މޫސުން ގޯސްވުމުން ބައެއް ހިސާބުތަކަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާއާ ގުޅިގެން، ޅ. އަތޮޅުން ފެށިގެން މ. އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ އެ ދެ އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާޓު ނެރެފި އެވެ. ޔެލޯ އެލާޓް ނެރެނީ ދިމާވެދާނެ ކަމަކަށް ތައްޔާރީ ހާލަތުގައި ތިބުމަށް އެންގުމަށާއި ކަމާ ބެހޭ އިދާރާތައް ރައްޔިތުންނަށް ދިމާވެދާނެ ކަމަކުން ސަލާމަތްވުމަށް ތައްޔާރުވުމަށެވެ. ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ގަދަ ވަޔާ އެކު ނަގޫރޯޅިއެއް އަރާފާނެ ހާލަތުގައި ޔެލޯއެލާޓް ނެރެފައިވަނިކޮށް ކަނޑުދަތުރުކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ. އެ ދެ އަތޮޅަށް މެޓު އޮފީހުން ޔެލޯ އެލާޓު ނެރެފައި ވަނީ މިއަދު މެންދުރު 1:30 އިން ފެށިގެން މިއަދު ހަވީރު 5:30 އަށެވެ. މެޓު އޮފީހުން ބުނީ އެ ގަޑިތަކުގައި ގަދަ ވަޔާއި ގުގުރުމާ އެކު އެ ދެ އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ޅ. އަތޮޅުން ފެށިގެން މ. އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާޓު ނެރެފައިވާ އިރު، މެޓުން ވަނީ މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓު އެލާޓު ވެސް ނެރެފަ އެވެ. މެޓު އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށެވެ. މެޓުން ބުނީ މިހާރު ރާއްޖެ އަށް ކުރަމުން ގެންދާ ވިއްސާރާގައި މިއަދު ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރާ ކަމަށެވެ. ނަމަވެސް ވިލާގަނޑުގައި 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ކަނޑުތައް ގަދަވެފައި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އެވެ. އެންމެ ފަހުގެ ސެޓެލައިޓު ފޮޓޯތަކަށް ބަލާއިރު، ރާއްޖެ ހިމެނޭ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާރަ ވިލާ އަންނަނީ އުފެދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ