މޯލްޑިވިއަންގެ އޭ330ގެ ފުރަތަމަ ދަތުރު ބުރާސްފަތީގައި

ގައުމީ އެއާލައިން މޯލްޑިވިއަންގެ އުދުހުންތަކަށް އަލަށް ގެނައި ވައިޑް-ބޮޑީ ބޯޓުގެ ދަތުރުތައް އަންނަ ބުރާސްފަތި ދުވަހު ފަށަން ނިންމައިފި އެވެ.
ތަފްސީލް - ޓްރާންސްޕޯޓު މިނިސްޓްރީ އިން މިއަދު ބުނީ މޯލްޑިވިއަންގެ އޭ330ގެ ދަތުރުތައް އެންމެ ފުރަތަމަ އޮންނާނީ ބުރާސްފަތި ދުވަހު ޗައިނާގެ ޗެންގްޑޫ އިން މާލެއަށް ކަމަށެވެ.
މޯލްޑިވިއަން އިން ވަނީ އޭ330ގެ ދަތުރުތައް ޗައިނާގެ ތިން މަންޒިލަކަށް ބާއްވަން ނިންމާ، ހާއްސަ އަގުތަކެއްގައި ޓިކެޓު ވިއްކަން ފަށައިފަ އެވެ.
އެ ބޯޓުގައި ދެވަނަ ދަތުރު ކުރާނީ ހުކުރު ދުވަހު ޗައިނާގެ ބެއިޖިންއިންނެވެ. އޭގެ ފަހުން މި މަހުގެ 27 ވާ ހޯމަ ދުވަހު ޗައިނާގެ ޝެންހާއީ އިން މާލެއަށް ދަތުރެއް އޮންނާނެ އެވެ.
މޯލްޑިވިއަންގެ ޗައިނާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު
ޗެންގްޑޫ - މާލެ: 688 ޑޮލަރު
ބެއިޖިން - މާލެ: 788 ޑޮލަރު
ޝެންހާއީ - މާލެ: 777 ޑޮލަރު
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓުގައި 264 މީހުންގެ ޖާގަ ހުރެ އެވެެ. އެއީ:
ބިޒްނަސް ކްލާހުގައި 18 ގޮނޑި
ޕްރިމިއަމް އިކޮނޮމީގައި 36 ގޮނޑި
އިކޮނޮމީގައި 210 ގޮނޑި
މީގެ އިތުރުން މި ބޯޓުގައި 10 ޓަނުގެ ކާގޯ އުފުލޭނެ އެވެ.
އެއާބަސް އޭ330 އާއެކު މޯލްޑިވިއަންގެ ފްލީޓުގައި 25 ބޯޓު އޮވެ އެވެ.
ޗައިނާއަށް ފަށާ ދަތުރުތަކާއެކު މޯލްޑިވިއަން އިން ދަތުރު ކުރާ މަންޒިލުތަކުގެ އަދަދު 22އަށް އަރާނެ އެވެ.
ޗައިނާ ދަތުރުތަކަށް ފަހު ޔޫރަޕުގެ މަންޒިލުތަކަށް ވެސް މޯލްޑިވިއަންގެ ދަތުރުތައް ފުޅާކުރަން ވަނީ ރާވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ