫނެވެ. އަޅުކަމުގައި ކުރިއަށްވުރެ ބޮޑަށް ހީވާގިވެވަޑައިގަތީއެވެ.
މީސްތަކުންނޭވެ! ޢިބްރަތް ޙާޞިލްކުރަންވީ މިއަގުހުރި ފިލާވަޅުންނެވެ. ތިމާއަށް ހެޔޮ ޢަމަލުކުރެވޭނަމަ، އެއީ ލިބޭ ވަރަށް ބޮޑު އުފާވެރި ކަމެކެވެ. އެހެނީ އެކަމުން އަންގައިދެނީ ތިމާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެބައޮތްކަމެވެ. އިން ޝާ ﷲ
ވީމާ އޮތީ އަޅުކަންކުރުމުގައި ކަންނެތްވުމެއް ނޫނެވެ. އިތުރަށް ހީވާގިވުމެވެ. ކިތަންމެ ކުޑަ ފާފައެއްވިޔަސް ނުކޮށް ހުންނަން ގަދައަޅައި މަސައްކަތްކުރުމެވެ. ހެޔޮ ޢަމަލުކުރެވުމަކީ ސުވަރުގެ އެދިގެން މަސައްކަތްކުރެވޭ ކަމުގެ ހެއްކެއް ކަމަށް ބެލިދާނެއެވެ. ހަމައެފަދައިން ފާފަކުރެވޭނަމަ އެއީ ﷲ ތަޢާލާގެ ޢަޛާބަށް ބިރުނުގަނެވޭ ކަމުގެ ހެއްކެކެވެ. ވީމާ މިދެކަންތައް ދިމާކުރެވޭނީ ކިހިނަކުން ހެއްޔެވެ؟
ދެން އޮތީ ފާފައެއް ނުކުރަން ގަދައަޅައި މަސައްކަތްކުރި ނަމަވެސް ފާފައެއް ކުރެވުމެވެ. އެއިރުން އަދި މިބުނި ގޮޅިއަކަށް ނުފެތޭނެއެވެ. އެހެނީ ކޮންމެ މީހަކީވެސް ފާފައެއް ކުރެވިދާނެ މީހެކެވެ. އެމީހަކަށް އޮތީ ތައުބާވުމަށް އަވަސްވެގަތުމެވެ. ﷲ ތަޢާލާ ތިމާއަށް ސުވަރުގެ ދެއްވަވާނެކަން ޔަޤީންކޮށްގެން ޤަޞްދުގައި ފާފަކުރުމާއި ފާއެއް ކުރެވުމާއި މިއީ މުޅިން ތަފާތު ދެކަމެކެވެ.
މީސްތަކުންނޭވެ! ސުވަރުގެ އެދޭމީހާއަށް އޮތީ ޚަލީފާއިން ވިދާޅުވެފައިވާ ބަސްފުޅަށް ވިސްނައި ޢަމަލުކުރުމެވެ. އެއީ ސުވަރުގެ ވަދުވުނު ކަމުގެ ހިތްހަމަޖެހުން ލިބުން އޮތީ ސުވަރުގެ ވަދެވުމުން ކަމަށް އޮތް ބަސްފުޅެވެ. ސުވަރުގޭގައި ދެފައި އެޅެވުމުން ކަމަށް އޮތް ބަސްފުޅެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ސުވަރުގެ ވަދެވެން އޮތީ ޚަލީފާއިން ވިދާޅުވެފައިވާ ބަސްފުޅަށް ވިސްނައި ޢަމަލުކޮށްގެން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ