ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތަކަށް ރައްކާތެރިވާނެ ގޮތް ކިޔައިދީފި

ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވާނެ ގޮތް، ނެޝަނަލް ޑިޒަސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން ކިޔައިދީފި އެވެ.
ވީ ކިހިނެއް؟ - މުޅި ރާއްޖެއަށްހެން މިހާރު ވިއްސާރަ ކުރަމުންދާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވެދާނެކަމުގެ އިންޒާރު މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ދީފަ އެވެ. އެއާއެކު ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެންޑީއެމްއޭއިން ވަނީ އެދިފަ އެވެ.
ތަފްސީލް - އެތަނުން ބުނި ގޮތުގައި، ގުގުރުމާއި ވިދުމުން ލިބޭ ގެއްލުން ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކަކީ:
ހާމަ ތަންތަނާއި ޓެރަސްފަދަ އުސް ތަންތަނުން ދުރުހެލިވުން
އިމާރާތްތެރޭގައި ތިބުން
ބޭރުގައި ނަމަ ވިއްސާރައިން ހިޔާވުމަށް އުސްތަންތަން ކައިރީ އަދި ގަސްދަށުގައި ނުތިބުން
އިލެކްޓްރޯނިކް ތަކެތި ކަރަންޓުން ނައްޓާލުމާއި އެ ތަކެތި ބޭނުން ކުރުމުން ދުރުހެލުވުން
ފެންބޮޑުވެފައިވާ ސަރަހައްދުތަކާއި ތެމިފައިވާ ތަކެއްޗާއި ދަގަނޑު ތަކެތިން ދުރުހެލިވުން
އެނގުން މުހިއްމު - މާލެއަށް މި ފަހުން ކުރި ވިއްސާރައިގައި ވެސް ވަރަށް ބާރަށް ގުގުރައި، އިމާރާތަކަށް ހޮނުވެސް އެޅި އެވެ. ހާއްސަކޮށް، ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް އެކަންވީ ބިރުވެރި ތަޖުރިބާއަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ