ސަރުކާރުގެ އެކި އިދާރާތަކާއި ބައެއް މުއައްސަސާތަކުގެ ޚިދުމަތް ޑިޖިޓަލްކޮށް ފޯރުކޮށްދޭ "ވަންގަވް" ވިއުގައިގަ ސަރުކާރުގެ ގިނަ އިދާރާތައް ބައިވެރިނުވާތީ، ބެލެނިވެރި ކުންފުނި ޓްރޭޑްނެޓްގެ ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސް ކޮށް މެންބަރު ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ސަރުކާރުން ހޯދަން ޖެހޭ ހިދުމަތްތައް ގުޅިފައިވާ އެއް ވިއުގައެއްގެ ދަށުން ފޯރުކޮށްދިން މި ހިދުމަތުގައި މިހާތަނަށް ބައިވެރިވެ ހިދުމަތް ދޭން ފަށާފައިވަނީ ދައުލަތުގެ 14 އިދާރާއަކުން ކަމަށެވެ.
ވަން ގަވް ވިއުގަ ތެރޭގައި ސަރުކާރުގެ ހުރިހާ ވުޒާރާތަކެއް ނުހިމެނޭއިރު އޭގެ ތެރޭގައި ރައްޔިތުންގެ އަސާސީ ބޭނުންތަކާ ގުޅިފައިވާ ގިނަ ހިދުމަތްތައް ބައިވެރިނުވެ ހުރި ކަމަށާއި، އޭގެ ބަދަލުގައި ވަން ގަވް އާ ނުގުޅި އިދާރާތަކުން އަމިއްލަ ވިއުގަތައް ގާއިމްކޮށް، މަސައްކަތް ކުރަމުން އަންނައިރު، އެކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެ، މަސައްކަތުގެ ސްޕީޑާއި އެފިޝިއެންސީއަށް އަސަރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އެއް ވިއުގަ އަކުން މިކަން ކުރުމަށް ބަޖެޓާއި ވަސީލަތްތައް ކަނޑައަޅާފައިވާއިރު، ވަކިވަކިން އިތުރު ވިއުގަތައް ހެދުމަކީ ދައުލަތުގެ ބަޖެޓުން ވެސް ބޮޑެތި އިސްރާފުތަކެއް ވެގެން ދާނެ ކަމެއް ކަމަށާއި ބައެއް ވިއުގަތަކުގެ މަސައްކަތް ކުރިއަށް ނުގޮސް ބޮޑެތި ހަރަދުކޮށްގެން އަޕްގްރޭޑް ކުރަން ޖެހިފައިވާކަން ވެސް މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.
ވަން ގަވް އުފެއްދި މަގުސަދު ހާސިލްނުވެ، މި ގޮތަށް މި ކަން ހިނގައިދިއުމަކީ ވަން ގަވްގައި ބައިވެރިވުމަށް ހުރަސްތަކެއް ހުރި ނަމަ، އެ ހުރަސްތައް ދެނެގަނެ ހައްލެއް ހޯދެން ޖެހިފައިވާ ކަމެއް ކަން ފާހަގަކުރައްވައި މެންބަރު ވަނީ ޓްރޭޑްނެޓްގެ އިސްވެރިން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހާޒިރު ކުރުމަށް ހުށަހަޅާފައެވެ.
އިދާރާތަކުން ވަންގަވްގައި ބައިވެރިނުވާތީ ޓްރޭޑްނެޓް މަޖިލީހަށް ހާޒިރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ