މެކްސިކޯގެ މައްޗަށް ފަހު ވަގުތު ކުރި ހޯދާ ނެދަލޭންޑްސް ކުއާޓާ ފައިނަލަށް
ފޯޓަލެޒާ، ބްރެޒިލް (ޖޫން 29) - މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށްވެފައި ވަނިކޮށް ހުރިހާ ކަމެއް ބަދަލުވެ ފަހަތުން އަރާ މެކްސިކޯގެ މައްޗަށް 2-1 އިން ކުރި ހޯދާ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ނެދަލޭންޑްސް މިރޭ ދަތުރުކޮށްފި އެވެ. މިރޭގެ މެޗުގައި ނެދަލޭންޑްސް އަށް އެއްވަރުކޮށްދިން ލަނޑު ޖެހުމަށް ފަހު ސްނައިޑާ އުފަލުން ދުވަނީ. --ފޮޓޯ:އޭއެފްޕީ ފޯޓަލެޒާގެ ގަދަ ހޫނުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ ފަހު ހާފުގެ ތިން ވަނަ މިނިޓް ތެރޭ މެކްސިކޯގެ ޖިއޮވާނީ ޑޮސް ސަންތޯސް އެވެ. ނެދަލޭންޑްސް އަށް ނަތީޖާ އެއްވަރު ނުކުރެވި ވަގުތު ހަމަވާން ކައިރިވަމުން ދިޔައިރު ހީވީ 1986 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް މެކްސިކޯ ކުއާޓާ ފައިނަލުގެ ޖާގަ ހޯދަނީ ކަމަށެވެ. ނަމަވެސް 88 ވަނަ މިނިޓުގައި ޕެނަލްޓީ އޭރިއާގެ ބޭރުން ވެސްލީ ސްނައިޑާ ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނުމާ އެކު މެކްސިކޯގެ އުއްމީދުތަކަށް ފަނޑު ކަމެއް އަ އެވެ. މެޗުގެ އިތުރު ވަގުތުގައި ޕެނަލްޓީ އޭރިއާގެ ތެރޭ މެކްސިކޯގެ ކެޕްޓަން ރަފޭލް މާކޭޒްގެ ފައުލަކުން އާޔެން ރޮބެން ވެއްޓުމާ އެކު ޕޯޗުގަލްގެ ރެފްރީ ޕެޑްރޯ ޕްރޮއެންކާ ވަނީ ޕެނަލްޓީ އަކަށް ކަށިގަނޑު ފުންމައިފަ އެވެ. ނެދަލޭންޑްސް ގަދަ އަށަކަށް ގެންގޮސް ދިނީ ކެޕްޓަން ރޮބިން ވެން ޕާސީގެ ބަދަލުގައި ކުޅެން އެރި ކްލާސް ޖާން ހަންޓެލާ ޖެހި ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. މިރޭގެ މެޗުގައި މެކްސިކޯ ބަލިވުމުން އެ ޓީމުގެ ފޯވާޑް ހާވިއާ ހެނާންޑޭޒް ދެރަވެގެން ދަނޑުމަތީގައި. --ފޮޓޯ:އޭއެފްޕީ މިރޭގެ މެޗުގައި ވެސް ވަނީ މެކްސިކޯގެ ކީޕަރު ގުއިލެމޯ އޮޗޮއާގެ މޮޅު ކުޅުން ފެނިފަ އެވެ. ގްރޫޕް ސްޓޭޖުގައި ބްރެޒިލްއާ ދެކޮޅަށް މެކްސިކޯ ކުޅެ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގެ ހުރިހާ ޝުކުރުއެއް ވެސް އޮތީ ކުޅޭނެ ކްލަބެއް ނެތި މި ވަގުތު ހުރި އޮޗޮއާ އަށެވެ. މިރޭގެ މެޗުގައި ނަތީޖާ ހަމަހަމަ ކުރަން ނެދަލޭންޑްސްގެ ޑިފެންޑަރު ސްޓެފަން ޑިވްރަޔާ ފޮނުވާލި ބާރު ބޯޅައެއް އޮޗޮއާ ވަނީ ދިފާއުކޮށްފަ އެވެ. އެ ބޯޅަ ގޯލަށް ނުވަދެ ދިޔައީ ކީޕަރު އަތުގައި ޖެހިފައި ގޮސް އަރިމަތީ ދަނޑީގައި ޖެހުމުންނެވެ. ގޯލް-ލައިން ޓެކްނޮލޮޖީން ދައްކާފައި ވަނީ މިއީ ގޯލެއް ނޫން ކަމަށެވެ. މިރޭގެ ނާކާމިޔާބީއާ ގުޅިގެން މިއީ ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ޖެހިޖެހިގެން މެކްސިކޯ ކެޓި ހަ ވަނަ ފަހަރެވެ. ނެދަލޭންޑްސްގެ ހަންޓެލާގެ ހަމަލާއެއް މެކްސިކޯ ކީޕަރު އޮޗޮއާ ދިފާއު ކުރަނީ. --ފޮޓޯ:އޭއެފްޕީ މެޗަށް ފަހު ނެދަލޭންޑްސް ކޯޗު ލުއީ ވެން ހާލް ބުނީ މެޗުގެ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކުޅުންތެރިންގެ އިތުބާރު އޮތް މިންވަރު މިރޭ ހާމަވެގެން ހިނގައްޖެ ކަމަށެވެ. "މެޗު ކުޅުނު މާހައުލު އަހަރެންނަށް ވަރަށް ގޯސް. އެކަމަކު އެ ހާލަތުގައި ވެސް މެޗުގެ ފަހު ވަގުތު މެކްސިކޯ އަށް ވުރެ އަހަރެމެން ރަނގަޅު. އެއީ ކުޅުންތެރިންނަށް ޝުކުރު ހައްގުވާ ކަމެއް. މި މެޗަށް ފިޒިކަލީ ވެސް އައީ ތައްޔާރުވަމުން،" ވެން ހާލް ބުންޏެވެ. ނެދަލޭންޑްސްގެ މޮޅުވި ޕެނަލްޓީ ހަންޓެލާ މެކްސިކޯ ގޯލަށް ވައްދާލަނީ. --ފޮޓޯ:އޭއެފްޕީ މިރޭ މެޗު ކުޅެމުން ދިޔަ އިރު ހޫނުވުމުން ރެފްރީ ވަނީ ފީފާ ގަވާއިދުގެ ދަށުން ކޫލިން ބްރޭކެއް ދެ ހާފުގައި ވެސް ދީފަ އެވެ. މިއީ ވޯލްޑް ކަޕް މެޗެއްގައި ކޫލިން ބްރޭކް ރަސްމީކޮށް ނެގި ފުރަތަމަ ފަހަރެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ