އޭއެމްއާރު ކޮންޓްރޯލް ކުރުމަށް ހެލްތް ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުގެ އެއްބާރުލުން ބޭނުންވޭ - ނާޒިމް
އެންޓި މައިކްރޯބިއަލްސް ރެސިސްޓެންސް އަކީ މުޅި ދުނިޔެއަށްހުރި ނުރައްކަލެއް ކަމަށްވާއިރު، މިކަމުން ސަލާމަތް ވުމަށް ކުރާ މަސައްކަތުގައި ހުރިހާ ދާއިރާއެއްގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް މިވަނީ ވިދާޅުވެފައެވެ. ދިވެހިރާއްޖޭގައި އޭއެމްއާރު ކޮންޓްރޯލް ކުރުމަށް 2017 އިން 2022 ގެ ނިޔަލަށް އެކުލަވާލެވިފައިވާ ނެޝަނަލް އެކްޝަން ޕްލޭން ފޯ ކޮންޓްރޯލް އެންޓިމައިކްރޯބިއަލްސް ރެސިސްޓެންސް އިފްތިތާހް ކުރުމަށް ހޮޓެލް ޖެން ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ އޭއެމްއާރް ނުވަތަ އެންޓި މައިކްރޯބިއަލްސް ރެސިސްޓެންސް އަކީ މުޅި ދުނިޔެއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި މީއީ 21 ވަނަ ގަރުނުގައި ދުނިޔެ ކުރިމަތިލާން ޖެހޭނެ އެންމެ ބޮޑު ގޮންޖެހުން ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ. އެހެންކަމުން މިކަމަށް ދުނިޔޭގެ ފެންވަރުގައި ތަފާތު ފިޔަވަޅުތައް އަޅަމުންދާއިރު، ރާއްޖެއިންވެސް މިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަންޖެހޭނެކަމަށް ވިދާޅުވިއެވެ. 2015 ވަނަ އަހަރުގެ ޑަބްލިއުއެޗްއޯގެ ވޯލްޑް ހެލްތް އެސްމްބްލީގައި އެންމެ ފުރަތަމަ އޭއެމްއާރު ގްލޯބަލް އެކްޝަން ޕްލޭންއެއްގައި ސޮއެ ކުރި ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަން ފާހަގަކުރަމުން މިނިސްޓަރު ވިދާޅުވީ، އޭއެމްއާރް ހުއްޓުވުމަށް ސިއްހީ ދާއިރާގެ އިތުރަށް އެހެނިހެން ދާއިރާ ތަކުންވެސް މިކަމުގައި ނަގަންޖެހޭ ޒިންމާތައް ނަގަންޖެހޭ ކަމަށެވެ. އަދި މި މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި މި މައްސަލައިގެ ކަންކަން ރައްޔިތުންނަށް އަންގައިދިނުމަކީ ސިއްޚީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އެންމެ ބޮޑު ޒިންމާ ކަމަށެވެ.މީގެއިތުރުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިންދް މާތުރު ވިދާޅުވީ މިފަދަ ބޮޑު ބަލިމަޑުކަމެއް ރާއްޖޭގައި ފެތުރިއްޖެނަމަ އޭގެސަބަބުން ދުނިޔޭގެ އެހެން ޤައުމުތަކަށް ވުރެން ބޮޑަށް ރާއްޖޭގެ އިޤްތިސާދަށް އޭގެ ނޭދެވޭ އަސަރު ތަކެއް ކުރާނެ ކަމަށް. އަދި މިކަމަށް އެކަށީގެންވަ ފިޔަވަޅުތަކެއް ނާޅައިފިނަމަ މުސްތަޤުބަލްގައި އެކި ނުރައްކާތަކާ ކުރިމަތިލާންޖެހޭނެކަމަށް ޑރ.މާތުރު ގެ ވާހަކައިގަ ފާހަގަ ކުރެއްވިއެވެ. މިނިސްޓަރ ނާޒިމް ވިދާޅުވީ ޑަބްލިއުއެޗްއޯގެ ލަފަޔާ އިރުޝާދުގެ މަތިން މިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ހެލްތް މިނިސްޓްރީން ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމައަށް އަދާކުރަމުންދާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ