ރާއްޖޭގައި ހުރި ބޮޑެތި އެއްވެސް މައްސަލައެއް ހައްލެއްނުވޭ، މި ނުކުތީ އެކަންކުރަން: އުމަރު

ވޭތުވި 15 އަހަރުގެ ތެރޭގައި 4 ޕާޓީއަކުން 5 ރައީސަކު ދިވެހި ރާއްޖޭގެ ވެރިކަން ވެރިކަންކޮށްފައިވާ ކަމަށާއި ނަމަވެސް އެ ވެރިންގެ ސަރުކާރުތަކުގައި ރާއްޖޭގައި ހުރި ބޮޑެތި އެއްވެސް މައްސަލައެއް ހައްލެއްނުވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވާނެކަން ޢިއުލާން ކުރައްވާފައިވާ އުމަރު ރޭ ވަނީ "އާ މިސްރާބަކަށް، އުމަރު 2023″ ގެ ނަމުގައި އޭނާގެ ކެމްޕޭން ލޯންޗްކޮށްފައެވެ.
އެކަމަށް މާލޭ ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ވަނީ އޭނާގެ ކެމްޕޭން ޝިއާރާއެކު ފެންނަން ހުރި ދޯންޏަށް އިޝާރާތް ކުރައްވައި އެ ދޯނިން ރަމްޒުކޮށްދެނީ ގައުމަށް ދިމާވެގެން އުޅޭ މައްސަލައި މިސާލެއް ކަމަށް ވިދާޅުވެފައެވެ.
''އަޅގަނޑުގެ ފަހަތުގައި ފެންނަން މިހިރީ ކަނޑުގައި ދަތުރުކޮށްފައިދާ ދޯންޏެއް، އެ ދޯނި މަގުއޮޅި މިސްރާބު އޮޅިގެން ދެވޭ ނުދެވޭ ތަނެއް ނޭނގޭތީ އެ ދޯނީގެ ކެޕްޓަން ބަދަލުކޮށްފި ހަތަރު ފަހަރަށް 15 އަހަރުގެ ތެރޭގައި، އެކަމަކު ހަވާލުވާ އެއްވެސް ކެޕްޓަނަކަށް އެ ދޯނީގެ މިސްރާބު ސީދާކޮށް އެ ދާންވާ މަންޒިލަކަށް މި ދޯންޏެއް ނުގެންދެވޭ، މިއީ ގައުމަށް ދިމާވެގެން އުޅޭ މައްސަލައިގެ ކުޑަ މިސާލެއް،'' ވާހަކަ ފައްޓަވަމުން އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވޭތުވި 15 އަހަރުގެ ތެރޭގައި 4 ޕާޓީއަކުން 5 ރައީސަކު ދިވެހި ރާއްޖޭގެ ވެރިކަން ވެރިކަންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ވެރިއަކަށް ރާއްޖޭގައި ހުރި ބޮޑެތި އެއްވެސް މައްސަލައެއް ހައްލުކޮށްދެވިފައި ނުވާކަމަށް ވިދާޅުވިއެވެ. އެއަށްފަހު އުމަރު ވަނީ އެފަދަ ބައެއް މައްސަލަކުން މިސާލު ނަންގަވާފައެވެ.
''ޑްރަގް އެތެރެކުރާ މީހުން އެއްވެސް ޖެހިލުމެއްނެތި ރާއްޖެއަށް ކިލޯކިލޯއިން ޑްރަގް އެތެރެކޮށް ގެންދަނީ މަގުތަކުގައި ވިއްކަމުން، ކަސްޓަމްސްއިން އަތުލައިގަންނަ ޑްރަގް ކަސްޓަމްސްގެ ތެރެއަށް ގެއްލޭ ކަމުގެ ޚަބަރު މިހާރު އިވެމުން މިދަނީ، ގޭންގުތަކުގެ މީހުން ފޮރުވެތިބެ މަސްތުވާތަކެތި ވިއްކަމުން ދަނީ، އުމުރުން 15 އަހަރުގެ ކުޑަކުދިން ގޭންގުތަކަށް ވަނުމަށްފަހު އޭނަ މަދަރުސާއަށް ދަނީ ކަޓަރު ހިފައިގެން، ޓީޗަރުން ނަސޭހަތް ދިނީމަ ޓީޗަރުންނާ ދިމާއަށް އެ ދިއްކޮށްލަނީ މެދު އިނގިލި، ޓީޗަރު ކުރާނެ އެއްވެސް ކަމެއްނެތް، ޓީޗަރަށް އެޅޭނެ ފިޔަވަޅެއްވެސް ނެތް، ޑިމޮކްރަސީ ބޮޑު އަޅުގަނޑުމެންގެ ތެރޭގައި، ނެތް އެޅޭނެ އެއްވެސް ފިޔަވަޅެއް'' އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ރަބަރު ކޮތަޅަކަށް ހެދުން ލައިގެން އައިސް ރާއްޖެ ފައިބާފައި، ''މިއޮއްތާ ކަންމަތީ ފިހާރައެއް، އެއޮއްތާ ދަނޑު ގޮވާންކުރަން،'' ފަށާކަމަށެވެ. އަދި ރާއްޖޭގައި ނޫން އެހެން ގައުމުތަކުގައި އެހެން އުޅެވޭތޯ ސުވާލު ކުރެއްވިއެވެ.
''ކޮންގައުމެއްގައިތޯ މިހެން އުޅެވޭނީ، ދިވެހި މަސައްކަތް ތެރީން ތަނެއްގައި ކުލަލައިދޭން 2 ލައްކަ ރުފިޔާގެ އަގެއް ދީފައި އޮއްވާ ގަވާއިދާ ޚިލާފަށްއުޅޭ ބިދޭސީ ގްރޫޕްތައް އަންނަ ގޮތައް އައިސް ތިމަންނަމެން 75 ހާސް ރުފިޔާއަށް ކޮށްދީފަނަމޭ ބުނެފަ މަސައްކަތް ދަމައިގަންނަނީ، ކޮން ގައުމެއްގައިތޯ ގަވާއިދާ ޚިލާފަށް އުޅޭ މީހުންނަށް މިހެން އުޅެވެނީ'' އުމަރު ވިދާޅުވިއެވެ.
އުމަރު ރޭ ކެމްޕެއިން ފައްޓަވާފައި ވަނީ ރާއްޖެއަށް މުހިންމު ބޮޑު 50 ބަދަލެއް ގެނައުމުގެ ވައުދާއެކުގައެވެ. މީގެ ތެރޭގައި ކޮރަޕްޝަނުން ސަލާމަތްވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމާއި، ފުރިހަމަ އިސްލާމީ ވެރިކަމެއްކުރާ ޤައުމަކަށް ރާއްޖެ ހެދުންފަދަ ވައުދުތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ