ޑިމޮކްރެޓްސްގެ ޖަލްސާ ވަރަށް ފުރިހަމަ: ގާސިމް

އާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފައްދަން ރޭ ބޭއްވި ޖަލްސާ ވަރަށް ފުރިހަމަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އިސްވެ އުފެއްދި އެ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ރޭ ބާއްވާފައިވާއިރު، އެ ޖަލްސާގައި ޕާޓީގެ ނަމާއި، ކުލަޔާއި، ލޯގޯ އަދި އަސާސީ ގަވާއިދު ވަނީ ފާސްކޮށްފައެވެ. އެކަމަށް ތައުރީފް ކުރައްވާ ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑިމޮކްރެޓްސް ޕާޓީ އުފައްދަން ބޭއްވީ ނުހަނު ކާމިޔާބު، ފުރިހަމަ ޖަލްސާއެއް ކަމަށެވެ. އަދި ގާސިމް ވަނީ ޑިމޮކްރެޓްސް އުފެއްދުމުގެ އުފަލުގައި އެ ޕާޓީގެ މުއައްސިސް ހަސަން ލަތީފް އަށާއި ރައީސް ނަޝީދުގެ އިތުރުން އެ ޕާޓީއަށް ތާއީދު ކުރައްވާ އެންމެހާ މެންބަރުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. https://twitter.com/qasimibrahim/status/1676755649164877826 ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަކަށް ހަމަޖައްސާފައިވަނީ ޕާޓީގެ މުއައްސިސް، ހަސަން ލަތީފްއެވެ. ޖަލްސާގައި ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު އެޕާޓީގެ އެތެރޭގެ ހަމަނުޖެހުންތައް އިހުނަށް ވުރެ ބޮޑުވެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އެ ޕާޓީން ވަކިވެ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ފެށީ މިދިޔަ މެއި މަހު އެވެ. އެއަށްފަހު ޕާޓީއެއް އުފެއްދުމަށް ބޭނުންވާ މެންބަރުންގެ އަދަދު ހަމަކޮށް އެ ޕާޓީން 3،500 މެންބަރުންގެ ސޮޔާއެކު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅި އެ މަހުގެ 21 ވަނަ ދުވަހުއެވެ. ނަމަވެސް އީސީގެ ތެރޭގައި ހިނގި ޚިޔާލުތަފާތުވުން ތަކަކަށް ފަހު ޕާޓީ އުފެއްދުމުގެ ހުއްދަ އެ ޕާޓީއަށް ދިނީ މިދިޔަ އާދިއްތަ ދުވަހުއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ކެންޑިޑޭޓަކު ވާދަކުރައްވާނެ ކަމަށް އެ ޕާޓީން ވަނީ އިއުލާން ކޮށްފައެވެ. ރައީސް ނަޝީދާއި ގާސިމް އާ ދެ ބޭފުޅުން މީގެ ކުރިން ސިޔާސީ މަޝްވަރާތައް ބޭއްވި ނަމަވެސް ރައީސް ނަޝީދުގެ ބަރުލަމާނީ ނިޒާމާ ގުޅޭ ހުށަހެޅުން ތަކަށް ޖުމްހޫރީ ޕާޓީން ތާއީދު ނުލިބުމުން އެ މަޝްވަރާ ބައްދަލުވުންތައް ވަނީ ނިންމާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ