2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރަން މޫސާ މަނިކު ނިންމަވައިފި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރ މޫސާ މަނިކު ވިދާޅުވެއްޖެއެވެ. މޫސަ މިހެން ވިދާޅުވީ ޕީޕީއެމްއަށް ސޮއިކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ޕީޕީއެމްއަށް ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ވިދާޅުވީ ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމް އަކީ ރާއްޖޭގައި މިހާރު އޮތް އެންމެ ރަނގަޅު ސިޔާސީ ޕާޓީ ކަމަށާއި އަދި އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށެވެ. އަދި ޕީޕީއެމް އާއި ގުޅިވަޑައިގަންނަވަން ނިންމެވީ އަމިއްލަފުޅަށް ކަމަށާއި ޕީޕީއެމުން އެބޭފުޅާ ބަލައިގަތީތީ ޝުކުރު އަދާކުރައްވާ ކަމަށް މޫސަ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަކީ ރައީސް ޔާމީނަށް އުނދަގޫފުޅު ކަމެއް ނޫން ކަމަށެވެ. މޫސާ މަނިކު ވިދާޅުވީ ސިޔާސީ ގޮތުން ޕީޕީއެމް ކުރިއެރުވުމަށްޓަކާ ކުރަންޖެހޭ ހުރިހާ މަސައްކަތެއް ވަރަށް އިޚުލާސްތެރިކަމާ އެކު ކުރައްވާނެ ކަމަށާއި އެބޭފުޅާ އަކީ ސިޔާސީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު، ބޮލުގައި ގޯނި އަޅައިގެން ވަންނާނެ ޕާޓީއެއް ނެތި، ތޮށިގަނޑު މަތީގައި އެކަނި އިނދެ ނެތިގެން ދާންޖެހޭނެ ބޭފުޅެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ޕީޕީއެމްގައި މަސައްކަތްކުރި ގިނަ މެމްބަރުންތަކެއް އެޕާޓީން ވަކިވެފައިވާކަން ފާހަގަކުރައްވާ މޫސަ ވިދާޅުވީ ސިޔާސީ ކަންކަމުގައި އުޅޭ އިރު ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތް ކުރާއިރު، ޕާޓީގެ ތެރޭގައި ހުންނަ ކޫސަނި ކަންކަން ދޫކޮށް، ގައުމައިގެން ކުރިޔަށްދާން ޖެހޭ ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.ޕީޕީއެމްއަށް ސޮއިކުރެއްވި މޫސާ މަނިކަކީ ފަހަކަށް އައިސް ރައްޔިތުންގެ މަޖުލީހަށް ސަރުކާރުން ހުށަހަޅާ ބިލުތަކަށް ވޯޓް ދެއްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. މޫސަ ޕީޕީއެމްއަށް ސޮއިކުރެއްވި ފޯމާއި ހަވާލުވެވަޑައިގަތީ ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ