ސައުދު އާއި އަބްދުﷲ އަލުން ޕީޕީއެމް އަށް ގުޅުމަށް ދައުވަތު ދީފި
ރައްޔިތުންގެ މަޖިލީހުގައި ތިނަދޫ ތަމްސީލުކުރެއްވި ސައުދުﷲ ހިލްމީ އާއި އަބްދުﷲ އަހުމަދު އަލުން ޕީޕީއެމް އަށް ގުޅުމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދައުވަތު ދެއްވައިފި އެވެ. ތިނަދޫގައި މިއަދު ޕީޕީއެމް އަށް ތާއީދު ކުރާ މީހުންނާ އެކު ބޭއްވި ހިނގާލުމެއްގައި، ރައީސް އަބްދުﷲ ޔާމީނުގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރައްވާ ޑރ. ޝަހީމް ވިދާޅުވީ އިދިކޮޅުގައި ތިބޭނީ އެކުވެރިންނާއި އަޚުން ކަމަށެވެ. "އަޅުގަނޑުމެންނަކީ ތިޔަބޭފުޅުންގެ އެކުވެރިންނޭ، ތިޔަ ބޭފުޅުންގެ އަޚުންނޭ. އަބްދުﷲ އާއި ސައުދުﷲ އަށްވެސް އަޅުގަނޑު ދަންނަވާނީ މި ސަފަށް އަރާ ވަޑައިގަންނަވާށޭ،" ޑރ. ޝަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތިނަދޫގައި ހޭދަކުރެއްވި ދެތިން ދުވަހު އެރަށުގެ ރައްޔިތުންގެ ފަރާތުން ބައެއް ހިޔާލާއި މަޝްވަރާ ލިބުނު ކަމަށެވެ. އެރަށަށް އިތުރަށް ބޭނުންވާ ކަންތައް ރައްޔިތުން ހުށަހެޅި ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. "އަނެއް ފިކުރުގެ" މީހުންނާ ބައްދަލުވި ކަމަށާއި، އެމީހުންގެ ވިސްނުން ބަދަލުވަމުން އަންނަ ކަމަށް ޝަހީމު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕީޕީއެމްގެ ފިކުރަކީ ރާއްޖޭގެ "ވަތަނީ ފިކުރު" ކަމަށެވެ. "މިރަށުގެ ދޮށީއުމުރުގެ ބައެއް ބޭފުޅުން ވިދަޅުވީ މިރަށުގެ ހުކުރު މިސްކިތް ހުރި ބިމުގައި އިތުރު އިސްލާމީ އިމާރާތެއް އަޅަން ބޭނުންވެޔޭ. އަޅުގަނޑު މިއަދު މި ދަންނަވަނީ، ﷲ ސުބްހާނަހޫ ވަތައާލާ އިރާދަކުރައްވައިގެން އަޅުގަނޑުމެންނަށް ކާމިޔާބުވެއްޖެނަމަ އެ ބިމުގައި އިސްލާމީ އިމާރާރެއް އަޅާނަމޭ،" ޝަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހުވަދު އަތޮޅުގެ އެންމެ ތަހުޒީބު، އިލްމާއި ފިކުރާއި ހުރިހާ ހެޔޮވިސްނުމެއް އަތޮޅުގެ އެހެން ރަށްތަކަށް ފަތުރާ ތަނަކީ ތިނަދޫ އަށް ހަދަން ބޭނުންފުޅުވާ ކަމަށެވެ. ރައީސް ޔާމީނުގެ ސަރުކާރުން ތިނަދޫގައި ތަރައްގީ އާއި ތަހުޒީބު ގާއިމް ކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ޝަހީމު ވިދާޅުވި އެވެ. ޝަހީމު ވިދާޅުވީ، ތިނަދޫގައި ކުރިއަށް ގެންދިޔަ މަޝްރޫއުތައް ގާތުން ބެއްލެވުމަށް ރައީސް ހަވާލުކުރައްވާފައިވަނީ ތިނަދޫ އަށް ނިސްބަތްވެވަޑައިގަންނަވާ މިހާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ