ނިއުޔޯކް ޓައިމްސްގައި ޖެހި އާޓިކަލާ ގުޅިގެން ފިނޭންސް މިނިސްޓަރުގެ މައްޗަށް ރައީސް މައުމޫން އަބުރުގެ ދައުވާ ހުށަހަޅުއްވައިފި

14:30ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމާ ބެހޭ ގޮތުން އެމެރިކާގެ ނިއުޔޯކް ޓައިމްސްގައި ލިޔެފައިވާ ރިޕޯޓަކަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ހަގީގަތަ ހިލާފު ވާހަކަތަކެއް ހުރި ކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރ އަލީ ހާޝިމުގެ މައްޗަށް ކުރައްވާ އަބުރުގެ ދައުވާ ރައީސް މައުމޫން ޖިނާއީ ކޯޓަށް ހުށަހަޅުއްވައިފި އެވެ.ރައީސް މައުމޫނުގެ ވަކީލު އަލްއުސްތާޒު މުހައްމަދު ވަހީދު އިބްރާހިމް މިއަދު ވިދާޅުވީ އެ ދައުވާގައި ވަނީ، އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވިއިރު ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލަތަކެއް ހުރި ކަމަށާއި ދައުލަތުގެ ފައިސާ ލޫޓުވާފައިވާ ކަމަށް ބުނެ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރި ގޮތާ މެދު ބައިނަލްއަގުވާމީ ފަރާތްތަކާއި، ދިވެހި ރައްޔިތުންގެ މެދުގައި އެމަނިކުފާނުގެ އިތުބާރު ގެއްލޭ ގޮތަށާއި، އެމަނިކުފާނުގެ އަބުރާއި އިއްޒަތާއި ކަރާމާތައް އުނިކަން ލިބޭގޮތަށް ނިއުޔޯކް ޓައިމްސް އަށާއި މިއަދު ނޫހަށް ފިނޭންސް މިނިސްޓަރ އަލީ ހާޝިމް ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީގެ 128 ވަނަ މާއްދާއާ ހިލާފަށް ރައީސް މައުމޫންގެ ޒާތީ މިނިވަންކަމުގެ ހައްގަށާއި، އިޖުތިމާއީ ގޮތުން މުޖުތަމައުގެ ފައިދާ އަށް، އެމަނިކުފާނު ކުރައްވަމުން ގެންދަވާ ހިދުމަތްތަކަށް ހުރަސްއެޅޭ ގޮތަށާއި، އެމަނިކުފާނުގެ އިއްޒަތާއި ކަރާމާތާއި ޝަރަފަށް އުނިކަން ލިބޭގޮތަށް، އެމަނިކުފާނުގެ އަބުރުފުޅާ ބެހި، އަބުރުފުޅު، ނަގާލާފައިވާތީ، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމުގެ ގަވާއިދުގެ ތިން ވަނަ މާއްދާގެ (ހ) އާއި (ށ)ގެ ދަށުންނާއި އެކަމާ ގުޅޭ އެހެނިހެން މާއްދާ ތަކުގައިވާ ގޮތުގެ މަތިން ސާބިތުކޮށް، އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ މާއްދީ އަދި މައުނަވީ ގެއްލުމުގެ ބަދަލު ހޯދުމަށް އެދިވަޑައިގެން ކަމަށް ވެސް އެ ދައުވާގައިވެ އެވެ.މި ދައުވާ ކޯޓަށް ހުށަހެޅުއްވުމަށްފަހު، ދައުވާއާ ބެހޭ ތަފްސީލް ދެއްވަމުން ރައީސް މައުމޫނުގެ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ، ރައީސް މައުމޫނާ ބެހޭ ގޮތުން އެ ނޫސްތަކުގައި ފަތުރާފައިވާ މައުލޫމާތުތަކަކީ ދޮގު މައުލޫމާތުތަކެއްކަން ސާބިތުކޮށްދެއްވާނެ ކަމަށެވެ. އަދި ރައީސް މައުމޫނަކީ ހިޔާނާތްތެރިއެއް ނޫންކަން ސާބިތުކޮށްދެއްވައި އެމަނިކުފާނުގެ އަބުރު ރައްކާތެރިކޮށްދެއްވާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.ވަހީދު ވިދާޅުވީ ރައީސް މައުމޫނުގެ އަބުރުފުޅު ނަގާލުމަށް ލިޔާ އެފަދަ ލިޔުންތަކަކީ އޭގައި ސަރުކާރުގެ އަތެއްވާ ކަމެއް ކަމަށެވެ. އަދި އެކަމުން މި ސަރުކާރުގެ ނުކުޅެދުންތެރިކަން ހާމަވާ ކަމަށާއި، އެކަމަކީ ސަރުކާރުގެ އެހެން މަގުސަދެއް އޮވެގެން، ދިވެހި ރައްޔިތުންނާއި ބައިނަލްއަގްވާމީ ދުނިޔޭގައި ރައީސް މައުމޫނުގެ އަގު ވައްޓާލުމަށް ސަރުކާރުން ކުރަމުންގެންދާ ކަމެއް ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.ވަޙީދު އަދި ވިދާޅުވީ، އެ މައްސަލައިގައި ވަރަށް ގިނަ ފަރާތްތަކެއްގެ މައްޗަށް ދައުވާ ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި މިއަދު ނޫހުގެ މަސްއޫލުވެރިޔާ އަހްމަދު އަބްދުﷲގެ މައްޗަށް ދައުވާ ހުށަހެޅުމަށް ތައްޔާރުވެފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. އަދި ނިއުޔޯކް ޓައިމްސްގައި އެ ލިޔުން ލިޔުނު ފަރާތާމެދު ވެސް ދައުވާ ކުރައްވާނެ ކަމަށާއި، މިއީ އެކަމުގެ ފެށުން ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ