ކުޑޫގެ ކަންބޮޑުވުންތަކާ އެކު، އޭޑީއެޗްޑީ ހުންނަ ކުދިންގެ ބޭހެއް މަނާ ޑުރަގު ލިސްޓުން އުނިކުރަން ފޮނުވައިފި

އެޓެންޝަން ޑެފިސިޓް ހައިޕާއެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ)ގެ ފަރުވާއަށް ބޭނުންކުރާ މުހިންމު ބޭހެއް، ރާއްޖެގައި ބޭނުންކުރުން މަނާ ޑުރަގުތަކުގެ ލިސްޓުން އުނިކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ. ކަންކަމަށް ސަމާލުކަން ދިނުން ކުޑަވެ، ހަލަނިވުން ފަދަ ކަންކަން ފެންނަ އޭޑީއެޗްޑީ ހުންނަ ކުދިންގެ ފަރުވާއަށް ބޭނުންކުރާ މުހިންމު ބޭހެއް ކަމަށްވާ މިތައިލްފެނިޓޭޑް ގާނޫނުގައި ބަޔާންކޮށްފައި އޮތީ މަސްތުވާއެއްޗެއްގެ ގޮތުގައެވެ. އެހެންވެ، އެއީ ރާއްޖޭގައި ބޭނުންކުރުން މަނާ ޑުރަގަށް ހެދުމުން އެ ބޭސް ރާއްޖެއަކުން ނުލިބެއެވެ. އެ މައްސަލައިގައި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ ގޮތުން، 47 ބެލެނިވެރިންގެ ސޮޔާ އެކު ކުޑޫ ވަނީ އޯޓިޒަމްއާއި އޭޑީއެޗްޑީ ފަދަ ޚާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދިންނަށް ކޮންމެހެން ބޭނުންވާ ބޭހާއި، ސިއްހީ އެކިއެކި އާލާތްތައް ރާއްޖޭގެ ބޭސް ފިހާރަތަކުން ނުލިބޭކަމުގެ ކަންބޮޑުވުން މިދިޔަ އަހަރު ފާޅުކޮށްފައެވެ. އެ މައްސަލައިގައި މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ)އިން އޮގަސްޓް 18، 2025 ގައި ބުނީ، އެއީ އޭޑީއެޗްޑީގެ ފަރުވާއަށް ރަނގަޅު ބޭހެއްކަން ސައިންސް ހެކިދޭ ކަމަށެވެ. އެކަމަކު، އެއީ މަނާ ޑުރަގެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތުމުން ރާއްޖޭގައި ތިބި އޭޑީއެޗްޑީ ހުންނަ ކުދިންނަށް އެ ބޭސް ބޭނުމެއް ނުކުރެވެއެވެ. https://sun.mv/210103 އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، މިދިޔަ މަހު 22 ގައި ކުޑޫ ވަނީ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲއަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީއާ ގުޅިގެން މިދިޔަ މަހު 30 ގައި މަޖިލީހުގެ ރައީސަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އެ ބޭހާ ގުޅޭ ގޮތުން ނެޝަނަލް ޑުރަގު ކޮންޓްރޯލް ކައުންސިލުން ދެއްވާފައިވާ ލަފަޔާ މެދު އޭޕްރީލް 26 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި، މަނާ ބޭސްތަކުގެ ލިސްޓުން މިތައިލްފެނިޓޭޑް އުނިކޮށް، އެ ކަމަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވަން ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށް ސިޓީގައި ރައީސް ވިދާޅުވިއެވެ. އެހެންވެ، މަނާ ބޭސްތަކުގެ ލިސްޓުން މިތައިލްފެނިޓޭޑް އުނިކުރުމާ މެދު މަޖިލީހުން ގޮތެއް ކަނޑައަޅައިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. https://sun.mv/221008 ފާހަގަކޮށްލެވޭ ގޮތުގައި، މަނާ ބޭސްތަކުގެ ލިސްޓުން މިތައިލްފެނިޓޭޑް އުނިކޮށްދޭން އެދި އެމްއެފްޑީއޭއިން ވެސް މިދިޔަ އަހަރުގެ ޖުލައި 13 ގައި މަޖިލީހަށް ސިޓީއެއް ފޮނުވާފައިވެއެވެ. އެކަމަކު، މިއަދާ ހަމައަށް ވެސް ގާނޫނީ ބަދަލުތައް ނުގެނެވި، އެ މައްސަލައަށް ހައްލެއް ނުހޯދި އޮތުމުން ގިނަ ބައެއްގެ ކަންބޮޑުވުން އެބައޮތެވެ. މި ބޭހަކީ އެ ކުދިންގެ އާންމު ދިރިއުޅުމަށާއި ކިޔެވުމަށް ބޭނުންވާ އެންމެ އަސާސީ ބޭސް ކަމަށްވާއިރު، އެ ބޭސް ނުލިބުމުގެ ސަބަބުން ކުދިންގެ ހާލަތު ގޯސްވަމުންދާކަމުގެ ކަންބޮޑުވުން ކުޑޫ ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ