ބާސާގެ ލީގު އުފާވެރިކަން 'އެލް ކްލަސިކޯ' މެޗަށް، ރެއާލްގެ މޮޅާއެކު ތާރީޚީ ފުރުޞަތެއް
ސްޕެނިޝް ލަ ލީގާގައި ރޭ ކުޅުނު މެޗުން އެސްޕަންޔޯލް އަތުން ރެއާލް މެޑްރިޑް މޮޅުވުމާއެކު، ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއަށް ތަށި ކަށަވަރުކުރަން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ. މި ނަތީޖާއާއެކު، ބާސެލޯނާއަށް މިހާރު ތަށި ކަށަވަރުކުރުމުގެ ފުރުޞަތު އޮތީ އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ކުޅޭ އެލް-ކްލަސިކޯ މެޗުންނެވެ. ލަ ލީގާގެ 97 އަހަރުވީ ދިގު ތާރީޚުގައި މިހާތަނަށް އެއްވެސް ޓީމަކަށް އެލްކްލަސިކޯ މެޗަކުން މޮޅުވެގެން ނުވަތަ އެ މެޗުގެ ނަތީޖާއިން ލީގު ތަށި ކަށަވަރު ކުރެވިފައެއް ނުވެއެވެ. އެހެންކަމުން، އާދީއްތަ ދުވަހު ވާދަވެރި ރެއާލްއާ ދެކޮޅަށް ކުޅޭ މެޗުން އެންމެ ޕޮއިންޓެއް ހޯދައިގެން ވެސް ބާސެލޯނާއަށް ތާރީޚުގެ ތެރެއިން ޖާގަ ހޯދުމުގެ ރަނގަޅު ފުރުޞަތެއް އެބައޮތެވެ. ރޭ އެސްޕަންޔޯލްގެ ދަނޑުގައި ކުޅުނު މެޗުގައި ރެއާލް މެޑްރިޑުން ވަނީ 2-0 އިން މޮޅުވެފައެވެ. މި މެޗުގެ ދެ ލަނޑުވެސް ފަހު ހާފުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާއެވެ. އޭނާގެ ފުރަތަމަ ލަނޑު ގޮންޒާލޯ ގާސިއާއާ އެކު ކުޅުނު ހިތްގައިމު ވަން-ޓޫ ޕާހަކަށް ފަހު ކާމިޔާބުކުރިއިރު، ދެވަނަ ލަނޑަކީ ޖޫޑް ބެލިންހަމް ފަހަތަށް ޖައްސާލި ބޯޅައަކުން ޖެހި ލަނޑެކެވެ. މި މެޗުގައި އެސްޕަންޔޯލްގެ އުމަރު އަލް ހިލާލީއަށް ވިނީޝިއަސްއަށް ކުރި ފައުލަކާ ގުޅިގެން ރަތް ކާޑެއް ދެއްކި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ. ރެއާލް މެޑްރިޑުން މި މެޗުން މޮޅުވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބާސެލޯނާ ޗެމްޕިއަންކަން ކަށަވަރުކުރުން ލަސްކުރުމެވެ. މިވަގުތު ބާސެލޯނާ ތާވަލުގެ ކުރީގައި އޮތީ 11 ޕޮއިންޓުގެ ބޮޑު ތަފާތަކުންނެވެ. ބާސާއަށް މި ސީޒަނުގައި ލީގުގެ އެންމެ ބޮޑު ތަފާތުގެ ރެކޯޑާއި، އެންމެ ގިނަ ޕޮއިންޓުގެ ރެކޯޑާ އެއްވަރުކުރުމުގެ ފުރުޞަތު އަދިވެސް އެބައޮތެވެ. މި ސީޒަނަކީ ރެއާލް މެޑްރިޑަށް ވަރަށް އުނދަގޫ ސީޒަނެކެވެ. ލީގު ތަށި ގެއްލުމުގެ ބިރު ބޮޑުވެފައިވާއިރު، މިއީ 2009-10 ވަނަ އަހަރަށް ފަހު އެޓީމުން އެއްވެސް މުބާރާތެއްގެ ތަށި ނުލިބި ސީޒަން ނިންމާލަން ޖެހޭ ދެވަނަ ފަހަރަށް ވުމުގެ ފުރުޞަތު ބޮޑެވެ. އަނެއްކޮޅުން، ބާސެލޯނާއިން މިހާތަނަށް ލީގުގައި ކުޅުނު މެޗުތަކުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ