އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާއަށް ހަމަލާދީފި

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ފަލަސްތީނުގެ ވެރިރަށް ޣައްޒާއަށް ހަމަލާދީފިއެވެ.
ޣައްޒާއަށް ވައިގެ ހަމަލާތައް ދީފައިމިވަނީ އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް ރޮކެޓެއް ވައްޓާލުމާއި ގުޅިގެންނެވެ. އިސްރާއިލުން ތުހުމަތުކުރަނީ އެއީ ފަލަސްތީނުގެ ވެރިކަންކުރާ ހަމާސް ޖަމާތުން ދިން ހަމަލާއެއް ކަމަށެވެ. އެކަމަކު އެކަމުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައި ނުވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހަމަލާ ދީފައި ވަނީ ފަލަސްތީނުގެ އަސްކަރީ މަރުކަޒުތަަކަށެވެ. އިސްރާއިލުން ފަލަސްތީނަށް ހަމަލާތައް ދެމުން އަންނައިރު، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި މިދިޔަ ހަފުތާގައި އެކަނި ވެސް ފަލަސްތީނުގެ 10 މީހަކު ޝަހީދުކޮށްލާފައިވެއެވެ.
ޣައްޒާއަށް ވައިގެ ހަމަލާތަކެއް ދީފައި މިވަނީ މިދިޔަ ހުކުރު ދުވަހު އިސްރާއީލު ސިފައިންގެ މީހަކު ފަލަސްތީނުގެ ޒުވާން އައްމާރު މުފްލޭހް، 23، ޝަހީދުކޮށްލުމާ ގުޅިގެން ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައިކަން ވެސް ފާހަގަކޮށްލަމަެވެ. އޭނާ ޝަހީދުކޮށްލާ މަންޒަަރު ފެންނަ ވީޑިއޯ މީސްމީޑިއާގައި ދައުރުވާތީ، އޭގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި ނުރުހުން އުފެދި، ސޯޝަލްމީޑިއާގައި އިސްރާއީލަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ވަނީ މުފްލޭހ ޝަހީދުކޮށްލުން ކުށްވެރިކޮށްފައެވެ. އަދި މިކަމާއި ގުޅިގެން އިސްރާއިލާ ދެކޮޅަށް ސޯޝަލްމީޑިއާ ކެމްޕެއިނެއް ވެސް ވަނީ ފަށާފައެވެ.
އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ވެރިންގެ އަމުރުފުޅަށް އެ ޤައުމުގެ އިސްތިޢުމާރީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރިއާއި ޤުދުސްގައިދަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންނެވެ.
2005 ވަނަ އަހަރަށް ފަހު، 2022 ވަނަ އަހަރަކީ ފަލަސްތީނަށް އެންމެ ނުރައްކާތެރި އަހަރަށް ވެފައިވާއިރު، މިއަހަރުގެ މިހާތަނަށް ޣައްޒާ، ހުޅަނގު އައްސޭރި އަދި އިރުމަތީ ގުދުސްގެ ހިފާފައިވާ ސަރަހައްދުތަކުގައި ފަލަސްތީނުގެ 207 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ