ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި، ވެރިކަން ކުރާ މާލޭގެ މަގުމަތީގައި ދިރިއުޅޭ 300 އެއްހާ ބުޅާ ވީނުވީއެއް ނޭނގި ގެއްލިއްޖެ އެވެ.
މާލެއިން ބުޅާ ގެއްލޭކަން ފާހަގަވީ މިދިޔަ މެއި މަހުގެ ތެރޭގައި ކަމަށް، މާލޭގައި ދިރިއުޅޭ ބުޅާތަކުގެ ހާލު ބަލާ ޖަމިއްޔާއެއް ކަމަށްވާ ފީލައިން ވެލްފެއާ އޮގަނައިޒޭޝަންގެ ރައީސް އަހުމަދު ވިޝަން އަދަދު އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
"ބުޅާ ދިރިއުޅޭ ހުރިހާ ހިސާބަކުން ވެސް ދަނީ ބުޅާ ގެއްލެމުން. އެންމެ އާންމުކޮށް ބުޅާ އުޅޭ މޭރީ ބްރައުން ސަރަހައްދާއި އިންޑަސްޓްރިއަލް ޒޯނާއި ސަލްމާން މިސްކިތް ކައިރި އާއި އެހެން ހިސާބުތަކުން އަދި މާލޭގެ އެހެން ތަންތަނުގައި އާންމުކޮށް އުޅޭ ވަރަށް ގިނަ ބުޅާ ކުއްލިއަކަށް ގެއްލިއްޖެ،" ވިޝަން ވިދާޅުވި އެވެ.
މާލޭގެ މަގުތަކުގައި 1500 އަށް ވުރެ ގިނަ ބުޅާ ދިރިއުޅޭ ކަމަށް ވިޝަން ލަފާ ކުރައްވަ އެވެ. އޭގެ ތެރެއިން 300 އެއްހާ ބުޅާ ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ގެއްލިފައިވާ ކަމަށް އޭނާ ލަފާ ކުރައްވަ އެވެ. ބުޅާ ގެއްލޭ ސަބަބު އެއްގޮތަކަށް ވެސް ދެނެގަނެވިފައިނުވާ ކަމަށް ވިޝަން ވިދާޅުވި އެވެ.
"އެކި މީހުން އެކި ވާހަކަ ދައްކަނީ. އަޅުގަނޑުމެން ތިލަފުށި ވެސް ބަލައިފިން. މާލޭގެ ބަޖިޔާ ގާތައް ވެސް ބަލައިފިން. ބަޔަކު ވަރަށް ބޮޑަށް ރޭވިގެން ނޫނީ މިހާ ގިނަ ބުޅާ ނުގެންދެވޭނެ. ތުހުމަތުތައް ގިނަ. އެކަމަކު ޔަގީނާއެކީ އެއްކަމެއް ވެސް ބުނާކަށް ނޭނގޭ. ބުޅާ އަމިއްލައަކަށް ނުދާނެ. މިއީ ބަޔަކު ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
މޭރީ ބްރައުން ސަރަހައްދުގައި ގާތްގަނޑަކަށް 78 ބުޅާ ދިރިއުޅެ އެވެ. އެކަމަކު މިހާރު އެ ސަރަހައްދުގައި އުޅެނީ 16 ވަރަކަށް ބުޅަލެވެ. މާލޭ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގައި 80 ބުޅާ ކުރިން ދިރިއުޅުނެވެ. މިހާރު އެ ސަރަހައްދުގައި އުޅެނީ އެންމެ 19 ވަރަކަށް ބުޅަލެވެ. ސަލްމާން މިސްކިތް ކައިރީ ކުރިން 20 ބުޅާ އުޅުނެވެ. އެކަމަކު މިހާރު އެ ތަނުގައި އުޅެނީ އެންމެ ދެތިން ބުޅަލެވެ.
"އަޑުއަހަން އެބަ ބަޔަކު ބުޅާ މަރާފަ އުކަނީއޭ. ކުރިން ދޭތެރެއަކުން ވެސް އެކަހަލަ ބައެއް ކަންތައް ދިމާވޭ. އެކަމަކު މި ދަރަޖައަކަށް ނޫން،" ވިޝަން ވިދާޅުވި އެވެ.
ބުޅާ ގެއްލޭ މައްސަލައިގައި އަދަދު އިން ފުލުހުންނާ ސުވާލު ކުރުމުން މިހާތަނަށް ޖަވާބެއް ދީފައެއް ނުވެ އެވެ. ސަރުކާރުގެ އެހެން ވުޒާރާއަކުން ވެސް މިކަމާ ގުޅިގެން މިހާތަނަށް އެއްޗެއް ނުބުނެ އެވެ.
ދެ މަހެއްހާ ދުވަހުގެ ތެރޭގައި ވީނުވީއެއް ނޭނގި މާލެއިން 300 އެއްހާ ބުޅާ ގެއްލިއްޖެ! ދެ މަހެއްހާ ދުވަހުގެ ތެރޭގައި ވީނުވީއެއް ނޭނގި މާލެއިން 300 އެއްހާ ބުޅާ ގެއްލިއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ