ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އޮތް ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނުގެ ރިޔާސީ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޔާމީންގެ ކެންޑިޑެސީ ފޯމް މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ހުށަހެޅުމުން ބަލައި ނުގަންނަން އީސީން ނިންމީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދާތީ އާއި އެ ހުކުމާ ގުޅިގެން ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރު ނުދައްކާ އޮތުމުން އެއީ ސާބިތު ދަރަންޏެއް ނުދައްކާ އޮތުން ކަމަށް ވެސް ބަލައިފަ އެވެ.
ޖިނާއީ ކުށެއްގައި 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި އެފަދަ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ މާފު ދިންތާ ތިން އަހަރު ވެފައި ވުމަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ ޝަރުތެކެވެ. އެކަމަކު ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި ބުނީ ގާނޫނުއަސާސީގައި އެ ބުނަނީ ނިހާއީ [އިސްތިއުނާފް މަރުހަލާ ނިމި ނުވަތަ އިސްތިއުނާފް ކުރުމުގެ ފުރުސަތު ނެތް ނުވަތަ އިތުރު ބަދަލެއް އައުމުގެ ފުރުސަތު ނެތް] ހުކުމެއްގެ ވާހަކަ ކަމަށެވެ. ޔާމީންގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި ވާތީ އަދި އެ ހުކުމް ބަދަލުވެދާނެ ކަމަށާއި އެހެންވެ ގާނޫނުއަސާސީގައި ބުނާ އިންތިހާބުތަކުގައި ވާދަކުރުމުގެ އަސާސީ ހައްގު ލިބެން ޖެހޭނެ ކަމަށް ވަނީ ވަކާލާތުކޮށްފަ އެވެ.
މި މައްސަލާގައި ހުކުރު ދުވަހު ސުޕްރީމް ކޯޓުގައި ހަތް ގަޑިއެއްހާއިރު ވަންދެން ކުރިއަށް ގެންދިޔަ އަޑުއެހުންތަކުގައި ޔާމީންގެ ފަރާތްޕުޅުން ބުނެފައިވަނީ ޖަލު ހުކުމެއްގައި ހުއްޓަސް އިންތިހާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށާއި ޖަލު ހުކުމް ބާތިލް ނުވެ އޮއްވައި އިންތިހާބު ވެއްޖެ ނަމަ ނައިބު ރައީސަށް މަގާމުގެ ޒިންމާ އަދާކުރެވިދާނެ ކަމަށެވެ. މިގޮތަށް އަމަލުކުރެވޭ އެހެން ގައުމުތައް ވެސް އެބަހުރި ކަމަށް ޔާމީންގެ ފަރާތްޕުޅުން ފާހަގަކުރުމުން ފަނޑިޔާރުން ވަނީ އެއީ އެ ގައުމުތަކުގައި އެ އިޖުރާއަތުތައް ގާނޫނުތަކުގައި ލިޔެގެން ކުރާ ކަމެއް ނޫންތޯ ސުވާލުކުރައްވައިފަ އެވެ. ޔާމީންގެ ވަކީލުން ވަނީ ރާއްޖޭގައި އެފަދަ ގާނޫނުތަކެއް ނެތް ނަމަވެސް އެގޮތަށް އަމަލުކުރެވިދާނެ ކަމަށާއި ގާނޫނުއަސާސީން ބޮޑަށް މާނަކުރެވެނީ ވެސް އެގޮތަށް ކަމަށް ބުނެ އެވެ.
މިކަމާ ގުޅޭ ގޮތުން ހުށަހެޅި ނުކުތާތަކަށް ހުކުމުގައި ވަނީ ޖަވާބު ދީފަ އެވެ.
(ތަފްސީލް އަންނަނީ)
ޔާމީނަށް ފުރުސަތެއް ނެތް؛ ސުޕްރީމް ކޯޓުން ޔާމީނާ ދެކޮޅަށް ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ