ޖައިލަމްގެ މަރުގެ މައްސަލަ ދަށު ކޯޓުން ބަލައިގަންނަން ޖެހޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފި

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މަރާލި ޖައިލަމް އަހުމަދުގެ މަރުގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގަންނަން ޖެހޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ދަރުބާރުގޭގެ ކުރިމަތިން އޮންނަ ގޯޅި ތެރޭގައި ޖައިލަމަށް ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅި ނަމަވެސް އެ ކޯޓުން ވަނީ އެ ދައުވާގައި އޮޅުން އަރާ ކަންތައްތަކެއް ހުރި ކަމަށް ބުނެ އެ މައްސަލަ ބަލައިނުގެންފަ އެވެ. ކްރިމިނަލް ކޯޓުން އެ މައްސަލަ ބަލައިގަންނަން ޖެހޭނެ ކަމަށް ހައި ކޯޓުން ހުކުމްކުރީ ޕީޖީން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ. ހައި ކޯޓުގެ ހުކުމުގައި އަންްގާފައިވަނީ ހަތް ދުވަސް ތެރޭގައި ދައުލަތުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅަައިފި ނަމަ އެ މައްސަލަ ބަލައިގަތުމަށެވެ. ދަށު ކޯޓުތަކުން މައްސަލަ ބަލައިނުގަތުމުން އެ މައްސަލަތައް މީގެ ކުރިން ވެސް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވެ އެވެ. ދައުވާލިބޭ ފަރާތެއް ނޯންނަ އެ ބާވަތުގެ މައްސަލަތަކަށް ކިޔަނީ އެކްސްޕާޓޭ މައްސަލަތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ