ސިފައިންނާއި ފުލުހުން ގައުމު ސަލާމަތް ކޮށްދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންފައިވަނީ ގައުމުގެ މިވަގުތުގެ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކުރައްވައި ކުރައްވާފައިވާ ޓުވީޓުތަކެއްގައެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ސިފައިންނާއި ފުލުހުން ތިބޭނީ ރައްޔިތުންގެ ތިންބައިކުޅަ ދެބަޔާ އެކުގައި ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. އެއީ ގާނޫނުއަސާސީއާއި އިސްލާމްދީނާއި މުޅި ގައުމުގެ ސަލާމަތްކަމާއި އަމާންކަން އޮތްގޮތް ކަމަށް ވިދާޅުވެ އެކަމާމެދު ސުވާލެއް އެބައޮތްތޯ އައްސަވާފައި ވެއެވެ.
ގާސިމް ވިދާޅުވީ މިއަދު މިފެންނަނީ ދައުލަތުގެ ތިންބާރުންކުރެ ދެބާރުގެ ބާރު ކަނޑުވާލާފައިވާ ތަން ކަމަށެވެ. މިއަނިޔާވެރި އަމަލު ހިންގަނީ ސަރުކާރު ހިންގުމުގެ ބާރުން ނޫން ކަމަށް ހަޔަމާއި އިންސާފުން ވިސްނާ މީހަކު ބުނެފާނެތޯ ވެސް ސުވާލު ކުރައްވާފައި ވެއެވެ.
ދައުލަތުގެ ތިންބާރުން ކުރެ ދެބާރުގެ ބާރު، ސަރުކާރު ހިންގާ ބާރުން ކަނޑުވާލުމުން އެގައުމަކަށް އެއްވެސް ފަތުރުވެރިޔަކު ނުފޮނުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން ނައުމަށް އެގައުމުން އަންގާފައިވާއިރު ދެން ވާނެ ގޮތް ވިސްނުމަށް ވެސް އެދިވަޑައިގެންފައި ވެއެވެ. އެހެންކަމުން ސިފައިންނާއި ފުލުހުން ގައުމު ސަލާމަތްކޮށްދިނުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.
ސުޕްރީމް ކޯޓުގެ އަމުރު ސަރުކާރުން ތަންފީޒު ނުކުރާ މައްސަލާގައި ގާސިމް އިބްރާހީމް ވިދާޅުވީ ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް އިތުރު ބަހަނާއެއް ނެތި އަމުރުގައިވާ ގޮތަށް ފުރިހަމައަށް އަމަލުކުރުން ލާޒިމް ވާނެ ކަމަށެވެ. އަދި އެއާ ޚިލާފު ވެއްޖެނަމަ އެކުރަނީ ބޮޑު ކުށެއް ކަމަށް ވެސް ވިދާޅުވިއެވެ.
3 އަހަރުގެ ޖަލުހުކުމެއް އިއްވިފައިވާ ގާސިމް އިބްރާހީމް ވަގުތުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ. އެމަނިކުފާނަށް ޖަލުހުކުމެއް އައީ އާންމު ތަނެއްގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅު ފިޔަވައި އިތުރު އެއްވެސް ހެއްކެއް ނެތިއެވެ. ބޭސްފަރުވާއަށް ޖަރުމަންވިލާތުގައި ވަޑައިގެން ހުންނެވި ގާސިމް އިބްރާހީމް ވަގުތުން މިނިވަން ކުރުމަށް ދައުލަތުގެ އެންމެ މަތީ ކޯޓުން އަމުރުކޮށްފައި ވީނަމަވެސް އެ އަމުރު ސަރުކާރުން ތަންފީޒު ނުކުރާތީ އެމަނިކުފާނަށް ވަނީ ގައުމަށް އެނބުރި ވަޑައިނުގަނެވިފައެވެ.
ސިފައިންނާއި ފުލުހުން ގައުމު ސަލާމަތް ކޮށްދިނުމަށް ގާސިމް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ