އީރާނުގެ ބަސްކޮށާރުގައި 'އަމާންދިނުން' މި ލަފުޒު ނުހިމެނޭ ކަމަށާއި އެމެރިކާގެ ހުރިހާ ވެސް ބޭނުމަކީ އީރާނުން 'އަމާންދިނުން' ކަމަށް އެ ގައުމުގެ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއީ އެމެރިކާއިން އީރާނުގެ ނިއުކްލިއަ މަރުކަޒުތަކަށް ހަމަލާތައް ދިން ފަހުން އީރާނުގެ ރައްޔިތުންނާ ހާމަނާއީގެ ވީޑިއޯއެއް ފެނުނު ފުރަތަމަ ފަހަރެެވެ. މި ވީޑިއޯގައި އޭނާ ވަނީ އެމެރިކާގެ ރައީސަށް ވެސް ފާޑުވިދާޅުވެފަ އެވެ.
ތަފްސީލް - ހާމަނާއީ ވިދާޅުވީ އެމެރިކާގެ ހަމަލާތަކުން އީރާނުގެ ނިއުކްލިއަ ޕްރޮގްރާމަށް މާ ބޮޑު ގެއްލުމެއް ނުލިބޭ ކަމަށެވެ. އެ ހަމަލާއިން އެ ޕްރޮގްރާމް މުޅިން ނައްތާލެވިއްޖެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވާ ވިދާޅުވުމުގައި ހަގީގަތެއް ނެތް ކަމަށް ވެސް ހާމަނާއީ ވިދާޅުވި އެވެ.
"އެމެރިކާއިން އަސްކަރީ ފިޔަވަޅު އެޅީ ކޮންމެހެން އީރާނުގެ ނިއުކްލިއަ މައްސަލައަކަށް ނޫން ނުވަތަ ޔޫރޭނިއަމް ފައްކާކުރުމާ ދެކޮޅަކަށް ވެސް ނޫން. އޭގެ ހުރިހާ ވެސް ބޭނުމަކީ އަމާންދިނުން،" ހާމަނާއީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއް ދުވަހެއްގައި ބުނާނީ އިންސާނީ ހައްގުތަކެވެ. އަނެއް ދުވަހު ދައްކާނީ އަންހެނުންގެ ހައްގުތަކުގެ ވާހަކަ އެވެ. އެހެން ދުވަހެއްގައި ނިއުކްލިއަ، ދެން އަންނާނީ މިސައިލްގެ މައްސަލަ ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު ހާމަނާއީ ވިދާޅުވީ މި ހުރިހާ އުޒުރުތަކެއްގެ ވެސް މައިގަނޑު ބޭނުމަކީ އީރާނުން އަމާންދިނުން ކަމަށެވެ.
އީރާނުން އަމާންދިނުމަށް އެމެރިކާގެ ރައީސް ޓުރަމްޕް ގޮވާލެއްވި އިރު އެއީ އެމެރިކާގެ ރައީސްގެ އަނގަޔަށް މާ ބޮޑު ލަފުޒެއް ކަމަށް ވެސް އީރާނުގެ ލީޑަރު ވިދާޅުވި އެވެ.
"އީރާން ކަހަލަ ގަދީމީ ވަރުގަދަ ގައުމަކާ ދިމާލަށް އަމާންދޭން ބުނުމަކީ ވަރަށް ބޮޑު މަލާމާތެއް،" ހާމަނާއީ ވިދާޅުވި އެވެ.
އީރާނުގެ ލީޑަރުގެ ވާހަކައިގެ އަނެއް ބައި އަމާޒުކުރެއްވީ އެމެރިކާގެ ހަމަލާއިން ނަތީޖާއެއް ނުނިކުތުމުގެ މައްޗަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޓްރަމްޕް ވާހަކަ ދައްކަވަނީ ކަން އޮތް ގޮތް މާ ބޮޑުކޮށްލައްވައިގެންނެވެ.
އީރާނުގެ ނިއުކްލިއަ މަރުކަޒުތަކަށް ދިން ހަމަލާތަކުން ފާހަގަކޮށްލެވޭނެ ފަދަ މާ ބޮޑު ނަތީޖާއެއް ނުނިކުތް ކަމަށް ހާމަނާއީ ވިދާޅުވި އެވެ.
"އީރާނުން ވަނީ އެމެރިކާގެ މޫނުމަތީގައި ވަރުގަދަ އެތިފަހަރެއް ޖަހާފައި،" އޭނާ ވިދާޅުވި އެވެ. އެގޮތަށް ވިދާޅުވީ ގަތަރުގައި އޮތް އެެމެރިކާގެ އަސްކަރީ މަރުކަޒަަށް އަމާޒުކޮށް އީރާނުން ދިން ހަމަލާއަށް އިޝާރަތްކުރައްވަ އެވެ.
އީރާނުގެ ހަމަލާތައް ގަތަރުގެ ވައިގެ ދިފާއުން ވަނީ ނާކާމިޔާބުކޮށްފަ އެވެ. އެހެންކަމުން އެއްވެސް ތަނަކަށް އަދި މީހަކަށް ގެއްލުން ލިބުނު ކަމުގެ މައުލޫމާތެއް ނެތެވެ.
ހާމަނާއީގެ ވީޑިއޯ މި މެސެޖްގައި އީރާނުގެ 90 މިލިއަން މީހުން ދެއްކި އެއްބައިވަންތަކަން ފާހަގަކޮށް ޝުކުރުއަދާކުރެއްވި އެވެ. އަދި އިޒުރޭލުގެ މައްޗަށް ކާމިޔާބު ހޯދިއްޖެ ކަމަށް، ތަކުރާރުކޮށް ވިދާޅުވި އެވެ.
އަހަރެމެންގެ ބަސްކޮށާރުގައި 'އަމާންދިނުން' މި ލަފުޒެއް ނުހިމެނޭ: ހާމަނާއީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ