ހއ. ތަކަންދޫން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ތިން މީހުންގެ ތެރެއިން ކަރަންޓީނަށް ޕޮޒިޓިވް ކުއްޖާ ނޫން އެ ގޭގެ އެހެން ކުއްޖެއް ގެންދެވުނީ ނަމުގައި އެރި އޮޅުންތަކެއްގެ ސަބަބުން ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.
ތަކަންދޫން ޕޮޒިޓިވްވި މީހުންނަކީ މިދިޔަ މަހު 15 ވަނަ ދުވަހު ކާވިޔާ ބޯޓުން ދަތުރު ކުރި ބައެކެވެ. އަދި އެ މީހުން ބައްޔަށް ޓެސްޓްކޮށް ސާމްޕަލް ނެގީ އެ ބޯޓުން ދަތުރުކުރި ހއ. އުލިގަމު މީހަކު އެ ބައްޔަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.
މި ކޭސް އާ ގުޅިގެން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިޔައީ އުމުރުން 29 އަހަރުގެ އަންހެނަކާއި 37 އަހަރުގެ އަންހެނެއްގެ އިތުރުން 7 އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. އެ ފިރިހެން ކުއްޖާއަކީ 29 އަހަރުގެ އަންހެންމީހާގެ ދަރިފުޅެވެ.
އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ހާދިސާއާއި ގުޅޭގޮތުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވާހަކަ ދައްކަވާފައެވެ. އަދި ޕޮޒިޓިވް ވި ކުއްޖާގެ ބަދަލުގައި އެހެން ކުއްޖެއް، ގެންދެވުނު ސަބަބުން އޮޅުންފިލުވައި ދެއްވައި މަބްރޫކް ވަނީ އެގޮތަށް ކަންހިނގީތީ މާފަށް އެދިވަޑައިގެންފައެވެ.
ޕޮޒިޓިވް ވި ކުއްޖާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އެޗްޕީއޭގެ ފަރާތުން ކުއްޖާގެ އާއިލާއާއި ވެސް މިކަމާއި ގުޅިގެން ވާހަކަ ދައްކާފައިވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ޕޮޒިޓިވް ވި ކުއްޖާ ނޫން އެހެން ކުއްޖެއް އައިސޮލޭޝަނަށް ގެންދެވުނީ، ނަމުގައި ހުރި ކުޑަ ތަފާތެއްގެ ސަބަބުން ކަމާށެވެ. އެގޮތުން ދެ ކުދިންގެ ނަމުގައި ހުންނަނީ ”އެންމެ އަކުރެއްގެ“ ތަފާތު ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ ކުއްޖާއަކީ ވެސް ޕޮޒިޓިވް ވި މީހާގެ ހައިރިސްކު ކޮންޓެކްޓެއް ނަމަވެސް، އެންމެ ފުރަތަމަ ހެދި ޓެސްޓު ނެގެޓިވްކަމުގައި މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް، އެ ކުއްޖާއަކީ ހައި ރިސްކު ކޮންޓެކްޓެއް ކަމުން އިތުރު ޓެސްޓުތަކެއް އަދި ހަދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ، ގެންދެވުނީ ޕޮޒިޓިވް މީހާއާއި، އޭނާގެ ދަރިފުޅު ކަމަށެވެ.
”ދެ ކުދިންގެ ނަމުގެ ތަފާތަކަށް ހުރީ އެއް އަކުރު. ގެންދެވިފައި ވަނީ ޕޮޒިޓިވްވި މީހަކާއި އޭނާގެ ދަރިފުޅު. ނަމަވެސް ދަރިފުޅު ނެގެޓިވް. އެކަމަކު އެ ކުއްޖާ އެއީ ކްލޯޒް ކޮންޓެކްޓެއް. އެހެން ވެ އެ ކުއްޖާ އަކީ އަދި ވެސް ޓެސްޓު ކުރަން ޖެހޭ ކުއްޖެއް. ޕޮޒިޓިވްވި ކުއްޖާ ހުރީ ރަށުގައި ބެހެއްޓިފައި. އެ ކުއްޖާ ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުން. އެހެންނަމަވެސް ޕޮޒިޓިވްވި އެހެން ކުއްޖެއް އަޅުގަނޑުމެންނަށް ހުރީ އެ ރަށުގައި ބެހެއްޓިފައި“ މަބްރޫކް
މަބްރޫކް ވަނީ، މިކަން ހިނގާފައިވާ ގޮތާއި ގުޅޭގޮތުން އާއިލާއާއި ވާހަކަ ދައްކާފައިވާކަން ފާހަގަކޮށްފައެވެ. އަދި މަބްރޫކް ވަނީ، ކުއްޖާގެ އާއިލާގެ ކިބައިން މާފަށް އެދިފައެވެ.
ޕޮޒިޓިވްވި ނުވާ ކުޑަ ކުއްޖަކު ކަރަންޓީނަށް: އޮޅުން އެރީ ދެ ކުދިންގެ ނަމުގައި ހުރި ”އެންމެ އަކުރެއްގެ“ ތަފާތަކުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ