ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޝަރުތުތަކާ އެކު ކޯޓުން މިއަދު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
ނާޒިމްގެ އެޕާޓްމެންޓުން ހަތިޔާރު ފެނުނު ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރިން އަމުރުކޮށްފައި ވަނިކޮށް މިއަދު ކޯޓުން އެގޮތަށް އެންގީ ނާޒިމް އެދިވަޑައިގަތުމަކަށެވެ.
ބަލި ހާލަތު ހުރިގޮތުން ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް ނާޒިމް އެދިވަޑައިގަތުމުން އެކަމާ މެދު ފަނޑިޔާރުންގެ ބެންޗުގައި މަޝްވަރާ ކުރުމަށް ފަހު އެ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ ނާޒިމްގެ ގޭ ބަންދަށް ބަދަލުކުރަން ދައުލަތުން ދެކޮޅު ހަދާފައި ނުވާތީ އާއި ސިއްރު ހެކިންގެ ހެކިބަސް ނަގައި މިއަދު ނިމިފައިވާތީ ނާޒިމް ގޭ ބަންދަށް ބަދަލުކުރީ ކަމަށެވެ.
ނަމަވެސް ގޭ ބަންދުގައި ހުންނައިރު އެއްވެސް ހެއްކަކަށް ނުފޫޒު ނުފޯރުވުމަށާއި ފުލުހުން އަންގާ އެންގުންތަކަށް ތަބާވުމަށް ގާޒީ ބާރީ ނާޒިމަށް އެންގެވި އެވެ. އެއާ ޚިލާފްވެއްޖެ ނަމަ ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ކޯޓުން މިއަދު ނާޒިމް ގޭ ބަންދަށް ބަދަލު ކުރުމުގެ ކުރިން ފުލުހުން ވެސް އަމިއްލައަށް ވަނީ ނާޒިމް ދެ ދުވަސް ވަންދެން ގޭ ބަންދުގައި ބަހައްޓައިފަ އެވެ. އޭރު ވެސް ނާޒިމް ގޭ ބަންދުގައި ބެހެއްޓީ ބަލި ހާލަތު ހުރިގޮތުން ބައެއް ތަހުލީލުތައް ކުރަންޖެހުމުންނެވެ.
އެކަމާ ގުޅިގެން ގާޒީ ބާރީ ވިދާޅުވީ އޭރު ނާޒިމް ގޭ ބަންދަށް ބަދަލުކުރީ ކޯޓަށް އެނގިގެން ނޫން ކަމަށާއި ނަމަވެސް އެގޮތަށް ގޭ ބަންދަށް ބަދަލު ކުރުމުގެ ބާރު ފުލުހުންނަށް އޮންނާނެ ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ކުރުމުގެ ކުރިން އެކަން ކޯޓަށް އެނގުން މުހިންމު ކަމަށް ބާރީ ވިދާޅުވި އެވެ.
ޝަރުތުތަކަކާ އެކު ކޯޓުން ނާޒިމް ގޭ ބަންދަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ