އިންޑިއާގެ އެޖެންޓަކަށް އަބްދުﷲ ރިޔާޒް؟

ވަގުތު ފޮޓޯ : އިންޑިއާ ހައިކޮމިޝަންގެ ފަސްޓް ސެކެޓްރީ އާއި އަބްދުﷲ ރިޔާޒް
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) އަބްދުﷲ ރިޔާޒް އަކީ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވަން މަޖުބޫރު ކުރި އެއްބޭފުޅާ ކަމަށް ނަޝީދު އާއި އެމްޑީޕީގެ އިސް ބޭފުޅުންނާއި އެމްޑީޕީ މެންބަރުން ވިދާޅުވެފައި ވަނީ އެއްފަހަރަކު ދެފަހަރަކު ނޫނެވެ. އެތައް ފަހަރަކު އެބޭފުޅުން އެހެން ވިދާޅުވެފައި ވެއެވެ. ރިޔާޒް އަކީ ބާޣީ އެއް ކަމަށާއި ނަޝީދުގެ ވެރިކަމާއި ދެކޮޅަށް ބަޣާވާތް ރާވާ ފުލުހުން ނަޝީދުގެ ސަރުކާރާއި ދެކޮޅަށް ނެރުމުގެ އެންމެ އިސް މޭސްތިރިއަކީ ރިޔާޒް ކަމަށް އެމްޑީޕީ އިން ތުހުމަތު ކުރި އެވެ.
ނަމަވެސް މިއަދު މިވަނީ މަންޒަރު ބަދަލު ވެފައެވެ. ބާޣީން ބަޠަލުންނަށް ވަމުންދާހެން ހީވާ ފަދަ ކިތަންމެ މަންޒަރެއް އެބަ ފެނެ އެވެ. އެމްޑީޕީ އިން ބާޣީ އެއްގެ ދަރަޖަ ދިން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އަކީ އެމްޑީޕީ އަށް މިއަދު ބަޠަލަކަށް ވެއްޖެ ހެން ހީވާ ފަދަ މަންޒަރު އެބަ ފެނެ އެވެ.
ރިޔާޒް އެމްޑީޕީގެ ފެނަށް ދިރި ރަން ރީންދޫ ކުލަ ރިޔާޒް އަށް ރީތި ވެދާނެ ހެން މިހާރު އެބަ ހީވެ އެވެ. ހަމަ މިއާއިއެކު ރިޔާޒްގެ އެހެން ސިފަ އެއް ވެސް މިހާރު އެބަ ފެންނަ ކަމަށް ތުހުމަތު ކުރެވެ އެވެ. އެއީ އެމްޑީޕީގެ ސިޔާސަތުތައް ރިޔާޒް އަށް ކަމުގޮސް އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ރިޔާޒްގެ އެހީތެރިކަމާއި އެއްބާރުލުން ދޭން ފެށުމެވެ.
މިހެން ބުނަން މިޖެހެނީ އިންޑިއާގެ ޖީއެމްއާރް ކުންފުނި ރާއްޖެ ގެންނަން އެމްޑީޕީ އާއި ޖޭޕީ އެއްބަސްވެފައިވާ ކަމަށް ބުނާ ލިޔުމެއް އާންމުވެ އެތުހުމަތު ދެޕާޓީގެ މައްޗަށް ކުރެވިފައި ވަނިކޮށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ ފަސްޓް ސެކެޓްރީ އަގާވަލް އާއި ރިޔާޒް ބައްދަލުކުރާ ފޮޓޯ ތަކެއް މިވަނީ އާންމު ވެފައެވެ. އަގާވަލްގެ އިތުރުން ވެސް އިންޑިއާގެ އިސް އޮފިޝަލުންނާއި ރިޔާޒް ފަހަކަށް އައިސް ބައްދަލުކުރަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބި ފައެވެ.
އެމްޑީޕީގެ އެންމެ މުހިންމު އެއްސިޔާސަތަކީ ދެން ވެރިކަން ލިބުނަސް ވަގުތުން ޖީއެމްއާރް އާއި އެއާޕޯޓް ހަވާލު ކުރުމެވެ. ނަޝީދު އާއި އެމްޑީޕީ އިން ދަނީ ތަކުރާރުކޮށް އެވާހަކަ ވިދާޅުވަމުންނެވެ.
ޖީއެމްއާރް އިން ޖޭޕީ އާއި އެމްޑީޕީ އަށް މަދަދު ދީގެން ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ދަނޑިވަޅެއްގައި ރިޔާޒް އިންޑިއާގެ ހާރިޖީ ދާއިރާގެ އޮފިޝަލުންނާއި ބައްދަލުކުރުމުގެ ފަހަތުގައި އޮތީ ކޮން ސިއްރެއް ހެއްޔެވެ؟
ޖީއެމްއާރް ރާއްޖެ ގެނައުމަށް ޖޭޕީގެ ހިޔާލު ހުރި ގޮތާއި އިންޑިއާ ސަރުކާރުން އެކަމުގައި އަމަލު ކުރަންވީ ގޮތުގެ ލަފަ އާއި މައުލޫމާތު ރިޔާޒް އިންޑިއާ ސަރުކާރަށް ދެނީ ހެއްޔެވެ؟ ނުވަތަ ގާސިމް އިބްރާހިމް ވެރިކަމަށް ގެނައުމަށް އިންޑިއާގެ މަދަދާއި އެހީތެރިކަން ހޯދުމުގެ މަސައްކަތްތައް ރިޔާޒް ކުރަނީ ހެއްޔެވެ؟
ރިޔާޒް އަކީ ގާސިމް އެންމެ އިތުބާރު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އެއްމެންބަރަށް ވާނެ އެވެ. ރިޔާޒް އާއި ގާސިމް އަކީ ދެޅިއަނުންނެވެ. ރިޔާޒްގެ ވިޔަފާރިތަކަކީ ގާސިމްގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކު ފުޅާވަމުން އަންނަ ވިޔަފާރިތަކެވެ. މިކަންތައްތައް މިހެން ހުރުމުން ޖީއެމްއާރް ރާއްޖެ ގެންނަން މަސައްކަތް ކުރަން ނުވަތަ ޖީއެމްއާރް ފަރާތުން މާލީ މަންފާއެއް ހޯދަން ގާސިމް މަސައްކަތް ކުރާނަމަ އެކަމުގައި އެޖެންޓެއްގެ މަސްއޫލިއްޔަތު އަދާކުރަން ހަވާލުކުރާނީ ގާސިމް އަށް އެންމެ އިތުބާރު ކުރެވޭ ބޭފުޅާ އާއި ކަން އެއްވެސް ޝައްކެއްނެތި ޔަގީނެވެ. އެއިތުބާރު ގާސިމް ކުރައްވާނެ ބޭފުޅަކީ ރިޔާޒް އެވެ.
ދެން އޮތީ ރައީސްގެ މަގާމަށް ގާސިމް ގެންނަން އިންޑިއާގެ މަދަދާއި އެހީތެރިކަން ހޯދުމަށް ރިޔާޒް މަސައްކަތް ކުރަނީ ހެއްޔެވެ؟ ބަޣާވާތަކުން ރާއްޖޭގެ ވެރިކަން ބަދަލުކުރުމަކީ ކުރަން ކިތަންމެ އުނދަގޫ ކަމެއް ނަމަވެސް އެކަން ކުރަން ބަޔަކު މަސައްކަތް ނުކުރާނެއޭ ބުނާނެ ޖާގައެއް ނެތެވެ؟ އަސްކަރިއްޔާއިން ގެންނަ ބަޣާވާތަކުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ނިޒާމުން ގެއްލުވާލުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ގާސިމް ގެނެވެން އޮތް ގޮތަކަށް ގާސިމް ގެނެސް އާސަރުކާރެއް އިއުލާން ކުރުމުގެ ވިސްނުން ބަޔަކު ގެންގުޅެނީ ހެއްޔެވެ؟
އެބައެއްގެ ވިސްނުމަކީ އެފަދަ ހާލަތެއްގައި އަލަށް އިއުލާން ކުރާ ސަރުކާރަކަށް ބައިނަލްއަޤުވާމީ ގައުމުތަކުގެ ތާއިދު ހޯދުން ހެއްޔެވެ؟ އިންޑިއާގެ ތާއިދު ބަޣާވާތުގެ ސަރުކާރަށް ލިބިއްޖެ ނަމަ އެކަން ވެގެން ދާނީ ބަޣާވާތުގެ ސަރުކާރަށް ހިންދެމިލާ ހަމައިސްކޮޅަށް ތެދުވުމަށް ލިބޭ އެހީއެއް ކަމުގައި ރޭވުންތެރިން ލަފާ ދެނީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ރިޔާޒް އިންޑިއާގެ އޮފިޝަލުންނާއި އެކު މިކުރައްނީ ކޮން މަޝްވަރާ އެއް ހެއްޔެވެ؟
ރިޔާޒް އަކީ އުނދަގޫ ވަގުތުތަކެއް ގައި އުނދަގޫ މަސައްކަތް ތަކެއް ކުރި ބޭފުޅެކެވެ. އެމްޑީޕީގެ ސިޔާސަތުތަކާއި އެމްޑީޕީގެ އަމަލުތަކާއި ފަސްޖެހުމެއް ނެތި ކުރިމަތިލި ބޭފުޅެކެވެ. ނަމަވެސް މިއަދު މިފެންނަނީ އެމްޑީޕީގެ ކުރިމަތީގައި އިއްޔެ ހަތިޔާރު އުފުލި ރިޔާޒް އެމްޑީޕީގެ ކުރިމަތީގައި ހަތިޔާރު ބަހަށްޓާ އެމްޑީޕީ އިން އެޅިހާ ބަތަކަށް ރިހަ ކިޔާ މަންޒަރެވެ. މިއީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން މަޖިލިސް މެންބަރެއްގެ މަގާމަށް ބަދަލުވުމުން ރިޔާޒްގެ ވިސްނުމަށް އަދި ބަދަލުތަކުގެ ނަތީޖާ އަށް ވެސް ފަހަރުގައި ވެދާނެ އެވެ. ނުވަތަ މަޖިލިސް މެންބަރުގެ މަގާމަށް ވުރެ މަގީ މަގާމަކަށް ވަޑައިގަތުމަށް ރިޔާޒް ކުރަހާފައިވާ ޗާޓުން ކުރިއަށް ދިއުމަށް ރިޔާޒް ކުރާ މަސައްކަތުގެ ބަޔަކަށް ވެސް މިކަން ވެދާނެ އެވެ.
ނަމަވެސް ރިޔާޒް ހަނދުމަ ކުރަންޖެހޭނެ ކަމަކީ ރައްޔިތުންނަށް ޚިދުމަށް ކުރަން ބޭނުންވަނީ އިންޑިއާ ސަރުކާރުގެ އެޖެންޓަކަށް ވުމެއް ނޫނެވެ. ނުވަތަ ގާސިމް އާއި އިންޑިއާ ސަރުކާރާއި ދެމެދު ވާހަކަދައްކާ އެޖެންޓަކަށް ވުމެއް ވެސް ނޫނެވެ. އަދި ކޮންމެހެން އެމްޑީޕީ އިން ބޭނުންވާ ގޮތެއް ހެދުމެއް ވެސް މުހިންމެއް ނޫނެވެ. މުހިންމީ ރައްޔިތުންގެ އަޑުއަހާ ރައްޔިތުންގެ އިޙްސާސްތަކަށް އިޙްތިރާމްކޮށް ރައްޔިތުން އެދޭ ގޮތަކަށް ކުރިއަށް ދިއުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ