އަފްރާޝީމްގެ ބޭބެ ނާސިރުގެ ގޮނޑި ގެއްލޭ ގޮތަށް އޭނާ އަރުވާލަން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމްގެ އަލީގެ ބޭބެ އަބްދުއްނާސިރު އަލީގެ ކައުންސިލް މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް އޭނާ އަރުވާލަން  ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
އުނގޫފާރު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުއްޓާ ނާސިރުގެ ގޮނޑި ގެއްލޭ ގޮތަށް އޭނާ 11 އަހަރަށް އަރުވާލަން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ އޭޕްރީލް މަހު ހުކުމްކުރީ ޚިޔާނާތުގެ މައްސަލައެއްގަ އެވެ. އެ ހުކުމާ އެކު އޭނާ އޭރު އަދާ ކުރަމުން ދިޔަ ކައުންސިލްގެ ރައީސް ކަމާއި މެމްބަރުކަމުގެ ގޮނޑި ވަގުތުން ގެއްލުނެވެ.
ނާސިރު އަރުވާލަން ހުކުމްކުރީ އުނގޫފާރު ރައްޔިތުންގެ އިންޖީނުގެ ހިންގި ދުވަސްވަރު 2004 އިން ފެށިގެން 2006 އާ ހަމައަށް އެތަނުން އެރަށު އޮފީހަށް ދެއްކި 144،000 އަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވިކަން ސާބިތުވެގެންނެވެ. އޭނާ އަރުވާލުމުގެ އިތުރުން އޭނާ ޚިޔާނާތްތެރިވި ކަމަށް ބުނާ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ވެސް ކްރިމިނަލް ކޯޓުގެ އެ ހުކުމުގައި އޭރު އަންގާފައިވެ އެވެ.
އެ ހުކުމް ނާސިރުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު އިއްވި ހުކުމުގައިވަނީ ދަށު ކޯޓުން އެ ހުކުމްކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށާއި އެހެންވެ އެ ހުކުމް ބާތިލްކުރާ ކަމަށެވެ. އެ ހުކުމުގައިވަނީ އެ ފައިސާއަކީ އެރަށު އިންޖީނުގޭގެ އިންޖީނުތަކަށް ތެޔޮ އަޅަންވެގެން ނާސިރު ޚަރަދުކުރިކަން ހެކިންގެ ބަހުން އެނގޭ ކަމަށާއި އެހެންވެ އެ ފައިސާއަކީ ކުރި ޚަރަދު އަނބުރާ ހޯދުމުގެ ގޮތުން ނެގި ފައިސާއެއް ކަމަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެ ހުކުމުގައި އިތުރަށް ވަނީ އެ ފައިސާއަކީ އުނގޫފާރު ރައްޔިތުންގެ ފައިސާ ކަމަށްވާއިރު އެ ފައިސާ ގެއްލިގެން ނުވަތަ މަދުވެގެން އެރަށު ރައްޔިތުން ނުވަތަ އެ މީހުންގެ ފަރާތުން އެއްވެސް މީހަކު ޝަކުވާއެއް ކޮށްފައިވާކަން އެނގެން ނެތުމުން އެ ފައިސާ ނަގާފައިވަނީ އޭގެ ވެރިފަރާތުގެ ހުއްދަ ލިބިގެން ނުވަތަ ނޫންކަމާ މެދު ޝައްކު އުފެދިފައިވާ ކަމަށެވެ. އެހެންވެ ޚިޔާނާތުގެ ކުށް ސާބިތުވުމަށް ބޭނުންވާ އުންސުރުތައް އެ މައްސަލައިގައި ފުރިހަމަވެފައިނުވާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި އެ ހުކުމުގައި ބުނެފައިވެ އެވެ.
ނާސިރު އަރުވާލަން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލް ކުރިއިރު ނާސިރު ކޮއްކޮ އަދި އުނގޫފާރު ދާއިރާގެ މެމްބަރަކަށް ފަހުން ހުންނެވި އޭނާގެ ކޮއްކޮ އަމީން އިބްރާހިމް ވެސް ހަތަރު އަހަރަށް އަރުވާލަން ދަށު ކޯޓުން މިދިޔަ އަހަރު ވަނީ ހުކުމްކޮށްފަ އެވެ. ޚިޔާނާތުގެ މައްސަލައެއްގައި އޭނާ އަރުވާލަން ކުރި ހުކުމް ވެސް އޭނާގެ ފަރާތުން ވަނީ އިސްތިއުނާފްކޮށްފަ އެވެ.
މަޖިލީހުގެ މިދިޔަ ދައުރުގައި އުނގޫފާރު ދާއިރާގެ މެމްބަރަކަށް އެންމެ ފަހުން އަމީނަކީ އަފްރާޝީމް މަރާލުމުން ބޭއްވި ބައި އިލެކްޝަންގައި ވާދަކޮށް، އެ ގޮނޑި ކާމިޔާބުކޮށް މެމްބަރަކަށް ވަޑައިގެންނެވި ބޭފުޅާ އެވެ. ނަމަވެސް އޭނާ އަރުވާލަން ހުކުމް ކުރިއިރު މަޖިލީހުގެ ދައުރު އޭރު ވަނީ ހަމަވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ