ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް އިންޑިއާގެ ތަމްރީނުދޭ މަރުކަޒުތަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަހުގީގީ އަދި އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށްޓަކައި އެ ގައުމުގެ އެންމެ ފާހަގަކޮށްލެވޭ ތަމްރީނުދޭ މަރުކަޒުތަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް ވަފުދެއް މިމަހުގެ 12 އިން 17 އަށް އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން އިސްކޮށް ހުންނެވި މި ވަފުދުގައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްޠާން އަޙްމަދު ބިޝާރާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ފާއިޒް އަދި އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އިޝާމް ބައިވެރިވެވަޑައިގެންނެވިއެވެ.
ފުލުހުންގެ ޚިދުމަތާއި އިންޑިއާގެ ތަމްރީނުދޭ މަރުކަޒުތަކާއެކު ވެފައިވާ މި އެއްބަސްވުންތަކުގެ ދަށުން، ޚާއްސަ ތަހުގީގުތަކާއި، ސައިބަރ ފޮރެންސިކްސް، އަދި އިންޓެލިޖެންސްގެ ދާއިރާތަކުން މަތީފެންވަރުގެ ތަމްރީނުތައް ލިބުމުގެ އިތުރުން، ދިވެހިރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ފޮރެންސިކް ލެބޯރެޓަރީއެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި ދަތުރުގައި މިވަފުދުން ބައްދަލުކުރެއްވި މުއައްސަސާތަކުގެ ތެރޭގައި ހައިދަރާބާދުގެ ނޭޝަނަލް ޕޮލިސް އެކަޑަމީ (އެންޕީއޭ)، ގުޖުރާތުގެ ނޭޝަނަލް ފޮރެންސިކް ސައިންސް ޔުނިވަރސިޓީ (އެންއެފްއެސްޔޫ) އަދި ރަޝްޓްރިޔާ ރަކްޝާ ޔުނިވަރސިޓީ (އާރްއާރްޔޫ) ހިމެނެއެވެ.
މި މުއައްސަސާތަކާއެކު ވެވުނު އެއްބަސްވުންތަކުގެ ދަށުން، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ)ގެ މަންހަޖު އެކްރެޑިޓްކުރުމާއި، މުދައްރިސުން ބަދަލުކުރުމާއި ޓެކްނިކަލް އެހީތެރިކަން ލިބިގެންދާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މީގެއިތުރުން މިއެއްބަސްވުންތަކުގެ ދަށުން، އެންއެފްއެސްޔޫން ދިވެހިރާއްޖޭގައި ކެމްޕަހެއް ގާއިމުކުރުމަށް ހުށަހަޅުއްވާފައިވާ ކަމަށާއި ޒަމާނީ ޑިޖިޓަލް ފޮރެންސިކް ލެބޯރެޓަރީއެއް ތަރައްގީކުރުމަށް އެހީތެރިވުމަށްވެސް އެއްބަސްވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އާރްއާރްޔޫއިން ފުލުހުންގެ 5 އޮފިސަރުންނަށް ސްކޮލަރޝިޕް ފުރުސަތު ދިނުމަށާއި، ދެ ކެމްޕަހުގައި ކިޔަވައިދޭ ކޯސްތަކާއި، މާލީ ކުށްތަކާއި ކަނޑުގެ ސަލާމަތާ ގުޅޭ މަތީފެންވަރުގެ ތަމްރީނުތައް ހިންގުމަށް އެއްބަސްވެފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި އެއްބަސްވުންތަކަކީ އެ ޚިދުމަތުން ފުލުހުންގެ މަސައްކަތުގެ މިންގަނޑުތައް ޒަމާނީކުރުމަށާއި، އޮޕަރޭޝަނަލް އަދި ތަހުގީގީ ގާބިލުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ