ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވުމަށް އދގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައްވައިފި

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ ފަރާތްތަށް މިނިވަން ކުރެއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރަށް ދިވެހި ސަރުކާރުން ތަބާވުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ގޮވާލައްވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ވަރަށް މުހިއްމު އަމުރެއް ކަމަށާއި، ސަރުކާރުން އެ އަމުރަށް ތަބާވެ ރާއްޖޭގައި ހަމަޖެހުން ދެމެހެއްޓެވުމަށް ގޮވާލައްވާ ކަމަށްވެސް ގުޓަރޭސް ވިދާޅުވެފަ އެވެ.
އދ ގެ ސެކްރެޓަރީ ޖެނެރަލް ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ މައްސަލަތަކަށް ހައްލު ލިބޭނީ ހުރިހާ ސިޔަސީ ޕާޓީއެއްގެ މެދުގައި މަޝްވަރާ ކޮށްގެން ކަމަށާއި، މިފަދަ މަޝްވަރާތަކަކަށް މަގުފަހި ކޮށްދެއްވުމަށް އދ އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށެވެ.
ސްޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވާ ނެރުއްވާފައިވާ އަމުރުގައި ބުނެފައިވަނީ ބޮޑެތި ކުށްތަކުގައި ހުކުމް އިއްވާފައިވާ ސިޔާސީ ކުށްވެރިންގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބުދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހުތާޒު މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާނާއި ވިޔަފާރިވެރިޔާ ހާމިދް އިސްމާއިލް (ހާމިދް ސޭޓް) މިނިވަން ކުރުމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި، އެ މެންބަރުންނަށް މަޖިލީހަށް ވަނުމަށް ހުރަހެއް ނެތް ކަމަށްވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.
ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ސްޕްރީމް ކޯޓުން އަމުރު ކޮށްފައިވާއިރު ސަރުކާރުން އެ އަމުރު ތަންފީޒުކޮށްފައި ނުވާތީ އދގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ކަންބޮޑުވުން ފަޅުކުރައްވާފަ އެވެ.
އަވައްޓެރި އިންޑިއާ، ސްރީލަންކާ، އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާއިންވެސް ވަނީ ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފަ އެވެ. އެހެންނަމަވެސް މި އިން އެއްވެސް ގައުމެއްގެ ގޮވާލުމަކަށް ދިވެހި ސަރުކާރުން އިޖާބަ ދީފައެއް ނުވެ އެވެ. ހުކުމް ތަންފީޒު ނުކޮށް ދެވަނަ ދުވަސް ފާއިތުވާން ކައިރިވެފައިވާ އިރު އެހުކުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންވެސް އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެެވެ.
ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުނުކޮށް ދިގުލައިގެންދާތީ ސިޔާސީ ކުށްވެރިން ބަންދުކޮށްފައިވާ މާފުށީ ޖަލުގެ އިސްވެރިޔާ ސަލްމާންވެސް ވަނީ މިއަދު އިސްތިއުފާ ދެއްވާފަ އެވެ. އަދި މި ހުކުމާއި ގުޅިގެން ފުލުހުންގެ މުއައްސަސާއަށް ރައީސް ޔާމީން ގެންދަވަނީ ބަދަލުތަކެއްވެސް ގެންނަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ