އަބްދުﷲ ގާޒީ އުފުރާލަން ޓްރޫޕްސް ރެޑީ ކޮށްފައި ވާނެ ކަމަށް ޠަލްހަތު ވިދާޅުވި – މޫސާ އަލީ ޖަލީލްގެ ވަކީލް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އުފުރާލަން "ޓްރޫޕް ރެޑީ ކޮށްފައި ވާނެ ކަމަށް" ރައީސް ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރ ޠަލްހަތު އިބްރާހިމް ވިދާޅުވި ކަމަށް މިހާރުގެ ޑިފެންސް މިނިސްޓަރ އަދި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލްގެ ވަކީލް ވިދާޅުވެއްޖެ އެވެ.
ދައުލަތުން ކުރާ މޫސާ އަލީ ޖަލީލްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާ އަށް އިންކާރު ކުރުމަށް ފަހު ޖަވާބުދާރީ ވަމުން މޫސާ އަލީ ޖަލީލްގެ ވަކީލް ވިދާޅުވީ އަބްދުﷲ ގާޒީ އުފުރާލަން "ޓްރޫޕް" ރެޑީ ކޮށްފައި ވާނެ ކަމަށް ޠަލްހަތު ވިދާޅުވުމުން ގާޒީ ކޮށްބައިތޯ މޫސާ އަލީ ޖަލީލް ސުވާލު ކުރެއްވި ކަމަށެވެ.
އަދި އެވަގުތު އަބްދުﷲ ގާޒީ އިންނެވީ ކްރިމިނަލް ކޯޓުގައި ކަމަށް ވިދާޅުވުމުން ކޯޓުގެ ހުރުމަތް ކެނޑުމަށް ފަހު ނުވަތަ ގޭގެ ހުރުމަތް ކެނޑުމަށް ފަހު އެކަން ކުރަން ތާއިދު ނުކުރައްވާ ކަމަށް މޫސާ އަލީ ޖަލީލް ވިދާޅުވި ކަމަށް ވަކީލް ވިދާޅުވި އެވެ.
މޫސާ އަލީ ޖަލީލްގެ ވަކީލް ވިދާޅުވީ ގައުމުގެ ސުލްހަމަސަލަސްކަމަށް ގެއްލުން ވެދާނެ ކަންކަމަށް މަޝްވަރާ ކުރުމަށް ބައްދަލުވުންތަކެއް ބޭއްވި ކަމަށާއި އެއްބަދަލުވުންތަކުގައި މޫސާ އަލީ ޖަލީލް ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ހުރުމަތް ކަނޑާލުމަށް ފަހު ގާޒީ ހައްޔަރުކުރުމަކީ ރަނގަޅު ގޮތް ނޫން ކަމަށް މޫސާ އަލީ ޖަލީލް ވިދާޅުވުމުން "ޤާނޫނީ ލަފާ ދެއްވާނީ ބަންޑާރަނައިބު ދެއްތޯ" މިހެން ޠަލްހަތު ވިދާޅުވި ކަމަށް މޫސާ އަލީ ޖަލީލްގެ ވަކީލް ވިދާޅުވި އެވެ.
މޫސާ އަލީ ޖަލީލް އެއަށްފަހު ހިތްޕުޅު ހަމަޖެހިވަޑައިނުގެން އެތަނުން ނިކުމެ ވަޑައިގެން ސައި ބައްލަވާ ކޮޓަރި އަށް ވަޑައިގެންނެވި ކަމަށް ވަކީލް ވިދާޅުވި އެވެ.
އެއަށް ފަހު ޠަލްހަތު އެތަނަށް ވަޑައިގެން ވިދާޅުވީ 30 މިނެޓް ތެރޭގައި އަބްދުﷲ ގާޒީ ހުންނަވާނީ ދޫނިދޫ ގައި ކަމަށެވެ.
"މިހާރު ވަނީ ޓްރޫޕް ތައްޔާރުކޮށްފައި. 30 މިނެޓް ތެރޭގައި އަބްދުﷲ މުހައްމަދު ހުންނަވާނީ ދޫނިދޫގައި" އޭރުގެ ޑިފެންސް މިނިސްޓަރ ޠަލްހަތު ވިދާޅުވި ކަމަށް މޫސާ އަލީ ޖަލީލްގެ ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ ގާޒީ ގިރިފުއްޓަށް ގެންދިޔަ ކަން މޫސާ އަލީ ޖަލީލަށް އެނގިވަޑައިގެންނެވީ އަނެއް ދުވަހު ކަމަށެވެ.
މޫސާ އަލީ ޖަލީލް ވިދާޅުވީ ގާޒީ ހައްޔަރު ކުރަން ނުވަތަ ސިފައިންގެ ހިމާޔަތައް ނުވަތަ ރައްކަލަކަށް ގެންދަން އެއްވެސް ވެރިޔަކު އަންގާފައި ނުވާ ކަމަށެވެ.
ޖަލީލް ވިދާޅުވީ އޭނާގެ ދަށުން މަސައްކަތް ކުރާ އެއްވެސް މިހަކަށް ވެސް ގާޒީ ހައްޔަރުކުރަން އަމުރު ކޮށްފައި ނުވާނެ ކަމަށެވެ.
މޫސާ އަލީ ޖަލީލް ދައުވާ އަށް އިންކާރު ކުރެއްވުމުން ދައުލަތުން ވަނީ ދައުވާ ސާބިތު ކުރުމަށް މޫސާ އަލީ ޖަލީލް އާއި ދެކޮޅަށް ހެކި ހުށަހަޅާފައެވެ. އަދި މޫސާ އަލީ ޖަލީލްގެ ފަރާތުން ވެސް ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަން ސާބިތުކުރުމަށް ހެކި ހުށަހަޅާފައެވެ.
ދެފަރާތުން ވެސް ވަނީ އޯޑިއޯ އާއި ވީޑިއޯ ވެސް ހެކިންގެ ގޮތުގައި ހުށަހަޅާފައެވެ. މޫސާ އަލީ ޖަލީލްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގައި ދެން އަޑުއެހުމެއް އޮންނާނެ ދުވަހެއް ޝަރީއަތުން މިރޭ އިއުލާނެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ