ސުނާމީ ކާރިސާގެ ހަނދާން މިއަދު އާކުރަމުންދާއިރު ރާއްޖެއަށް މިހާރު މިވަނީ ސިޔާސީ ކާރިސާއެއް ކުރިމަތިވެފައި ކަމަށް ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހާއި ގުޅިގެން ގުޅިފައިވާ ޕާޓީތަކުން މިރޭ މ. ކުނޫޒުގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ދިވެހި ރައްޔިތުންނަށް އިއްވެވި ޚިތޯބުގަ އެވެ.
ރައީސް މައުމޫނުގެ ޚިޠާބުގައި ވަނީ ސުނާއީ ކާރިސާގައި ގެއްލުން ލިބުނު އާއިލާތަކާއި އެދުވަހު ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އެކުވެރިކަން ފާހަގަކުރައްވާފަ އެވެ.
ރައީސް މައުމޫނު ވިދާޅުވީ ސުނާމީ ކާރިސާއަށް 13 އަހަރު ފުރިގެންދާއިރު މިއަދު ދިވެހި ގައުމަށް ކުރިމަތިވެފައި މިވަނީ ސިޔާސީ ކާރިސާއެއް ކަމަށެވެ. އެހެންކަމުން އެ ކާރިސާއިން އަރައިގަތުމަށް ދިވެހިން މިއަދު ގަދައަޅައި މަސައްކަތް ކުރުން މުހިއްމު ކަމުގައި ރައީސް މައުމޫނު ވިދާޅުވި އެވެ. އެކަމަށް ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތައް އެއްބައިވަންތަކަމާއި އެކު ދެމިތިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް ރައީސް މައުމޫންގެ ޚިޠާބުގައި ވަނީ ދެއްވާފަ އެވެ.
ރައީސް މައުމޫން ވިދާޅުވީ ސުނާމީ ކާރިސާގައި ދިވެހިން ދެއްކި މަތިވެރި ގައުމީ ރޫހުގެ ހަނދާން އާކޮށް، އެއިން އަޅުގަނޑުމެން އިބުރަތް ލިބިގަންނަންޖެހޭ ކަމަށެވެ. އަދި އެދުވަހު ދިވެހި ރައްޔިތުން އިސްކުރި ގައުމީ މަސްލަހަތާއި ގައުމީ އެއްބައިވަންތަކަން ފާހަގަކުރައްވައި، ގައުމަށް ދިމާވާ ކޮންމެ އުނދަގޫ އަދި ހިތާމަވެރި ދަނޑިވަޅެއްގައި ގައުމީ މަސްލަހަތު އިސްކުރުމަށް ކޮންމެ ފަރުދަކު މަސައްކަތް ކުަރަންޖެހޭ ކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
"މާތް ﷲ ދިވެހިރާއްޖެއަށް ސިޔާސީ ހަމަޖެހުމާއި، އަމަންއަމާންކަމާއި، ކުރިއެރުން މިންވަރު ކުރައްވާށި! ދިވެހި ރައްޔިތުން މާތްވެގެން އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބެ ސުލްހަވެރިކަމާއި ހިތްހަމަޖެހުމާއެކު ދިރިއުޅެމުން ގެންދިއުމަށް މަގުފަހިވާ ފަދަ މިނިވަން އިންސާފުވެރި ޑިމޮކްރެޓިކް ވެއްޓެއް ގާއިމުކުރުމުގެ ހެޔޮ ތައުފީގު ދެއްވާށި! އާމީން،" ސުނާމާ އެރިއިރު ރާއްޖޭގެ ރައީސް ކަމުގައި ހުންނެވި މައުމޫންގެ ޚިޠާބު ނިންމަވާލައްވަމުން ވިދާޅުވެފައިވެ އެވެ.
ގައުމަށް މިއަދު މިވަނީ ސިޔާސީ ކާރިސާއެއް ކުރިމަތިވެފަ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ