ސީމެގަކީ ދަތް ނެތް މިނިކާ ވަގެއް – އުމަރު

މިދިޔަ މަހުގެ މެދު ތެރޭގައި ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) އިން ނެޝަނަލް އިންކުއަރީ ކޮމިޝަން އަލުން އެކުލަވާލުމަށް ދިވެހި ސަރުކާރަށް ދިން މުހުލަތު ހަމަވާން އެއް ދުވަހަށް ވެފައިވަނިކޮށް ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ސީމެގަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވައިފި އެވެ.
ރޭ ދިޓީވީގެ ހަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ސީމެގުން ރާއްޖެއަށްދިން މުހުލަތު ހަމަވި ނަމަވެސް އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާއި ސީމެގަކީ ދަތް ނެތް މިނިކާ ވަގެއް ކަމަށެވެ. އުމަރު ވިދާޅުވީ ސީމެގުން ސަސްޕެންޑުކުރަން ދޭނީ ލަފާ ކަމަށާއި އޭރުން ޖެހޭނީ 54 ގައުމުގެ ލީޑަރުން ބައްދަލުކޮށްގެން ގޮތެއް ނިންމަން ކަމަށެވެ.
"ސީމެގަކީ ދަތް ނެތް މިނިކާ ވަގެއް، ދަތް އަޅާނަމޭ ވެސް ބުނާނެ އެކަމެއް ނުވެސް ކުރެވޭނެ، އަޅުގަނޑުމެންނަށް އިނގޭ ކޮމަންވެލްތުން ކަންތައް ހިނގާ ގޮތް، ސީމެގުން ސަސްޕެންޑްކުރަން ދޭނީ ލަފާ، އޭރުން ޖެހޭނީ 54 ގައުމުގެ ލީޑަރުން ނޫނީ ފޮރިން މިނިސްޓަރުން ބައްދަލުކޮށްގެން އެކަން ކުރަން، ސީމެގަކަށް ނުކުރެވޭނެ" އުމަރު ނަސީރު ވިދާޅުވި އެވެ.
އުމަރު ނަސީރު ވިދާޅުވީ އިޒްރޭލުން ބޭނުންވާ ގޮތަށް ސީމެގުން ކަންތައް ކުރަމުންދަނީ ރައީސް ނަޝީދު ގާނޫނާ ހިލާފަށް ކޮށްފައިހުރި ކަންތަކުގައި ޖަލަށްލާނެ ކަން އިނގޭތީ ކަމަށެވެ.
" މި ދަންނަވަނީ ޖަލަށް ލާނަން، 10 އަހަރުގެ ހުކުމެއް އަންނާނެ، އެކަމާއި ކަންބޮޑުވެވަޑައިގަންނަވާ ބޭފުޅުންނަށް ދަންނަވާލަން އޮތީ  މުހައްމަދު ނަޝީދު ޖަލަށްލާނެ އޭ." ދިޓީވީގެ ހަބަރު ތެރެއިން ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވި އެވެ.
ދާދި ފަހުން ރާއްޖެ ވަޑައިގެންނެވި ކޮމަންވެލްތުގެ މަންދޫބު ޑޮން މެކިނަން ސިޔާސީ ޕާޓީތަކާއެކު ބޭއްވި ބައްދަލުވުމާއި ބެހޭ ގޮތުން އުމަރު ވިދާޅުވީ މެކިނަން ބޭނުންވީ 2 ކަމެއް ކަމަށާއި އެއީ އިންކުއަރީ ކޮމިޝަން އަލުން އެކުލަވާލުމާއި އަވަސް އިންތިޙާބެއް ބޭއްވުން ކަމަށެވެ. އިންކުއަރީ ކޮމިޝަން އާއި ބެހޭގޮތުން އުމަރު ވިދާޅުވީ އެމްޑީޕީން ބޭނުންވާ މީހަކު އިންކުއަރީ ކޮމިޝަނަށް ލާނަމަ ޕީޕީއެމްގެ ފަރާތުން އެބޭފުޅާ ވެސް އެ ކޮމިޝަނަށް ލެވެންޖެހޭނެ ކަމަށެވެ.
"މާރިޔާ އެމްޑީޕީގެ ފަރާތުން ލަންޏާ އަޅުގަނޑު އިންނަން ބޭނުން، ދެން ހުރި ޕާޓީތަކުން ވެސް ބޭނުން ވާނެ، އޭރުން ވާނީ މަޖިލިސްގައި ވާ ގޮތް، މާރިޔާ ފުންމައިގެން އަރާއިރަށް އަޅުގަނޑު ފުންމައިގެން އަރާނަން، ދެން ނަގާނީ ނިޒާމީ ނުކުތާ، އެމްޑީޕީން ކޯ ޗެއާރ ކުރަންޏާ އަޅުގަނޑުމެން ކޯ ޗެއާރ ކުރަން ބޭނުން، ކޯ ޗެއާރ ކުރެވޭނެ 7 މީހުންނަށްވެސް" އުމަރު ވިދާޅުވި އެވެ.
އަވަސް އިންތިޙާބާ ބެހޭ ގޮތުން އުމަރު ވިދާޅުވީ މިރާއްޖޭގައި އަވަސް އިންތިޙާބެއް ނުބޭއްވޭނެ ކަމަށް މެކިނަން އަރިހު ތަކުރާރުކޮށް ދަންނަވާފައިވާނެ ކަމަށެވެ. އަދި މިރާއްޖޭގައި އިންތިޙާބެއް ބޭއްވޭނީ ގާނޫނު އަސާސީ އިސްލާހްކޮށްގެން ކަމަށާއި އެކަން ނުވެސް ކުރާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް ކަމެއް ދިމާވުމުން އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާ އާއި ޗައިނާ އާއި މެދު އިރުމަތިން ކަމަށާއި  ނަގިލި އޮތީ މެދުއިރުމަތީގައި ކަމަށްވާތީ އެގައުމުތަކުން އެހީ ލިބޭނެ ކަމަށެވެ.
އުމަރު ވިދާޅުވީ އެބޭފުޅުން ބޭނުންވާގޮތަށް ދީލާނުލާނެކަން ސީމެގަށް އިނގޭނެ ކަމަށާއި އެހެންކަމުން މިފަހަރު ސީމެގުން ނެރޭނީ ވަރަށް އާދައިގެ ސްޓޭޓްމެންޓެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ