އަމިއްލައަށް ހަރަދުކޮށްގެން ދާން ޖެހުނު ނަމަވެސް ރައްޔިތުން ކައިރިއަށް ދާނަން: ރައީސް ވަހީދު

ރައީސް ވަހީދު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކަކީ ކެމްޕޭން ދަތުރުތަކެއް ކަމަށް ބުނެ ތުހުމަތު ކުރަމުން ގެންދާ ކަމަށާއި ރައްޔިތުން ކައިރިއަށް ދިއުމަށް އަމިއްލަ އަތުން ހަރަދު ކުރަން ޖެހުނު ނަމަވެސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވެއްޖެއެވެ.
ދަނބިދޫ ބަނދަރު ހެދުމުގެ މަސައްކަތް ފައްޓަވާ ދެއްވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވެ ވަޑައިގަންނަވަނީ ރައްޔިތުންގެ އަޑު އަހާ ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކޮށްދެއްވުމަށް ކަމަށެވެ.
"އަޅުގަނޑު ބޭނުންވަނީ ވީހާވެސް ގިނައިން ރައްޔިތުން އަރިހަށް އަންނަން. އެހެން ނަމަވެސް، މިހާރު މިއީ ވަރަށް ނާޒުކު ދުވަސްވަރެއް. ވާގޮތަކީ އަޅުގަނޑު ރައްޔިތުންނާ ބައްދަލުކޮށްލަން އަޔަސް، މި ހީވަނީ ބޮޑު ކެމްޕޭން ދަތުރެއްގައޭ މިއުޅެނީ. އެހެންވީމާ، އެކަން އެބަޖެހެޔޭ ހުއްޓުވާލަން. އެހެން ނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހަށް އަންނާނަން. އަޅުގަނޑު އަމިއްލައަށް ޚަރަދުކޮށްގެން އަންނަން ޖެހުނަސް، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހަށް އަންނާނަން،" ރައީސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގައުމީ ފިކުރާއި އަތޮޅު ފިކުރު އަދި ރަށު ފިކުރު ކުރިއަށް ނެރެން ޖެހޭ ކަމަށާއި އެހެން ފިކުރުތަކަށް ދީލާލައިފި ނަމަ އަންނަން ޖެހޭ ތަރައްގީ ނާންނާނެ ކަމަށެވެ.
"އަޅުގަނޑުގެވެސް އޮވޭ ޕާޓީއެއް. އެޕާޓީގައި އޮވޭ ކުލައެއް. އެކަމަކު އަޅުގަނޑު އެކުލައިގެ ޓައީއާ އެއްޗެތި އަޅައިގެން، ތޮފި އަޅައިގެން، އެކުލައިގެ ގަމީސް ލައިގެން އައިސް، ތިޔަބޭފުޅުންގެ އަރިހުގައި، ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުގެ ޕާޓީއަށް ވެދެވަޑައިގަންނަވާށޭ، އޭރުންނޭ ބަނދަރު ހެދޭނީ ކިޔައިގެން އަޅުގަނޑެއް ނޫޅެމެއް ނޫންތޯ؟" ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުނަހަންދޫ ބަނދަރުގެ މަސައްކަތް ވެސް ފައްޓަވާ ދެއްވުމަށްވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ