ވިލިމާލޭ ބަގީ ޚިދުމަތާ ގުޅިގެން ސިވިލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށްފި
ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ "ނައިންޓީ ނައިން ހޯލްޑިން"އަށް ވިލިމާލޭން ދޫކޮށްފައިވާ ބިންތައް ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން ފޮނުވި ސިޓީއަށް އަމަލުކުރަން ނުޖެހޭ ކަމަށް އަންގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ. ވިލިނގިލީގައި ދިރިއުޅޭ ރައްޔިތުންނަށް އެއްގަމު ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ ގޮތެއް ހޯދައި ދިނުމަށްޓަކައި, ތިމާވެއްޓާ ރަޙުމަތްތެރި ވެހިކަލްގެ ޚިދުމަތެއް ފޯރުކޮށްދިނުމާ ގުޅޭގޮތުން އިމްޕްރިންޓް އާއި މާލެ ސިޓީ ކައުންސިލްއާ ދެމެދު 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެއްބަސްވެފައިވެއެވެ. ބެޓެރި ވެހިކަލް އެކަނި ދުއްވުމުގެ ހުއްދަ އޮންނަ ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް އިމްޕްރިންޓް ނަމަކަށް ކިޔާ ކުންފުންޏަކާ 2013 ވަނަ އަހަރުގެ ޖޫން 17 ގައި ހަވާލުކުރި ނަމަވެސް އެ ކުންފުނިން ވަނީ "ނައިންޓީ ނައިން ހޯލްޑިން" އަށް ޖެނުއަރީ 16، 2014 ގައި އެ މަސައްކަތްތައް ބަދަލުކޮށްފައެވެ. އެހެންނަމަވެސް އެއްބަސްވުމާ އެއްގޮތަށް ވިލިމާލޭގައި ބަގީގެ ޚިދުމަތް ނުދޭތީ، އެ އެއްބަސްވުން ބާތިލުކޮށް، "ނައިންޓީ ނައިން ހޯލްޑިން" އަށް އެ އަވަށުން ދޫކޮށްފައިވާ ބިންތައް ހަތް ދުވަހުގެ ތެރޭގައި ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 25 ވަނަ ދުވަހުއެވެ. އެ އެންގުމާ ގުޅިގެން، ނައިންޓީ ނައިން ހޯލްޑިންގްސްގެ ފަރާތުން އެމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ސިޓީ ކައުންސިލްގެ ނިންމުމަށް ޢަމަލު ކުރުން ފަސްކުރަން ސިވިލް ކޯޓުން އަމުރުކޮށްފައިވެއެވެ. ނަމަވެސް ސިޓީ ކައުންސިލުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ހައި ކޯޓުން ނިންމީ، ކައުންސިލުން އެ ކުންފުންޏަށް ފޮނުވި ސިޓީއަށް ޢަމަލުކުރަން ނުޖެހޭ ކަމަށް އަންގައި ސިވިލް ކޯޓުން ކުރި ހުކުމް ބާތިލްކުރާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ